ސެމީ ފައިނަލުގައި މާލެގެ މައްޗަށް 3-2 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ބ. އޭދަފުށިން ގޯލްޑް ކަޕްގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.
މިއީ މި މުބާރާތުގައި އޭދަފުށިން މާލެ ބަލި ކުރި ދެވަނަ ފަހަރެވެ. ގުރޫޕް ސްޓޭޖުގައި ވެސް އޭދަފުށިން ވަނީ މާލެ ބަލިކޮށްފަ އެވެ.
ފުރަތަމަ ހާފުގައި އޭދަފުށި ފެނުނީ ތަފާތުކޮށެވެ.
ގާތްގަނޑަކަށް ފުރަތަމަ 30 މިނެޓްގެ ކުރިން އޭދަފުށިން ތިން ލަނޑު ޖެހި އެވެ.
އެ ޓީމުގެ ފުރަތަމަ ދެ ލަނޑު ޖެހީ ހަމްޒާ މުހައްމަދު (ހަމްޕް) އެވެ. މިއަދުގެ ފުރަތަމަ 11 ގައި ހިމެނިގެން އަމިއްލަ ރަށު ޓީމަށް އޭނާ ކުޅުނު ފުރަތަމަ މެޗެވެ.
މާޒިޔާގެ މިޑްފީލްޑަރު މުބާރާތާ ގުޅުނީ ކުއާޓާ ފައިނަލު މެޗާ ހަމައިންނެވެ. ނައިފަރާ ދެކޮޅަށް ކުޅުނު ކުއާޓާ ފައިނަލު މެޗުގައި އޭނާ ކުޅެން ނުކުތީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.
އެ ޓީމުގެ ތިންވަނަ ލަނޑު ޖެހީ އިޝާން އިބްރާހިމް (ސައްޓު) އެވެ. އެ ޓީމުގެ އަހްމަދު އައިހަމް އޭރިއާ ތެރެއަށް ނެގި ބޯޅަ ރީބައުންސް ވެގެން އޭރިއާގެ ބޭރަށް ނުކުތުމުން އިޝާން ވަނީ އެއްފަހަރުން ޖަހައި އެ ބޯޅަ ގޯލްގެ ތެރެއަށް ވައްދަލައިފަ އެވެ.
ތިން ލަނޑަށް ފަހު އޭދަފުށިން ގޭމްގެ ޓެމްޕޯ ދަށްކޮށްލި އެވެ. ދެން އެ ޓީމުން މަސައްކަތް ކުރީ ހަމަޖެހިލައިގެން ބޯޅަ ކޮންޓްރޯލް ކޮށްގެން ހާފް ނިންމާލާށެވެ.
ދެވަނަ ހާފުގައި މާލެގެ ކުޅުން ރަނގަޅު ކުރި އެވެ. ތިން ލަނޑުގެ ފަހަތުގައި އޮވެ ފެށި ހާފުގައި މާލެއިން ދެ ލަނޑަށް ނަތީޖާގެ ފަރަގު ކުޑަ ކުރި އެވެ.
ނަތީޖާ ހަމަހަމަ ކުރުމަށް ފުރުސަތުތައް ވެސް ތަނަވަސް ކުރި އެވެ. އެކަމަކު އޭދަފުށީގެ ގޯލްގެ ތެރެއަށް ބޯޅައެއް ފޮނުވާނުލެވުނެވެ.
މެޗުގެ ފަހު ކޮޅުގައި އޭދަފުށީގެ އަލީ ފާސިރު (ސެންޓޭ) އަށް ނަތީޖާ ފުޅާ ކުރަން ފުރުސަތު ލިބުނެވެ. ގާތްގަނޑަކަށް ހުސްކޮށް ހުރެ އޭނާ ފޮނުވާލި ބޯޅަ މާލެގެ ކީޕަރު ތޮލާލް ހަސަން (ޓޮޕްލަކް) ދިފާއު ކުރި އެވެ.
ދެވަނަ ސެމީ ފައިނަލުގައި މިރޭ ނުކުންނާނީ ރ. އަލިފުއްޓާއި އައްޑޫ އެވެ.