އަޒަރުބައިޖާން އެއާލައިންސްގެ ޕެސެންޖަ ޖެޓެއް ހުޅަނގު ކަޒަކިސްތާނަށް ވެއްޓި 38 މީހަކު މިއަދު މަރުވެއްޖެ އެވެ.
އަޒަރުބައިޖާންގެ އިދާރާތަކުން ބުނީ ކެސްޕިއަން ކަނޑުގެ އިރުމަތީ އައްސޭރީގައި އޮންނަ ތެލާއި ގޭހުގެ މުއްސަނދިކަން ލިބިފައިވާ އަކްތާއު ސިޓީ ކައިރިން އެމްބްރެއާ 190 މަރުކާގެ ބޯޓު ވެއްޓުނު ހާދިސާގައި 32 މީހަކު ސަލާމަތްވެފައިވާ ކަމަށެވެ.
އަޒަރުބައިޖާން އެއާލައިންސް އިން ބުނި ގޮތުގައި އެ ބޯޓުގައި 67 މީހުން ތިބިއިރު އޭގެ ތެރޭގައި 62 ފަސިންޖަރުންނާއި ފަސް ކްރޫ ހިމެނެ އެވެ. މީގެ ތެރެއިން ބަޔަކު ސަލާމަތްވެފައި ވިޔަސް 38 މީހަކު މަރުވެފައިވާ ކަމަށް މިހާރު ވަނީ ބެލެވިފަ އެވެ.
ވެއްޓުނީ ކެސްޕިއަންގެ ހުޅަނގު އައްސޭރީގައި އޮންނަ އަޒަރުބައިޖާންގެ ވެރިރަށް ބަކޫއިން ފުރައިގެން ރަޝިއާގެ ދެކުނުގެ ޗެޗްނިއާގެ ގްރޮޒްނީ ސިޓީއަށް ދަތުރުކުރަމުން ދިޔަ ބޯޓެކެވެ.
ބޯޓު ވެއްޓުނީ އަކްތާއު ސިޓީ ކައިރިން ކަމަށް ކަޒަކިސްތާނުގެ ޓްރާންސްޕޯޓް މިނިސްޓްރީން ޓެލެގްރާމްގައި ބުނެފައިވެ އެވެ.
އަޒަރުބައިޖާން އެއާލައިންސުން ބުނީ އަކްތާއުއާ ގާތްގަނޑަކަށް ތިން ކިލޯމީޓަރު (1.9 މޭލު) ދުރުގައި މަތިންދާބޯޓު "އިމަޖެންސީގައި ޖެއްސި" ކަމަށެވެ.
ކަޒަކިސްތާނުގެ ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެ ބޯޓުގައި އަޒަރުބައިޖާނުގެ 37 މީހަކާއި ކަޒަކިސްތާނުގެ ހަ މީހަކާއި ކިރްގިސްތާނުގެ ތިން މީހަކާއި ރަޝިއާގެ 16 މީހަކު ތިބި ކަމަށެވެ.
އަޒަރުބައިޖާންގެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ، "މިހާރު ލިބިފައިވާ ހިސާބުތަކަށް ބަލާއިރު 32 މީހަކު މި އެކްސިޑެންޓުން ސަލާމަތްވެފައިވާ" ކަމަށެވެ. އަދި ހާދިސާގެ ތަހުގީގު ފަށާފައިވާ ކަމަށާއި ބޯޓު ވެއްޓުނު ސަބަބެއް އަދި ބުނަން އެނގޭނީ ހުރިހާ ކަމެއް ބަލައި ނިމުމަށް ފަހުގައި ކަމަށް ބުންޏެވެ.