އެސްޓޯނިއާ އަށް ކުރެއްވި ދަތުރުފުޅު ވަރަށް ކާމިޔާބު ކަމަށާއި މިއީ އެ ގައުމާއި ރާއްޖޭގެ ގުޅުމުގެ އާ ދައުރެއްގެ ފެށުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އެސްޓޯނިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު މިއަދު ނިންމަވާލެއްވުމަށް ފަހު ދެންމެ އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ އެ ދަތުރުފުޅު ނިމި އެސްޓޯނިއާގެ ވެރިރަށް ޓެލިން އިން ފުރާވަޑައިގަންނަވަނީ ވަރަށް އުފާވެރި އުންމީދުތަކާ އެކުގައި ކަމަށެވެ. އެ ދަތުރުފުޅުގައި ހާސިލުކުރެވުނު ކުރިއެރުންތަކުން ވަރަށް ހިތްވަރު ލިބިވަޑައިގެންފި ކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ޑިޖިޓަލް ނިޒާމު ހަރުދަނާކުރުމަކީ އަޅުގަނޑުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދޭ ކަމެއް ކަމުގައި ވާތީ، އެއީ މި ދަތުރުގެ އެންމެ މުހިންމު ބައި. -- ރައީސް

މި ދަތުރުފުޅަށް ދައުވަތު ދެއްވައި އެމަނިކުފާނު ވަޑައިގަތުމުން ދެންނެވި ހޫނު މަރުހަބާ އާއި މެހެމާންދާރީ އަދާކުރެއްވި ގޮތާއި ރޭއްވެވި ރަނގަޅު އިންތިޒާމުތަކަށް ރައީސް ވަނީ އެސްޓޯނިއާގެ ރައީސް ޑރ. އަލާ ކާރީސް އަށް ހާއްސަ ޝުކުރެއް އަދާކުރައްވައިފަ އެވެ. އަދި އެސްޓޯނިއާގެ ސަރުކާރާއި ރައްޔިތުންނަށް ވެސް ރައީސް ޝުކުރު އަދާކުރެއްވި އެވެ.

"ޑިޖިޓަލައިޒޭޝަން، ތިމާވެށި އަދި ސިޔާސީ މަޝްވަރާގެ ދާއިރާތަކުން ސޮއިކުރެވުނު އެމްއޯޔޫތަކާ އަދި ފައިދާ ހުރި ގިނަ ބައްދަލުވުންތަކުން ކަށަވަރުކޮށްދިން ފަދައިން، މި ދަތުރަކީ ދެ ގައުމުގެ ގުޅުމުގެ އާ ދައުރެއްގެ ފެށުން،" ރައީސް ވިދާޅުވި އެވެ.

އެސްޓޯނިއާގެ އީޖާދީ، ޑިޖިޓަލް ބަދަލުވުމަކީ ހަރުދަނާ އަދި ދެފުށް ފެންނަ ވެރިކަމެއް ހިންގުމުގައި ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ބެންޗުމާކެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ އެ ގައުމުގެ އިޖާދީ ކުރިއެރުންތައް ބަލައި ތަޖުރިބާކޮށްލެއްވުމުގެ ފުރުސަތު ފަހިކޮށްދެެއްވި ކަމަށްޓަކައި ޝުކުރު އަދާކުރައްވައިފަ އެވެ.

"ރާއްޖޭގެ ޑިޖިޓަލް ނިޒާމު ހަރުދަނާކުރުމަކީ އަޅުގަނޑުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދޭ ކަމެއް ކަމުގައި ވާތީ، އެއީ މި ދަތުރުގެ އެންމެ މުހިންމު ބައި،" ރައީސް ވިދާޅުވި އެވެ.