ލޯކަލް ކައުންސިލް އިންތިހާބުގައި އއ. ރަސްދޫއިން ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެ ރަށަށް ވަޑައިގެންފި އެވެ.
ރަސްދޫގައި މިރޭ ބާއްވާ ހާއްސަ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ އެ ދަތުރުފުޅުގައި، ރައީސްގެ އިތުރުން އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ކެބިނެޓުގެ ވަޒީރުން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިހާބުގައި، ކުރިން އެމްޑީޕީގެ ބޮޑެތި ރަށްތަކުގެ ގޮތުގައި މީގެ ކުރިން ފާހަގަކުރެވުނު ހިސާބުތަކުން ޕީއެންސީއަށް ވަނީ ބޮޑު ކާމިޔާބީއެއް ލިބިފަ އެވެ. އޭގެ ތެރޭގައި ރަސްދޫ އާއި އއ. އުކުޅަސް ހިމެނެ އެވެ.
ކައުންސިލަރުން އިންތިހާބުކުރަން ފެށީއްސުރެ އެ ދެ ރަށު ކައުންސިލްގެ މެޖޯރިޓީ ހޯދަމުން ދިޔައީ އެމްޑީޕީންނެވެ. ނަމަވެސް، މިފަހަރު ކައުންސިލްގެ ހުރިހާ ގޮނޑިއަކަށް އިންތިހާބުވެފައިވަނީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ. އެހެންވެ، އެއީ ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް އެ ޕާޓީން ގަބޫލުކުރެ އެވެ.
ރަށްރަށުން ޕީއެންސީއަށް ކާމިޔާބު ލިބުނަސް، ހުރިހާ ސިޓީއަކުން އެ ޕާޓީއަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފަ އެވެ. އެގޮތުން މޭޔަރުންނާއި ސިޓީ ކައުންސިލްތަކުގެ ސުޕަ މެޖޯރިޓީ ލިބުނީ އިދިކޮޅު ޕާޓީއަށެވެ.