ރ. ހުޅުދުއްފާރުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ދަންނަވަން ނުކުތް މީހަކާ ސަލާމްކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
22 ޖެނުއަރީ 2025 - 11:27
އަބަދުވެސް މަސައްކަތްޕުޅު ކުރައްވަނީ ރައްޔިތުން އެދޭ ގޮތަށް މަޝްރޫއުތައް ހިންގައި، އުއްމީދުތައް ހާސިލް ކޮށްދެއްވުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ރ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވާ ދަތުރުފުޅުގައި މިއަދު ހެނދުނު ވަނީ ހުޅުދުއްފާރަށް ވަޑައިގެން އެ ރަށު ކައުންސިލާއި ރައްޔިތުންނާ ވެސް ބައްދަލުކުރައްވައިފަ އެވެ.
ރ. ހުޅުދުއްފާރުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ދަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ހުޅުދުއްފާރުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އެ މަނިކުފާނު އަބަދުވެސް ވިސްނަވަނީ އަދި އިސްކަން ދެއްވަނީ ވެސް ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް ކަމަށާއި ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ފަހިކޮށްދިނުމަށް ކުރެއްވެން ހުރި ހުރިހާ ކަމެއް ކުރައްވާ ކަމަށެވެ. އަބަދުވެސް ގެންގުޅުއްވާ ސިޔާސަތަކީ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ފަހިކޮށްދިނުން ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު އަބަދުވެސް ވިސްނަނީ ރައްޔިތުން ވިސްނާ ގޮތަށް، ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ފަހިކުރެވޭ ގޮތްގޮތް ހޯދައިގެން އެ ގޮތަކަށް ކަންކަން ކުރަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ރ. ހުޅުދުއްފާރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުން.-- ފޮޓޯ: ރައީސް އޮފީސް
ރަށްރަށަށް ވަޑައިގެން ކައުންސިލްތަކާއި ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ މަގުސަދަކީ ވެސް ރައްޔިތުން އެދޭ ގޮތަށް މަޝްރޫއުތައް ހިންގުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު އަބަދުވެސް މަސައްކަތްކުރަނީ ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށްދިނުމުގައި، ރައްޔިތުންނަށް ކަންކަން ފަހިކޮށްދިނުމުގައި، ރައްޔިތުންގެ އަމާޒަށް ކަންކަން ނިންމައިދިނުމަށް. އެހެންވީމާ އެ އުއްމީދު ތި ބޭފުޅުންނަށް ވަރަށް ޔަގީންކަމާ އެކު ދެން،" ރައީސް ވިދާޅުވި އެވެ.
ރ. ހުޅުދުއްފާރުގައި ބީއެމްއެލްގެ އޭޓީއެމްއެއް ބެހެއްޓުމަށް އެއްބަސްވުމުގައި ސޮއިކުރުން.-- ފޮޓޯ: ރައީސް އޮފީސް
ހުޅުދުއްފާރުގައި ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވަނީ އެ ރަށުގައި ހިންގަމުން އަންނަ މަޝްރޫއުތަކާއި އަލަށް ފަށަން ހުރި މަޝްރޫއުތަކުގެ މަސައްކަތް އަވަސްކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ހުޅުދުއްފާރުގައި ބީއެމްއެލް އާއި އެމްއައިބީގެ އޭޓީއެމްއެއް ބެހެއްޓުމަށް އެކަމުގެ އެއްބަސްވުމުގައި ވެސް މިއަދުގެ ޖަލްސާގައި ވަނީ ރަށު ކައުންސިލާ އެކު ސޮއިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންކޮޔެ
22 January 2025
5 އަހަރު ނިމިގެން ދާނެ މި ވަރުން ދަންޏާ ވައުދުވުމުގަ.
ޛޖޖޖ
22 January 2025
އުންމީދު ކުރެވިދާނެ. ޢެކަމަކު 12 ކްލާސްރޫމްގެ 50% ވެސް ނުނިމެނިސް ޕްރޮޖެކްޓްގެ އަގު އަދާކޮށްދިނީމާ ކޮން އުއްމީދެއްތޯ ކުރާނީ. ނިމޭތޯ ދުއާކުރި އިމާރާތް ހަދާތާ 5 އަހަރު
ވާހަކަ ކިޔަދޭ މީހާ
22 January 2025
އާދެ މިމަހު ގެނެސްދޭ ވާހަކައަކީ އެއުއްމީދު. އަޑުއައްސަވާ
އުއްމީދީ
22 January 2025
ކުލި އުޅެނީ 35000 ހުން މަތީގަ. 1 މަސް އެޑްވާންސޯ. 1 މަސް ސެކިއުރިޓީއޯ. 1 މަސް ދަތުރެއް އަޅާލާށޯ. ބޯހިޔާ ވަހިކަން ލައްކައިން މަތީގަ
ވޮޗްމޭން
22 January 2025
ކޮން އުންމީދެއްތޯ؟ ދިވެހިރާއްޖެއަށް އުންމީދެއް އެބައްތޯ؟ މަގުތަކުން މި ފެންނަނީ ވަރަށް ދެރަ މަންޒަރު. އުންމީދުގެ އަލިކަމެއް ނެތް މި ރާއްޖެއަކަށް އަދި މިތިބި ސިޔާސީ މީހުން ތިބެގެން. މި ބުނީ އެންމެން ވާހަކަ މިހާރުވެސް ކުރިން ވެސް ވެރިކަންކުރި އަދި ވެރިކަމުގެ ހުވަފެން ދެކެމުން ދާ މީހުންގެ ވެސް ވާހަކަ.
ކައުސަރު
22 January 2025
ރައީސް ތިޔަކުރާ އުއްމީދެއް ނޭގުނެވެ. މިއޮތްހާ ދުވަހު ވިދާޅުވީ ރައްޔިތުން ފަޅިއެވެ. ކުރީންކީ ޤައުމީއްޔަތެއްގެ ވާހަކައާއި އިންޑިޔާގެ ވާހަކައެވެ. ދެއްކެވި ހުރިހާވާހަކައެއް ބޮނޑުގެ ނިގުލަށްގޮސް ރައްޔިތުންގެ އުއްމީދުތަށް މިހާރު ފެނަށްގޮސްފިއެވެ. މަނިކުފާނުގެ ބަދަލުވާ އުއްމީދާއި ހެދި ރައްޔިތުން މާޔޫސްވެއްޖެއެވެ. ކޮންމެ ރެއެއްދުވާލެ ނިމެނީ އާއުއްމީދަކުންނެވެ. ނަމަވެސް އެއީ ހަމަ ބިލާހެއްކެވެ. ރައްޔިތުން ދުވަހުންދުވަހަށް ވަނީ ނިކަމެއްޗެވެ.
ޑޭވް
22 January 2025
ކޮބާ މިތަންތަން ފެނި ހަޖަމް ނުވާ ކުދިން މޭ ނުކުުރާތަ؟ އަހަރުންގެ ރައީސް އަބަދުވެސް މަސައްކަތް ކުރައްވާނީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް. އަދި ރައްޔިތުންގެ ކުރިއެރުމަށް
އަލީމްގ
22 January 2025
އަހަރަކަށްވުރެ ގިނަދުވަސް ވެރިކަމައް ވެފައިވާއިރު ރައްޔިތުންގެ ލާބަޔައް ކުރި ކަމެއް ބުނެބަލަ
އިންމިި
22 January 2025
މަ ހުވާ ތަފާތު ވެރިއެއް މީ. ބަނގުރޫޓް ކޮށްފަ އޮތް ގައުމެއް ނަގާ ކޮޅަށް ޖަހަން މަނިކުފާނު ތި ކުރާ މަސައްކަތް ވަރަށް ބޮޑަށް ބަލައިގަންނަން. ބައެއް ފަހަރު ހިތަށް އަރާ ކިހިިނެތް ހޭ ސޯލިހު ހެދިހެން ޗާޕު ނުކޮށް ގައުމު ތި ހިފަހައްޓާލަނީ. ހަމަ މޮޅީ ވެރިކަން ކުރަން.
ހާމިދް ހާމިއްޓެ
22 January 2025
ހުޅުދުއްފާރު ރައްޔިތުން މިހާރު ތިބެން ވާނީ ވަރަށް ބޮޑު ތަނުން ހިންހަމަ ޖެހިފަ. ތަރައްގީ ފެނިގެން ދާނެ އިންޝާﷲ
މޫސާ އަހުސަން
22 January 2025
ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާ ކަން އެބަ ފެނޭ ވަރަށް ރީއްޗަށް. އެ މަނިކުފާނުގެ އަގުހުރި ހުރިހާ ވަގުތެއް ހުސް މި ކުރަނީ ރައްޔިތުންގެ އަޑު އަހާ ރައްޔިތުންނާ ކައިރިން މަސައްކަތް ކުރުމަށް