ހުޅުމާލޭގައި އިމާރާތްކުރާ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ އޮފީސް އިމާރާތުގެ ބިންގާ މިއަދު އަޅައިފި އެވެ.
އެ އިމާރާތް އަޅަނީ އަމިން އެވެނިއު ކުރިމަތީގައި އޮންނަ ހުސްބިމުގަ އެވެ. އެއީ 5،000 އަކަފޫޓުގެ ބިމެކެވެ.
އެތަނުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެ އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލާއި އެ ކޯޕަރޭޝަންގެ އިސްވެރިންނެވެ.
އެ އިމާރާތުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން 79.1 މިލިއަން ރުފިޔާއަށް މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ. އެ މަސައްކަތް ހަވާލުކުރީ ދޮޅު އަހަރު ދުވަސް ތެރޭގައި މަސައްކަތް ނިންމަން ޖެހޭ ގޮތަށެވެ.
އެ އިމާރާތުގައި ނުވަ ފްލޯ ހުންނާނެ އެވެ.
ހައްޖު ކޯޕަރޭޝަންގެ އޮފީސް މިހާރު ހިންގަނީ މާލެއިން އަމިއްލަ މީހެއްގެ އިމާރާތެއް ކުއްޔަށް ހިފައިގެންނެވެ.