އުމްރާއަށް މީހުން ގެންދިއުމަށް މޯލްޑިވިއަނުން ރާއްޖެއިން ސައުދީ އަރަބިއްޔާގެ ޖިއްދާއަށް މާދަމާ ކުރަން ހަމަޖެއްސި ދަތުރު މެދު އިރުމަތީގެ ހަނގުރާމައާ ގުޅިގެން ފަސްކޮށްފި އެވެ.
އެ ދަތުރު ކުރަން ކުރިން ނިންމާފައި އޮތީ މާދަމާ އެވެ.
މޯލްޑިވިއަންއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ސައުދީ އަރަބިއްޔާ ހިމެނޭ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ސަރަހައްދުގެ މަސްރަހު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށާއި އަދި މިހާރު އޮތް ހާލަތަކީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފާނެ ފަދަ ނުރައްކާތެރި ހާލަތެއް ކަމަށް ލަފާކުރެވޭ ކަމަށް ވެސް މޯލްޑިވިއަން އިން ބުންޏެވެ.
މެދުއިރުމަތީގެ މަސްރަހު ގޯސްވުމުގެ ސަބަބުން ބައެއް އެއާލައިންތަކުން ވެސް ސައުދީއަށް ކުރާ ދަތުރުތައް މެދުކަނޑާލާފައި ވާއިރު، ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރާ ބެހޭ އިދާރާތަކުން ނެރެފައިވާ ބަޔާންތަކާ ގުޅިގެން ޖިއްދާގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގައި ވެސް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް މޯލްޑިވިއަންއިން ބުންޏެވެ.
އެހެންވެ މާދަމާ ކުރަން ނިންމި ދަތުރު ފަސްކުރުމާ ގުޅިގެން އުމްރާވެރިންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ހައްޖު ކޯޕަރޭޝަނާއި މޯލްޑިވިއަނުން ވަނީ މާފަށް އެދިފަ އެވެ. އަދި ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދޭ ކަންކަމުގައި އެ އެއާލައިނުން ފާހަގަކުރި އެވެ.
ހައްޖު ކޯޕަރޭޝަނުން ވަނީ މަސްރަހު ހަމައަކަށް އެޅި، ދަތުރުކުރުމުގެ ރައްކާތެރިކަން ކަށަވަރުވުމުން އެ ދަތުރަށް ފައިސާ ދައްކާފައިވާ ހުރިހާ މީހުންނަށް އިތުރު އަގަކާ ނުލައި އެ ދަތުރު ކުރެވޭނެ ފުރުސަތު ފަހިކޮށްދޭނެކަމުގެ ޔަގީންކަން ދީފަ އެވެ.
އެ ސަރަހައްދުގެ މަސްރަހު ހަމައަކަށް އެޅި، ދަތުރުކުރުމުގެ ރައްކާތެރިކަން ކަށަވަރުވުމުން ދަތުރު ކުރާނެ އައު ތާރީހެއް ފަސިންޖަރުންނަށް އަންގާނެ ކަމަށް ވެސް މޯލްޑިވިއަންއިން ބުންޏެވެ.