ލޯކަލް ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހުންނަ ބިންތައް ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށްޓަކައި އަތުލާއިރު، އިންވެސްޓްމަންޓަށް ބަދަލު ދޭންޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ރޭ ބިލް ފާސްކޮށްފި އެވެ.

ވަކި ޕާޓީއަކަށް ނިސްބަތްނުވާ ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާނު ހުށަހެޅުއްވި އެ ބިލް ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ ތާއީދާ އެކު ފާސްކުރީ ލާމަރުކަޒީ ކޮމިޓީން ރޭ ކުއްލި ގޮތަކަށް ބޭއްވި ބައްދަލުވުމެއްގަ އެވެ.

މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ރޭ ބޭއްވި ބައްދަލުވުމުގައި މެންބަރުން ބައިވެރިވެވަޑައިގަންނަވަނީ --- ފޮޓޯ/މަޖިލީހުގެ އިދާރާ
މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ރޭ ބޭއްވި ބައްދަލުވުމުގައި މެންބަރުން ބައިވެރިވެވަޑައިގަންނަވަނީ --- ފޮޓޯ/މަޖިލީހުގެ އިދާރާ

ވަޒީރުންގެ މަޖިލީހުން ނިންމާ ނިންމުމަކުން، ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށްޓަކައި ކައުންސިލްތަކުގެ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ލާމަޒުކަޒީ ގާނޫނު ބަދަލުކުރަން ހުށަހެޅުއްވި އެ ބިލަށް ރޭގެ ބައްދަލުވުމުގައި ދެތިން އިސްލާހެއް ހުށަހެޅި އެވެ. އަދި ކޮމިޓީގައި ބިލް ފާސްކުރީ ރޭ ހުށަހެޅި އިސްލާހަކާ ވެސް އެކުގަ އެވެ.

ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ހުށަހެޅި އެ އިސްލާހުގައި އޮތީ ކައުންސިލުން ވަކިކުރާ ބިމުގައި ކައުންސިލުން ނުވަތަ އެހެން ފަރާތަކުން އިންވެސްޓްމެންޓެއް ކޮށްފައިވާނަމަ، ފިނޭންސް މިނިސްޓްރީން ހުށަހަޅާ އެކަށީގެންވާ  ބަދަލެއް ދޭންޖެހޭ ގޮތަށެވެ. 

ކޮމިޓީން އެ އިސްލާހާއެކު އެ ބިލް ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.