ރަށްރަށާއި ސިޓީތަކުގައި ކައުންސިލްތަކުން ދޭންޖެހޭ ހިދުމަތްތަކުގެ ލިސްޓަށް، ކުނި މެނޭޖު ކުރުމުގެ ހިދުމަތް ހިމެނޭ ގޮތުން ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

 ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު ހަމަދު އަބްދުﷲ ހުށަހެޅުއްވި އެ ބިލް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުންގެ ތެރެއިން 59 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ބިލު ފާސްކުރަން ނުފެން ކަމަށް 10 މެންބަރަކު ވޯޓު ދެއްވި އެވެ. 

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުުމުގެ ގާނޫނަށް ދެ ބަދަލެއް ގެންނަން ހުށަހެޅި އެ ބިލްގައި އޮތީ އެ ގާނޫނުގެ 69-1 ވަނަ މާއްދާގެ (ހ)ގެ ތިން ވަނަ ނަމްބަރުގެ ފަހަތަށް ނަމްބަރެއް އިތުރުކޮށް، ކުނި މެނޭޖުކުރުން ހިމެނުމަށެވެ.

އެ މާއްދާ މިހާރު އޮތް ގޮތުން ކައުންސިލްތަކުން ދޭން ޖެހެނީ ކަރަންޓާއި ފެނުގެ ހިދުމަތާއި ފާހާނާ އާއި ނަރުދަމާގެ ހިދުމަތެވެ.

ލާމަޒުކަޒީ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލްގައިވާ ދެވަނަ ބަދަަލަކީ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ އިދާރީ މުވައްޒަފުންނަކީ ސިވިލްސާވަންޓުންނަށް ހެދުމެވެ. އެ ގާނޫނު މިހާރު އޮތް ގޮތުން އެލްޖީއޭގެ އިދާރީ މުވައްޒަފުންނަކީ އެލްޖީއޭގެ ސީއީއޯގެ ލަފަޔާ އެކު އެ އޮތޯރިޓީގެ ބޯޑުން އައްޔަންކުރާ ބައެކެވެ.

ބިލްގައިވާ ގޮތުން، އެ ބިލް ގާނޫނަކަށް ވުމަށް ފަހު، އެލްޖީއޭގެ އިދާރީ މުވައްޒަފުން އެ އޮތޯރިޓީގެ ސީއީއޯގެ ލަފަޔާ އެކު އައްޔަންކުރާނީ ސިވިލް ސާވިސް ކޮމިޝަނުންނެވެ. ނަމަވެސް އެ އޮތޯރިޓީގެ ޒިންމާދާރު އިސްވެރިޔާގެ މަގާމު އަދާކުރާނީ ސީއީއޯ އެވެ.

ލާމަޒުކަޒީ ގާނޫނަށް މި ދެ ބަދަލު ގެންނަން ހުށަހެޅިއިރު، ގިނަ އަދަދެއްގެ ސިވިލް ސާވިސް މުވައްޒަފުން ތިބި ތަންތަން  ކަމަށްވާ އަތޮޅު ކައުންސިލްތައް އެ އޮތޯރިޓީއާ ހަވާލުކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެއީ ލާމަރުކަޒީ ގާނޫނަށް މި ފަހުން ގެނައި ބަދަލެއްގައި އަތޮޅު ކައުންސިލްތައް އުވާލާފައި ވާތީ އެވެ