ރިޕީޓްކޮށް އެއްކަމެއްގައި ނުވަތަ އެއް މައްސަލައެއްގައި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަން ހުށަހެޅޭ ގޮތަށް މަޖިިލިހުގެ ގަވާއިދު ބަދަލުކުރުމަށް މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 272 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 1-257 ވަނަ މާއްދާގެ (ޅ) އުނިކުރުމަށް، ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހް ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް އިއްޔެ ވަނީ ފޮނުވައިފަ އެވެ. 

އެގޮތަށް ފާސްކުރަން ކޮމިޓީން އިއްޔެ ނިންމުމުން އެ މައްސަލާގައި މަޖިލީހުގެ ތަޅުމުގައި މިއަދު ވަނީ ބަހުސްކޮށް ވޯޓަށް އަހައިފަ އެވެ. 

އެއްކަމެއްގައި ރިޕީޓްކޮށް ޕެޓިޝަން ހުށަހެޅޭ ގޮތަށް ގަވާއިދު ބަދަލުކުރަން ފާސްކުރީ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 56 މެމްބަރުންގެ އިއްތިފާގުންނެވެ. އެގޮތަށް ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 10 މެމްބަރެކެވެ. 

"ޕެޓިޝަނެއްގައި، މަޖިލީހަށް ކުރިން ހުށަހެޅިގެން ކުރިއަށް ގެންދާ ޕެޓިޝަނެއްގައި އެޅުމަށް ގޮވާލާފައިވާ ފިޔަވަޅެއް އަލުން އެޅުމަށް ހިމެނިފައިނުވުމުން" ގަވާއިދުން އުނިކުރަން ފާސްކޮށްފައި މިވަނީ ކައުންސިލްތަކުގެ އިހްތިސާސްގައިވާ ބިންތައް ދައުލަތަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހު އަނބުރާ ގެންދަން ގޮވާލާ ޕެޓިޝަނަކަށް 2،100 ސޮއި ހަމަވެ، ހާއްސަ ޕެޓިޝަނެއްގެ ދަރަޖަ ލިބިފައިވަނިކޮށެވެ. 

އެ އަދަދަށް ސޮއި ހަމަވެއްޖެ ނަމަ މަޖިލީހުގެ ތަޅުމުގައި އެ ކަމަކާ މެދު ބަހުސްކުރުން ލާޒިމްވާއިރު، އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސް، ކުރިއަށް އޮތް ތިން ޖަލްސާގެ ތެރެއިން ޖަލްސާއެއްގައި ޕެޓިޝަންގެ މައްސަލަ އެޖެންޑާކޮށް ބަހުސްކުރަން ޖެހެ އެވެ. 

އެނގިފައިވާ ގޮތުގައި، މި ބަދަލު ގެންނަން މެމްބަރު މަމްދޫހު ހުށަހެޅުއްވީ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލު މިހާރު އޮތް ގޮތަށް ކުރިއަށް ގެންދަން ސ. މީދޫ ކައުންސިލްގެ ރައީސް އަހުމަދު ޝާތިރު އިސްވެ ހުށަހެޅުއްވި ޕެޓިޝަނަށް މަޖިލީހުގެ ތަޅުމުގައި ބަހުސްކުރަން ލާޒިމުވާ މިންވަރަށް ސޮއި ހަމަވުމުގެ ކުރިން، އޭނާ އަށް އެ ޕެޓިޝަން މަޖިލީހުގެ ކޮމިޓީ އަށް އޮޅިގެން ފޮނުވިފައި އޮތުމުން އެ މައްސަލާގައި އިތުރު ޕެޓިޝަނެއް ހުށަހެޅުމުގެ ޖާގަ ހޯދުމަށެވެ.

ނަމަވެސް ގަވާއިދު މިހާރު އޮތް ގޮތުން މިގޮތަށް، އެއް ކަމެއްގައި ރިޕީޓުކޮށް ޕެޓިޝަން ހުށަހެޅުމުގެ ފުރުސަތެއް ނޯވެ އެވެ.