މާލޭގެ އާޓިފިޝަލް ބީޗްގައި ހަމަނުޖެހުން ހިންގި ބިދޭސީންތަކަކާ މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

މިއަދު އިރުއޮއްސުނު ގަޑީގައި އާޓިފިޝަލް ބީޗްގައި ގިނަ އަދަދެއްގެ މީހުން ޖަމާވެފައިވަނިކޮށް، ހަމަނުޖެހުން ހިންގާފައިވަނީ އެ ތަނަށް ގޮސް އުޅުނު އިންޑިއާ ބައެއްގެ މެދުގަ އެވެ. އެކަކު އަނެއްކަކަށް ހަމަލާދީ، ޒުވާބުކޮށް ހެދުމުން އެ ތަނުގެ މަސްލަހަތު ގެއްލުނެވެ.

ހަމަނުޖެހުން ހިންގި މީހުންގެ ތެރެއިން އެކަކު އެ ވަގުތު އެ ސަރަހައްދުގައި ހުރި ކުޑަ ކުއްޖެއްގެ ގައިގާ ޖެހިފައިވެ އެވެ. އެ ކުއްޖާ ބެލެނިވެރިޔާ ވަނީ އެކަމާ ނުރުހުން ފާޅުކޮށް، ފުލުހަށް ރިޕޯޓް ވެސް ކޮށްފަ އެވެ. ނަމަވެސް ފުލުހުން އެ ތަނަށް ދިޔައިރު ހަމަނުޖެހުން ހިންގި މީހުން ވަނީ ގޮސްފަ އެވެ.

އިމިގްރޭޝަންގެ ކޮންޓްރޯލާ މުހައްމަދު ޝައްމާނު ވިދާޅުވީ އާޓިފިޝަލް ބީޗު ސަރަހައްދުގައި މާރާމާރީ ހިންގައި، އާއްމު މަސްލަހަތު ނަގާލުމުގައި ބައިވެރިވެފައިވާ ބިދޭސީންގެ މައްސަލަ ޓާސްކް ފޯހުން މިހާރު ބަލަމުންދާ ކަމަށެވެ.

"މިކަމުގަ ޝާމިލުވެފައިވާ ބިދޭސީންނަށް ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން އަރުވަން،" ޝައްމާނު ވިދާޅުވި އެވެ.

ހުކުރު ދުވަހަކީ މާލޭގެ އާންމު ތަންތަނަށް ގިނަ އަދަދެއްގެ މީހުން އެއްވާ ދުވަހެކެވެ. އާޓިފިޝަލް ބީޗްގައި ސަރަހައްދުގައި މަސްތުގެ ހާލަތުގައި ބަޔަކު އުޅޭ ކަމުގެ ޝަކުވާ މީގެކުރިން ވެސް އެތަނަށް ދާ ކުޑަކުދިންގެ ބެލެނިވެރިން ކޮށްފައިވެ އެވެ.