ތަރައްގީގެ މަޝްރޫއުތައް ހިންގަން ލޯކައުލް ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހުންނަ ބިންތައް ވަކިކުރުމަކީ އެހެން ގޮތެއް ނެތިގެން ނޫނީ ސަރުކާރުން ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ކައުންސިލްތަކުގެ އިހުތިސާސްގައި ހުންނަ ބިންތައް ތަރައްގީގެ ބޭނުމަށް ސަރުކާރަށް ނެގޭ ގޮތަށް ލާމަޒުކަޒީ ގާނޫނު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފުތާގައި ފާސްކުރި ބިިލް ތަސްދީގު ކުރެއްވުމަށް ފަހު، ރައީސް އޮފީހުން އާއްމުކުރި ވީޑިއޯ މެސެޖެއްގައި ރައީސް މުއިއްޒު ވިދާޅުވީ އަމިއްލަ މެންބަރަކު ހުށަހެޅުއްވި އެ ބިލަށް ސަރުކާރުން ތާއީދުކުރީ މަޝްރޫއުތައް ހިންގަން ކައުންސިލްތަކުން ކުރިމަތިކުރާ ހުރަސްތަކަށް އެ ބިލުން ހައްލެއް ލިބޭތީ ކަމަށެވެ. ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަން ސަރުކާރުން ކުރާ މަސައްކަތްތަކަށް ބައެއް ރަށްރަށުގެ ކައުންސިލުން ތަފާތު ހުރަސްތައް ކުރިމަތިކުރާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. 

"ހަގީގަތުގައި ސަރުކާރުން ބޭނުމެއް ނުވޭ ކައުންސިލްތަކުން ބިންތައް ވަކިކުރާކަށް. އެެހެން ނަމަވެސް ހުރަސްއަޅާ ކަމަށް ވަންޏާ އެތައް މަހެއް ޑިލޭ ވަމުން ދަނީ. އެހެން ވެއްޖިއްޔާ، އެ ނޫން ގޮތެއް ނެތިއްޖެެއްޔާ އެބަޖެހޭ ބިންތައް ވަކިކޮށްގެން ނަމަވެސް މަޝްރޫއު ހިންގަން،" ރައީސް ވިދާޅުވި އެވެ.

 ބިލްގައި ވާ ގޮތުން، ކައުންސިލެއްގެ ބިލެއް ސަރުކާރަށް ނަގަން ކެބިނެޓުން ނިންމިޔަސް، އެކަމުގައި ކައުންސިލާ މަޝްވަރާކުރަން ޖެހޭ ކަން ވެސް އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ. ގާނޫނަށް ގެނައި އެ ބަދަލުގައިވާ ގޮތުން ކައުންސިލެއްގެ ބިމެއް ނަގަން ކެބިނެޓުން ނިންމާ އިރުގައި ގިނަ ކަންތައްތަކެއް ފުރިހަމަކުރަން ޖެހޭ ކަަމަށް ރައީސް ވިދާޅުވި އެވެ.

"އެއް ކަމަކީ ތަރައްްގީގެ މަޝްރޫއެއް ހިންގަން އެކަނި، ބިން މި ވަކިކުރެވެނީ. ބިން ވަކިކުރުމުގެ ކުރިން ތަރައްގީގެ މަޝްރޫއުގެ މައުލޫމާތު، އެއީ ކޮން މަޝްރޫއަކަށް ކަން ބިން މި ނަގަން ޖެހެނީ، [އެ މައުލޫމާތު] އާއްމުކުރަން ޖެހޭ ސަރުކާރުން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށަހެޅި 19 ވަނަ އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ ބުދަ ދުވަހެވެ. އެ ބިލް މިއަދު ތަސްދީގު ކުރެއްވުމާ އެކު، އެ ގާނޫނަށް އަމަލުކުރަން މިހާރު ވަނީ ފަށައިފަ އެވެ. 

ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާން ހުށަހެޅުއްވި ބިލްގައިވާ ގޮތުން ސަރުކާރުގެ މަޝްރޫއުތައް ހިންގަން ކެބިނެޓުން ނިންމާ ނިންމުމަކުން، ކައުންސިލްތަކުގެ ބިންތައް ސަރުކާރަށް އަތުލެވޭނެ އެވެ. 

އޭގެ އިތުރުން އަތޮޅު ކައުންސިލްތަކުގެ މިލްކުވެރިކަމުގައި ހުރި މުދަލާއި ވަސީލަތްތައް ވެސް، މި ގާނޫނަށް އަމަލުކުރަން ފެށުމާ އެކު، ފިނޭންސް މިނިސްޓްރީގެ ދަށަށް ވަނީ ބަދަލުކޮށްފަ އެވެ.

MihaaruMashroouthah hingan Sarukaarah bin negey islaahu faaskoffiThe most trusted news source in the Maldives

ވަކިކުރާ ބިމުގައި ކައުންސިލުން ނުވަތަ އެހެން ފަރާތަކުން އިންވެސްޓްމެންޓެއް ކޮށްފައިވާ ނަމަ ފިނޭންސް މިނިސްޓްރީ އަށް ހުށަހަޅައި އެކަށީގެންވާ ބަދަލު ލިބެން ޖެހޭ ގޮތް ގާނޫނަށް ގެނައި އާ އިސްލާހުން ފަހިކޮށްފައިވެ އެވެ. 

ރައީސް އޮފީހުން ބުނީ އެ އިސްލާހުގެ ބޭނުމަކީ ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމަށްޓަކައި ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ކަށަވަރު ކުރުމާއި ދައުލަތުގެ މަޝްރޫއުތަކަށް ބޭނުންވާ ބިންތަކާ ގުޅޭ އިޖުރާތުތައް ހަރުދަނާކުރުމެވެ. 

އެ ބިލް ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ ތާއީދާ އެކު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގަތް 59 މެންބަރުންގެ ތެރެއިން 47 ވޯޓުންނެވެ.

ބިލް ފާސްކުރަން ފެނިވަޑައިނުގަންނަވާ ކަމަށް ވޯޓުދެއްވީ އިދިކޮޅު އެމްޑީޕީގެ 11 މެންބަރުންނެވެ.

ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހު ތަސްދީގުކުރިއިރު، އެކަމާ ދެކޮޅަށް އާއްމުން ވަނީ ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފަ އެވެ. އޭގައި މިހާތަނަށް 6،000 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވެ އެވެ.