މި ސަރުކާރުގެ ސިޔާސަތަކީ އަމިއްލަ ތަންތަން ކުރިއަރުވަން މަސައްކަތް ކުރުން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، ކުރީގެ ވެސްޓް ޕާކް ސަރަހައްދުގައި "އީވް ކްލިނިކް ވެސްޓް ޕާކް" ހުޅުވުމުގެ ގޮތުން ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ ހުރިހާ ގައުމެއްގައި ވެސް ސިއްހީ ދާއިރާ ތަރައްގީވެ، ފުޅާވަމުން އަންނަނީ އަމިއްލަ ކުންފުނިތަކާއި ވަކި ފަރުދުންގެ ވަރަށް ބޮޑު އެހީތެރިކަމާ އެކު ކަމަށެވެ.
"ސަރުކާރުގެ ސިޔާސަތަކީ އަމިއްލަ ފަރާތްތަކުން ރައްޔިތުންނަށް ދެއްވާ މިފަދަ ހިދުމަތްތައް ދެއްވުމުގައި ގާނޫނީ އިމުގެ ތެރެއިން ދެވެން އޮތް އެންމެ ބޮޑު އެހީތެރިކަމެއް ދިނުން،" ނާޒިމް ވިދާޅުވި އެވެ،
މިދިޔަ ދިޔަ 10 އަހަރު ވެސް އީވް ކްލިނިކުން ދިވެހިންނަށް ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ އެއީ ރައްޔިތުން ވެސް ބަލައިގަންނަ ކަމެއް ކަމަށެވެ.
އެ ގޮތުގައި ކުރިއަށް ދިއުމަށް މިނިސްޓަރު ވަނީ އެ ކްލިނިކްގެ މުވައްޒަފުންނާއި މެނޭޖްމެންޓަށް އިލްތިމާސް ކުރައްވައިފަ އެވެ.
އެންމެ ޑޮކްޓަރަކާ އެކު އީވް ކްލިނިކް ފަރީދީ މަގުގައި ހުޅުވީ ޖެނުއަރީ 2010 ގަ އެވެ. އޭރު އެ ތަނުގައި މަސައްކަތް ކުރެއްވީ މިހާރު ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަބްދުﷲ ނިޔާފް އެކަންޏެވެ. ނަމަވެސް މިހާރު އެއީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ މަޝްހޫރު ކްލިނިކެކެވެ.