ސައުތު އިންޑިއާގެ މަޝްހޫރު އެކްޓަރު ރާމް ޗަރަންގެ އާ ފިލްމު "ގޭމް ޗޭންޖާ" ޕްރިމިއާކުރުމުގެ ކުރިން ބޭއްވި ޕްރީ-ރިލީޒް އިވެންޓަށް ދިޔަ އޭނާގެ ދެ ފޭނަކު އެކްސިޑެންޓެއްގައި މަރުވެއްޖެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެ ދެމީހުން މަރުވީ އެ އިވެންޓު ނިންމާފައި ސައިކަލުގައި އެނބުރި ގެޔަށް ދަނިކޮށް ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގަ އެވެ. އެއީ 23 އަހަރުގެ އަންހެނަކާއި 22 އަހަރުގެ ފިރިހެނެކެވެ.
އެ ދެމީހުން މަރުވީ ވަން-ވޭ ފަޅާލާފައި ދިޔަ ބޮޑު ވޭނެއް އެމީހުން ދުއްވި ސައިކަލުގައި ޖެހިގެން ހިނގި އެކްސިޑެންޓެއްގައި ކަމަށް ރިޕޯޓުތައް ބުންޏެވެ.
އިންޑިއާގެ އަންދުރަ ޕްރަދޭޝްގެ ސިޓީއެއް ކަމަށްވާ ރާޖަމުންދުރީގައި ބޭއްވި އެ އިވެންޓުގައި ރާމް ޗަރަން އާއި އޭނާގެ ބޮޑުބޭބެ، ކުރީގެ އެކްޓަރު އަދި އަންދުރަ ޕްރަދޭޝްގެ މިހާރުގެ ޑެޕިއުޓީ ޗީފް މިނިސްޓަރު ޕަވަން ކަލްޔާން ވެސް ބައިވެރިވި އެވެ.
"ގޭމް ޗޭންޖާ"ގެ ޕްރޮޑިއުސަރު ދިލް ރާޖޫ ވަނީ މަރުވި މީހުންގެ އާއިލާއަށް އެހީގެ ގޮތުގައި 10 ލައްކަ ރުޕީސް ދީފަ އެވެ. އަދި ރާމް ޗަރަން އާއި އޭނާގެ ބޮޑުބޭބެ ވެސް ވަނީ އެ އާއިލާތަކަށް 20 ލައްކަ ރުޕީސް ދީފަ އެވެ.
ސައުތު އިންޑިއާގެ މަޝްހޫރު އެކްޓަރު އައްލޫ އަރްޖުންގެ ފިލްމު "ޕުޝްޕާ 2" ޕްރިމިއާކުރުމަށް ބޭއްވި އިވެންޓެއްގައި ވެސް ފިތިބާރުވެގެން މިދިޔަ މަހު ވަނީ އަންހެނަކު މަރުވެފަ އެވެ. އެ މައްސަލަ އިންޑިއާގައި ވަރަށް ބޮޑަށް ހޫނުވެ، އަރްޖުން ހައްޔަރު ވެސް ކުރި އެވެ.