ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މަގާމުން ވަކިކުރަން ހުށަހަޅާފައިވާ މައްސަލައިގައި އޭނާގެ މައްޗަށް ކޮށްފައިވާ ހުރިހާ ތުހުމަތަކަށް އިންކާރުކުރައްވާ ކަމަށާއި އެ ހުރިހާ ވާހަކައެއް ނުދައްކާ "ރީތިކޮށް ބުނި ނަމަ" ވެސް މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ޝަމީމް ވިދާޅުވެއްޖެ އެވެ.

ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުށަހެޅި މައްސަލަ އާ ގުޅޭ ގޮތުން "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ޝަމީމް ވިދާޅުވީ ޖުޑިޝަރީ ކޮމިޓީން ފޮނުވި ސިޓީގައި އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަށް ވަކިވަކިންނާއި ޖުމްލަކޮށް އިންކާރު ކުރައްވާ ކަމަށެވެ.

"އެއީ އެއްވެސް ހަގީގަތެއްގެ މައްޗަށް ބިނާވެފައިވާ ތުހުމަތުތަކެއް ނޫން" ކަމަށާއި އެއީ މީގެ ކުރިން ޖަވާބުދީ ބާވެފައި ހުރި މައްސަލަތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވި ގޮތުގައި، ޕީޖީ އޮފީހުން މީގެ ކުރިން ނެރެފައިވާ ރިޕޯޓުތަކާއި ލިޔުންތަކާއި މަޒުމޫނުތައް މެންބަރުން ވިދާޅުވެ ދިރާސާކޮށްލި ނަމަ މިފަދަ ތުހުމަތުތައް ކޮށް މަޖިލީހުގެ ވަގުތު ނަގާލަން ނުޖެހޭނެ އެވެ.

"އަޅުގަނޑުގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަކީ މަގާމުން ވަކި ކުރަން ބޭނުންވެގެން ކޮށްފައިވާ ތުހުމަތުތަކެއް. އެއީ މީގެ އެތައް މަހެއް ކުރިން ޖަވާބުދީފައި ހުރި ފެން ނުހިފޭ ތުހުމަތުތަކެއް،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވި ގޮތުގައި އެ ތުހުމަތުތައް ކުރުމުގެ ބަދަލުގައި މަގާމުން ވަކި ކުރަން ބޭނުން ވެގެން އެ ވާހަކަ ވިދާޅުވި ނަމަ ވެސް އެކަން ކުރެއްވީހެވެ.

"ތުހުމަތުތަކަކީ ރަނގަޅު ނިޔަތެއް އޮވެގެން ކުރައްވާފައިވާ ތުހުމަތުތަކެއް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެ ޒާތުގެ ހަގީގަތާ ހިލާފު ތުހުމަތު ނުކުރައްވައި، އަޅުގަނޑު ގާތު މަގާމުން އިސްތިއުފާދޭން ވިދާޅުވި ނަމަ އަޅުގަނޑު މިހުރީ އިސްތިއުފާދޭން ވެސް ތައްޔާރަށް،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ ސަރުކާރު ބަދަލުވުމުން ބައެއް މިނިސްޓަރުންނާ ބައްދަލުވުމުން އޭނާގެ މަސައްކަތާ ބެހޭ ޝަކުވާއެއް އޮތްތޯ ކުރިން ބައްލަވާފައިވާ ކަމަށެވެ. އެގޮތަށް ބައްދަލު ކުރެއްވި ހަތް މިނިސްޓަރަކާއި އެ ފެންވަރުގެ އެހެން ބޭފުޅުން ވެސް ޝަމީމް މަގާމުގައި ދެމި ހުރުމަށް ލަފާ ދެއްވާފައިވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.

އޭގެ އިތުރުން އެންމެ ފަހުން ބޭއްވި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައި ވެސް އެއްވެސް މެންބަރަކު އެފަދަ ތުހުމަތެއް ކުރައްވާފައި ނުވާ ކަމަށާއި އެފަދަ ޝަކުވާއެއް ވެސް ފާހަގަކޮށްފައި ނުވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.

ޕީޖީއަށް ތުހުމަތު ކޮށްފައިވާ މައްސަލަތައް

- ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކޮށްފައިވާ ޖިންސީ ކުށުގެ ދައުވާތައް ފައިލް ކުރުން.

- މަގާމުގައި ދެމި ހުރުމަށް ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްސަލަ ފައިލް ކުރުން.

- ސަފާރީ ރޭޕް ކޭސްގެ މައްސަލާގައި އެމްޑީޕީ އާ ގުޅުން އޮންނަ ފަރާތެއް ހިމެނޭތީ އިސްތިއުނާފް ނުކުރުން.

- ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ރިޒާގެ މައްޗަށް ކުރި ހިއުމަން ޓްރެފިކިންގެ ދައުވާ އަނބުރާ ގެންދިޔުން.

- ޝަމީމް ވަނީ ބަނގުރާ އާ ގުޅޭ 77 މައްސަލައެއް އަނބުރާ ގެންދިޔުން.

- އެއް ޖިންސުން ގުޅުން ހިންގުމާ ގުޅޭ 13 މައްސަލައެއް އަނބުރާ ގެންދިޔުން.

- ވެންޓިލޭޓަރު މައްސަލާގައި ދައުވާ ނުކުރަން ނިންމުން.

- ޕީޖީ އޮފީހުގެ މުއައްޒަފުންނާ މެދުގައި ތަފާތު ކުރުންތައް ގެންގުޅުން.

ދައުވާއެއް ކުރިޔަށް ގެންދިޔުމާއި އިތުރަށް މުރާޖާ ކުރުމާއި އަނބުރާ ގެންދިޔުމަކީ ގާނޫނުގެ ތެރެއިން ޕީޖީ އަށް ލިބިފައިވާ ބާރު ކަމަށް ވާއިރު ޝަމީމް ވިދާޅުވީ މި ހުރިހާ މައްސަލައެއްގައި ވެސް އަމަލުކުރައްވާފައި ވާނީ ގާނޫނުއަސާސީން ދީފައިވާ ބާރާއި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ ކޮންމެ ދުވަހަކު އޭނާގެ ޒިންމާގެ ތެރެއިން ހިނގަމުން އަންނަ ކަންކަމެވެ.

"މިއިން ނިންމުމެއްގެ ސަބަބުން ލިބުނު ޒާތީ މަންފާއެއް ނޯންނާނެ" ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ އަށް އަހަރާއި ހަތަރު މަސް އޭނާ މަސައްކަތް ކޮށްފައި ވާނީ މިނިވަންކަމާ އެކު ކަމަށާއި އެއްވެސް ފަރާތަކަށް ޖެހިލުމެއް އަދި މަންފާއެއް ވެސް ހޯދައިދީފައި ނުވާ ކަމަށް ޝަމީމް ވިދާޅުވި އެވެ. އަދި ވަކި ސަރުކާރަކަށް ބެލުމެއް ނެތި މައްސަލަތައް ބަލައި ދައުވާ ކޮށްފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވި ގޮތުގައި އޭނާ ކަންކަން ނިންމެވި ގޮތް ޕީޖީ އޮފީހުގެ ލިޔެކިޔުންތަކެއް ފެންނަން ހުންނާނެ އެވެ. އެއީ ހާމަކޮށް ބޮޑުކޮށް، މަޖިލީހުން ބަލަން ބޭނުންވެއްޖެ ނަމަ ބެލޭ ގޮތަށް ހުރި މައުލޫމާތު ކަމަށް ވިދާޅުވި އެވެ.