ލޯކަލް ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހުންނަ ބިންތައް، މަަޝްރޫއުތައް ހިންގުމުގެ ބޭނުމަށް ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނު ބަދަލުކުރަން ހުށަހެޅި ބިލަށް ބަދަލެއް ނުގެނެސް އޮތް ގޮތަށް ފާސްކުރަން ގޮވާލާ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އީ-ޕެޓިޝަނެއްގައި ސޮއިކުރަން މިއަދު ފަށައިފި އެވެ.
ބިލް ހުށަހެޅުއްވި މެންބަރު ހަންނާން ވިދާޅުވެފައިވަނީ، އެ ބިލްގެ މައިގަނޑު ބޭނުމަކީ ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމަށްޓަކައި ކައުންސިލްތަކުގެ އެއްބާރުލުން ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަށަވަރުކުރުން ކަމަށެވެ.
ނަމަވެސް، އިދިކޮޅު އެމްޑީޕީގެ މެންބަރުންނާއި ބައެއް ރަށްރަށުގެ ކައުންސިލްތަކުން ވެސް އަންނަނީ މި އިސްލާހާ ދެކޮޅަށް ނުރުހުން ފާޅުކޮށް ގަރާރުތައް ފާސްކުރަމުންނެވެ.
އެކަމަކު، ބިލް ފާސްކުރުމަށް ގޮވާލާ ޕެޓިޝަންގައި މިހާތަނަށް ވަނީ 500 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފަ އެވެ.
އެ ޕެޓިޝަނުގައި ބުނީ އެ ބިލަކީ ރަށު ފެންވަރުގައި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތްތައް ހަލުވިކަމާ އެކު ކޮށްދިނުމަށް ގާނޫނީ ގޮތުން މަގުފަހިކޮށްދޭ އިސްލާހެއް ކަމަށާއި އެހެންވެ ފާސްކުރުން މުހިންމު ކަމަށެވެ.
"...މި އިސްލާޙުގެ ސަބަބުން ކައުންސިލްތަކުގެ ބާރު ކެނޑިގެންދާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ ސިޔާސީ މަގުސަދެއްގައި ފަތުރާ ހަގީގަތާ ހިލާފު ބާތިލު އަސާސްތަކެއް މައްޗަށް ބިނާކޮށްފައިވާ ވުޖޫދުގައި ނުވާ ވާހަކަތަކެކެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގުތަކުގެ ތެރޭގައި ހިމެނޭ ސިއްހީ ހިދުމަތްތަކާއި އަމަންއަމާންކަން ގާއިމުކުރުމަށް ބޭނުންވާ ޕޮލިސް ޕޯސްޓް ފަދަ ޒަރޫރީ ހިދުމަތްތަކަށް ބިން ދޫކުރުމަކީ މައި ސަރުކާރާއި ކައުންސިލްތައް ގުޅިގެން ގައުމީ މަސްލަހަތުގައި ކުރަންޖެހޭ ކަމެކެވެ،" އައްޑޫ މީދޫ، ބިނާ، އަހުމަދު ޝާތިރު އެކުލަވާލައި ސޮއިހޯދަން ފަށާފައިވާ އެ ޕެޓިޝަނުގައި ބުންޏެވެ.
ބިލް ފާސްކުރަން ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރަން ފަށާފައިވާ އިރު އެ ބިލު ފާސްނުކުރަން ގޮވާލައި ސޮއިކުރަން ފެށި ޕެޓިޝަނުގައި މިހާރު ވަނީ 2،000 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފަ އެވެ.
އެއާ އެކު އެ ޕެޓިޝަން ވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަހުސްކުރުން ލާޒިމުވާ ހާއްސަ ޕެޓިޝަނަކަށެވެ. އެއީ އެވަރަށް ސޮއި ލިބުނު ފުރަތަމަ ޕެޓިޝަނަށެވެ.
ހާއްސަ ޕެޓިޝަނަކަށް ވުމުން، ސަރުކާރުގެ ސަމާލުކަމަށް ގެނެސް، ކުރިއަށް އޮތް ތިން ޖަލްސާގެ ތެރެއިން ޖަލްސާއެއްގަޢި މި ޕެޓިޝަންގެ މައްސަލަ އެޖެންޑާކޮށް ބަހުސްކުރަން ޖެހޭނެ އެވެ.
މި ޕެޓިޝަނަކީ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހަޅުއްވާފައިވާ، ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތަކާއި ފަޅުތައް ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަށް ވަޒީރުންގެ މަޖިލީހުގެ ނިންމުމަކުން ނެގޭގޮތަށް ގާނޫނަށް ގެންނަން އުޅޭ އިސްލާހު އަނބުރާ ގެންދިއުމަށް ގޮވާލައި ހުށަހަޅާފައިވާ ޕެޓިޝަނެކެވެ.
މަޖިލީހުގެ އީ-ޕެޓިޝަން ގަވާއިދު ބުނާގޮތުން، ޕެޓިޝަނަކަށް 2,100 ސޮއި (ވޯޓުލެވޭ އާބާދީގެ 0.5 ޕަސެންޓް) ހަމަވުމުން، އެ ޕެޓިޝަނެއް މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް ދިރާސާކުރުމަށް ފޮނުވުން ލާޒިމުވެ އެވެ.
މިދުއަމް ސައުދު ހުށަހެޅި މި ޕެޓިޝަންގައި ބުނެފައިވަނީ، މި އިސްލާހުގެ ސަބަބުން ސީދާ ރައްޔިތުންގެ ވޯޓުން އިންތިހާބުކޮށްފައިވާ ކައުންސިލަރުންގެ ބާރު ކެނޑި، އެ ބާރުތައް ވަޒީރުންގެ މަޖިލީހަށް ލިބޭ ކަމަށެވެ. އަދި ސަރުކާރުގެ ނިންމުންތަކަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ ކައުންސިލަރުންނަށް ފިޔަވަޅު އެޅުމުގެ ފުރުސަތު މި ބިލުގެ ދަށުން ފަހިވާތީ، މިއީ ލާމަރުކަޒީ ނިޒާމުގެ ރޫހާ މުޅިން ހިލާފު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ.