ކައުންސިލްތަކުގެ އިހްތިސާސްގައިވާ ބިންތައް ދައުލަތަށް ނެގޭ ގޮތް ހެދުމަށް، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ އީ-ޕެޓިޝަން ޕޯޓަލް މެދުވެރިކޮށް ހުށަހެޅި ޕެޓިޝަނުގައި ސޮއިކުރި މީހުންގެ އަދަދު 2,100 އަށްވުރެ މައްޗަށް އަރައިފި އެވެ.

މިއާ އެކު މި ޕެޓިޝަން ވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަހުސްކުރުން ލާޒިމުވާ ހާއްސަ ޕެޓިޝަނަކަށެވެ. މިއީ  މިވަރަށް ސޮއި ލިބުނު ފުރަތަމަ ޕެޓިޝަނަށެވެ. 

ހާއްސަ ޕެޓިޝަނަކަށް ވުމުން، ސަރުކާރުގެ ސަމާލުކަމަށް ގެނެސް، ކުރިއަށް އޮތް ތިން ޖަލްސާގެ ތެރެއިން ޖަލްސާއެއްގަޢި މި ޕެޓިޝަންގެ މައްސަލަ އެޖެންޑާކޮށް ބަހުސްކުރަން ޖެހޭނެ އެވެ.

މި ޕެޓިޝަނަކީ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހަޅުއްވާފައިވާ، ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތަކާއި ފަޅުތައް ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަށް ވަޒީރުންގެ މަޖިލީހުގެ ނިންމުމަކުން ނެގޭގޮތަށް ގާނޫނަށް ގެންނަން އުޅޭ އިސްލާހު އަނބުރާ ގެންދިއުމަށް ގޮވާލައި ހުށަހަޅާފައިވާ ޕެޓިޝަނެކެވެ.

މަޖިލީހުގެ އީ-ޕެޓިޝަން ގަވާއިދު ބުނާގޮތުން، ޕެޓިޝަނަކަށް 2,100 ސޮއި (ވޯޓުލެވޭ އާބާދީގެ 0.5 ޕަސެންޓް) ހަމަވުމުން، އެ ޕެޓިޝަނެއް މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް ދިރާސާކުރުމަށް ފޮނުވުން ލާޒިމުވެ އެވެ. އެހެންވެ،

މިދުއަމް ސައުދު ހުށަހެޅި މި ޕެޓިޝަންގައި ބުނެފައިވަނީ، މި އިސްލާހުގެ ސަބަބުން ސީދާ ރައްޔިތުންގެ ވޯޓުން އިންތިހާބުކޮށްފައިވާ ކައުންސިލަރުންގެ ބާރު ކެނޑި، އެ ބާރުތައް ވަޒީރުންގެ މަޖިލީހަށް ލިބޭ ކަމަށެވެ. އަދި ސަރުކާރުގެ ނިންމުންތަކަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ ކައުންސިލަރުންނަށް ފިޔަވަޅު އެޅުމުގެ ފުރުސަތު މި ބިލުގެ ދަށުން ފަހިވާތީ، މިއީ ލާމަރުކަޒީ ނިޒާމުގެ ރޫހާ މުޅިން ހިލާފު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ.

މި ބިލު ހުށަހެޅުއްވި މެންބަރު ހަންނާން ވިދާޅުވެފައިވަނީ، މި އިސްލާހުގެ މައިގަނޑު ބޭނުމަކީ ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމަށްޓަކައި ކައުންސިލްތަކުގެ އެއްބާރުލުން ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަށަވަރުކުރުން ކަމަށެވެ. ނަމަވެސް، އިދިކޮޅު އެމްޑީޕީގެ މެންބަރުންނާއި ބައެއް ރަށްރަށުގެ ކައުންސިލްތަކުން ވެސް އަންނަނީ މި އިސްލާހާ ދެކޮޅަށް ނުރުހުން ފާޅުކޮށް ގަރާރުތައް ފާސްކުރަމުންނެވެ.