އިންތިހާބެއްގައި ކޮންމެ ނަތީޖާއެއް ނިކުތަސް އެއީ ނިމުން ނޫން ކަމަށާއި އަދި ކާމިޔާބީއަކީ ހިތްތިރި ކުރަން ޖެހޭ ކަމެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިރޭ ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމެޓީތަކުގެ އިންތިހާބުގެ އިތުރުން ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއިން ދައްކާ ގޮތުގައި ސަރުކާރު ނިސްބަތްވާ ޕީއެންސީއަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފަ އެވެ.
އެގޮތުން ހުރިހާ ސިޓީތަކެއްގެ ގޮނޑިތައް ކާމިޔާބުކުރީ އެމްޑީޕީންނެވެ. އަދި ފެންނަ ނުފެންނަ ވޯޓުގައި ވެސް ގިނަ ބަޔަކު ވޯޓުދިނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ދެކޮޅަށެވެ.
އެ ނަތީޖާއާ ގުޅިގެން މުއްތަލިބް ވިދާޅުވީ ޑިމޮކްރަސީގެ މަގަކީ ސީދާ މަގެއް ނޫން ކަމަށާއި އަދި އެއީ އެއްކޮޅަށް ދަތުރުކުރާ އަދި އެއްކޮޅަށް ވައިޖެހޭ މަގެއް ވެސް ނޫން ކަމަށެވެ.
"ބައެއް ފަހަރު ރައްޔިތުން ތިމާގެ ފަހަތުގައި ތިބެ ވަޔާ އެއްކޮޅަށް ދާން ބުނާނެ އެވެ. ބައެއް ފަހަރު ކުރިމަތިން ހުރަސްއަޅައި ވަޔާ ދެކޮޅަށް ދަތުރުކުރަންވެސް ބުނާނެ އެވެ. ކޮންމެ ނަތީޖާއަކީ ނިމުމެއް ނޫނެވެ. ކާމިޔާބީއަކީ އެކަމާމެދު ހިތްތިރި ކުރަންޖެހޭ ކަމެކެވެ. ހަމައެހެންމެ ނާކާމިޔާބީއަކީ އެކަމާމެދު ވިސްނާ، ހިތްވަރުކޮށް، ގަދައަޅާ މަސައްކަތް ކުރުމަށް ލިބޭ ފުރުސަތެކެވެ،" މުއްތަލިބް ވިދާޅުވި އެވެ.
ރައްޔިތުންނަށް ކުރާ ހިދުމަތް މިނަން ޖެހޭނީ ލިބޭ ކާމިޔާބީން އެކަނި ނޫންކަން ފާހަގަ ކުރައްވައި، މުއްތަލިބް ވިދާޅުވީ އެކަން ކާމިޔާބު ވާނީ ސާބިތުކަމާއެކު ކަންކަން އިސްލާހުކޮށް، ރައްޔިތުންގެ އިތުބާރު ހޯދަން ކުރާ މަސައްކަތުން ކަމަށެވެ.
"ޑިމޮކްރަސީގައި ރައްޔިތުންގެ ކޮންމެ ނިންމުމަކީ އެއަށް އެންމެން އިހުތިރާމް ކުރަންޖެހޭ ނިންމުކެވެ. ރައްޔިތުންގެ ހިދުމަތުގައި އުޅޭ ކޮންމެ މީހަކީ ރައްޔިތުންގެ ނިންމުމުން ހިމޭންކަމުގައި ހުރެ، ފިލާވަޅު ލިބި، އަބުރުވެރިކަމާއެކު ހިއްވަރުކުރަން ޖެހޭ މީހެކެވެ. ތާރީހަކީ އެންމެ ދުވަހަކުން ލިޔެވޭ އެއްޗެއްނޫނެވެ. ތާރީހު ލިޔެވެނީ ބައިބަޔަށެވެ. ހިދުމަތްކުރުމުގައި މަގުސަދެއް އޮތް މީހަކު ދެ ސަފުހާ ދޭތެރެއިން ނުގެއްލޭނެ އެވެ،" މުއްތަލިބް ވިދާޅުވި އެވެ.
މިއަދު ނެގި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި، ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބު އެއްކޮށްލުމާ ގިނަ ރައްޔިތުން ދެކޮޅު ކަން ވަގުތީ ނަތީޖާއިން ދައްކަ އެވެ. އެގޮތުން މިހާތަނަށް ގުނާފައިވާ 12،000 އަށް ވުރެ ގިނަ ވޯޓުގެ ތެރެއިން، 73 ޕަސެންޓް މީހުން ވޯޓުދީފައި ވަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ދެކޮޅަށެވެ.
މީގެ އިތުރުން މާލެ ހިމެނޭހެން ފަސް ސިޓީގެ މޭޔަރުކަމުގެ ގޮނޑި މިދިޔަ ދައުރުގައި ވެސް ފުރުއްވި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުން ދެވަނަ ދައުރަކަށް ވަނީ އިންތިހާބު ވެފަ އެވެ.