ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ރ. ހުޅުދުއްފާރަށް ދިނުމަށް ފަހު، ވަކި ހިސާބަކުން އަތުލި އެ އަތޮޅު ގާއުނޑޫދޫ އަނެއްކާވެސް ހުޅުދުއްފާރުގެ އިހުތިސާސްގެ ތެރޭގައި ހިމަނަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ރަށާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސް ކަނޑައަޅަން ރައީސަށް މަތިކޮށްފައިވާ މަސްއޫލިއްތުގެ ދަށުން، ހުޅުދުއްފާރުގެ އިހުތިސާސަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.
އޭގެ ތެރެއިން، އެ ރަށުގެ ބައެއްގެ ގޮތުގައި، ރައީސް މުއިއްޒު ގާއުނޑޫދޫ ހަމަޖައްސަވާފައިވާ ކަމަށް ބުންޏެވެ. އެ ގޮތަށް އެކަން ކުރެއްވުމަކީ އެ މަނިކުފާނުގެ ވައުދެއް ވެސް މެ އެވެ.
ހުޅުދުއްފާރަކީ، އެ އަތޮޅު ގާއުނޑޫދޫ އަދި އުނގުލު މީހުން ހިޖުރަކޮށްގެން މީގެ 35 ވަރަކަށް އަހަރު ކުރިން އުފައްދައި ތަރައްގީކުރި ރަށެކެވެ.
އޭގެ ފަހުން، ގާއުނޑޫގެ އިހުތިސާސް އޮތީ ހުޅުދުއްފާރު ކައުންސިލްގަ އެވެ. ނަމަވެސް، ސިނާއީ ބޭނުމަކަށްޓަކައި ކުރީގެ ސަރުކާރުން ވަނީ އޮގަސްޓް 25، 2021 ގައި ހުޅުދުއްފާރު ކައުންސިލްގެ ދަށުން ގާއުނޑޫދޫ ވަކިކޮށް، އެގްރިކަލްޗާ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.
ހުޅުދުއްފާރުގެ އިހުތިސާސްގައި އަލުން ގާއުނޑޫދޫ ހިމެނިއިރު، އުނގުލަކީ އެ އަތޮޅު އުނގޫފާރުގެ ބައެއްގެ ގޮތުގައި ރައީސް މުއިއްޒު ވަނީ މި ފަހުން ކަނޑައަޅުއްވައިފަ އެވެ.