މާލޭގެ އާޓިފިޝަލް ބީޗުގައި ހަމަނުޖެހުން ހިންގި ބިދޭސީންގެ ތެރެއިން އިސްކޮށް ހުރި މީހާ ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.
އިމިގްރޭޝަނުން މިއަދު ބުނީ މި މަހުގެ ހަ ވަނަ ދުވަހު އާންމު މަސްލަހަތަށް ނުރައްކާވާ ގޮތަށް އެ ސަރަހައްދުގައި ހިނގި މާރާމާރީގައި އިސްކޮށް އުޅުނު މީހާ ފުލުހުންގެ އެހީތެރިކަމާ އެކު ފާހަގަކޮށް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އަނބުރާ ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަނީ އަމްރީތު ސިންގް ނަމަކަށް ކިޔާ މީހެއް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އެ ދުވަހު އިރުއޮއްސުނު ގަޑީގައި އާޓިފިޝަލް ބީޗްގައި ގިނަ އަދަދެއްގެ މީހުން ޖަމާވެފައިވަނިކޮށް، ހަމަނުޖެހުން ހިންގީ އެ ތަނަށް ގޮސް އުޅުނު އިންޑިއާ ބައެއްގެ މެދުގަ އެވެ. އެކަކު އަނެކަކަށް ހަމަލާދީ، ޒުވާބުކޮށް ހެދުމުން އެ ތަނުގެ މަސްލަހަތު ގެއްލުނެވެ.
ހަމަނުޖެހުން ހިންގި މީހުންގެ ތެރެއިން އެކަކު އެ ވަގުތު އެ ސަރަހައްދުގައި ހުރި ކުޑަ ކުއްޖެއްގެ ގައިގައި ޖެހިފަ އެވެ. އެ ކުއްޖާ ބެލެނިވެރިޔާ ވަނީ އެކަމާ ނުރުހުން ފާޅުކޮށް، ފުލުހަށް ރިޕޯޓް ވެސް ކޮށްފަ އެވެ. ނަމަވެސް ފުލުހުން އެ ތަނަށް ދިޔައިރު ހަމަނުޖެހުން ހިންގި މީހުން އެ ސަރަހައްދުގައި ނެތެވެ.