މައްޔިތުން އުފުލާ ފެރީ އަލުން ހިދުމަތަށް ނެރެފި

މާލޭގައި މަރުވާ މީހުން ވަޅުލުމަށް ހުޅުމާލެއަށް ގެންދަން ބޭނުންކުރާ އެމްޓީސީސީގެ ހާއްސަ ފެރީ މަރާމާތަށްފަހު އަލުން ބޭނުން ކުރަން ފަށާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.


އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މައްޔިތުން އުފުލާ ފެރީއަށް ބަދަލުތަކެއް ގެނައުމަށްފަހު، މައްޔިތުން އުފުލުމުގެ ކަންކަން ކުރިއެކޭ އެއްގޮތަށް މިހާރު ކުރިއަށްދެ އެވެ.

މައްޔިތުން އުފުލުމަށް ހާއްސަކުރި، 40 މީހުންގެ ޖާގައިގެ ފެރީ މަރާމާތަށް ތިލަފުއްޓަށް ގެންދިޔައީ މިދިޔަ ހުކުރު ދުވަހު އެވެ. އެހެންވެ، މިއަދާ ހަމައަށް މައްޔިތުން ހުޅުމާލެއަށް އުފުލަމުން ގެންދިޔައީ ހުޅުމާލެ އާއި މާލެއާ ދެމެދު ސައިކަލް ގެންދަން ހާއްސަކޮށްފައި އޮންނަ ފެރީގަ އެވެ.

ސައިކަލް އުފުލުމަށް ހާއްސަކޮށްފައި އޮންނަ ފެރީގައި މައްޔިތުން ގެންދެވޭނެ އިންތިޒާމުތައް ހަމަޖައްސާފައި ނެތުމުން އާންމުންގެ ގިނަ ބަޔަކު ދިޔައީ ޝަކުވާ ކުރަމުންނެވެ. އެ ގޮތުން، ފެރީގެ ތައްޓު މަތީގައި ގަބުރު ބާއްވަން ޖެހި، ގަބުރު ހިފެހެއްޓޭނެ ގޮތެއް ނެތުމުން، އަތުން ގަބުރު ހިފަހައްޓައިގެން ތިބެންޖެހުނެވެ.

މައްޔިތުން އުފުލުމަށް ހާއްސަ ފެރީ މި މަހުގެ އެއް ވަނަ ދުވަހު ހަލާކުވުމާ ގުޅިގެން އެ މުއްދަތުގެ ފަހުން މަރުވި ދިހަވަރަކަށް މީހުންގެ ހަށިގަނޑު ގެންދަން ޖެހުނީ ވަރަށް ދަތި ހާލުގައި ކަމަށް، އެކަމުގެ މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.

މައްޔިތުން އުފުލުމަށް ހާއްސަކޮށްފައި އޮންނަ ފެރީގައި އެއްފަހަރާ ދެ މައްޔިތުން ބޭއްވުމަށް ހާއްސަ އަށްޓެއް ހަދާފައި ހުރެ އެވެ. އަށިމަތީގައި މައްޔިތުން ބާއްވާފައި އޮންނަ އިރު، ގަބުރު ހިފެހެއްޓުމަށްޓަކައި ބެލްޓެއް އެޅުވޭނެ ގޮތް ހަދާފައި ހުރެ އެވެ.

މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލެ އަށް ގެންގޮސް ވަޅުލާން ފުރަތަމަ ފެށީ މިދިޔަ އަހަރުގެ މާޗު މަހު އެވެ. އެކަމަކު އިންތިޒާމްތައް ދޯދިޔާވުމާއި އާންމުން އުފުލަން ޖެހުނު ބުރަ ބޮޑުވުމުން، އަނެއްކާވެސް އާ ސަހަރާގައި ބައެއް މީހުން ވަޅުލުމާ އެކު އެކު ހުޅުމާލެއަށް ގަބުރު އުފުލުން ހުއްޓުމަކަށް އަ އެވެ. މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލެއަށް ގެންގޮސް ވަޅުލާން އަލުން ފެށީ މިދިޔަ ފެބްރުއަރީ މަހު އެވެ.