ރިޕީޓުކޮށް އެއްކަމެއްގައި ނުވަތަ އެއް މައްސަލައެއްގައި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަން ހުށަހެޅޭ ގޮތަށް ގަވާއިދު ބަދަލުކުރަން މިއަދު ހުށަހަޅައިފި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 272 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 1-257 ވަނަ މާއްދާގެ (ޅ) އުނިކުރުމަށް، ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހް ހުށަހަޅުއްވާފައިވާ މައްސަލަ، ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް މިއަދުގެ ޖަލްސާގައި ވަނީ ފޮނުވައިފަ އެވެ.

"ޕެޓިޝަނެއްގައި، މަޖިލީހަށް ކުރިން ހުށަހެޅިގެން ކުރިއަށް ގެންދާ ޕެޓިޝަނެއްގައި އެޅުމަށް ގޮވާލާފައިވާ ފިޔަވަޅެއް އަލުން އެޅުމަށް ހިމެނިފައިނުވުމުން" ގަވާއިދުން އުނިކުރަން ހުށަހެޅި އިސްލާހު ދިރާސާކުރުމަށް މިއަދު މެންދުރު 12:00 ގައި ކޮމެޓީގެ ބައްދަލުވުމެއް ވެސް މިހާރު ވަނީ އެޖެންޑާކޮށްފަ އެވެ.

މި ބަދަލު ގެންނަން ހުށަހެޅި އިރު، ކައުންސިލްތަކުގެ އިހްތިސާސްގައިވާ ބިންތައް ދައުލަތަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހު އަނބުރާ ގެންދަން ގޮވާލާ ޕެޓިޝަނަކަށް 2،100 ސޮއި ހަމަވެ ހާއްސަ ޕެޓިޝަނެއްގެ ދަރަޖަ ވަނީ ލިބިފަ އެވެ. މި އަދަދަށް ސޮއި ހަމަވެއްޖެ ނަމަ މަޖިލީހުގެ ތަޅުމުގައި މިއާ މެދު ބަހުސްކުރުން ލާޒިމްވެ އެވެ. އަދި އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސް، ކުރިއަށް އޮތް ތިން ޖަލްސާގެ ތެރެއިން ޖަލްސާއެއްގައި މި ޕެޓިޝަންގެ މައްސަލަ އެޖެންޑާކޮށް ބަހުސްކުރަން ޖެހޭނެ އެވެ.

މި ޕެޓިޝަން ހުށަހަޅާފައި ވަނިކޮށް އެއާ ދެކޮޅަށް ވެސް ޕެޓިޝަނެއް ހުށަހަޅާއި އިއްޔެ ސޮއިކުރަން ފަށާފައިވެ އެވެ. ނަމަވެސް ގަވާއިދު މިހާރު އޮތް ގޮތުން މިގޮތަށް، އެއް ކަމެއްގައި ރިޕީޓުކޮށް ޕެޓިޝަން ހުށަހެޅުމުގެ ފުރުސަތެއް ނޯވެ އެވެ.

އެނގިފައިވާ ގޮތުގައި، މި ބަދަލު ގެންނަން މެމްބަރު މަމްދޫހު ހުށަހެޅުއްވީ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލު މިހާރު އޮތް ގޮތަށް ކުރިއަށް ގެންދަން ސ. މީދޫ ކައުންސިލްގެ ރައީސް އަހުމަދު ޝާތިރު އިސްވެ ހުށަހެޅުއްވި ޕެޓިޝަނަށް މަޖިލީހުގެ ތަޅުމުގައި ބަހުސްކުރަން ލާޒިމުވާ މިންވަރަށް ސޮއި ހަމަވުމުގެ ކުރިން، އޭނާއަށް އެ ޕެޓިޝަން މަޖިލީހުގެ ކޮމިޓީއަށް އޮޅިގެން ފޮނުވިފައި އޮތުމުން އެ މައްސަލައިގައި އިތުރު ޕެޓިޝަނެއް ހުށަހެޅުމުގެ ޖާގަ ހޯދުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ލާމަރުކަޒީ ގާނޫނަށް ހުށަހަޅުއްވާފައި އިސްލާހުގައި ވަނީ ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތަކާއި ފަޅުތައް ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަށް ވަޒީރުންގެ މަޖިލީހުގެ ނިންމުމަކުން ނެގޭގޮތަށް ހަދާށެވެ.  

މި ހުށަހެޅުން އަނބުރާ ގެންދަން ގޮވާލާ ޕެޓިޝަނުގައި ވަނީ ލާމަރުކަޒީ ގާނޫނަށް ގެންނަން އުޅޭ އިސްލާހުގެ ސަބަބުން، ސީދާ ރައްޔިތުންގެ ވޯޓުން އިންތިހާބުކޮށްފައިވާ ކައުންސިލަރުންގެ ބާރު ކެނޑި، އެ ބާރުތައް ވަޒީރުންގެ މަޖިލީހަށް ލިބޭ ކަމަށެވެ. އަދި ސަރުކާރުގެ ނިންމުންތަކަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ ކައުންސިލަރުންނަށް ފިޔަވަޅު އެޅުމުގެ ފުރުސަތު މި ބިލުގެ ދަށުން ފަހިވާތީ، މިއީ ލާމަރުކަޒީ ނިޒާމުގެ ރޫހާ މުޅިން ހިލާފު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ.

އިދިކޮޅަށް ހުށަހެޅި ޕެޓިޝަނުގައި ވަނީ މިއީ ސިޔާސީ ބޭނުމެއްގައި ހުށަހަޅައިގެން އުޅޭ ޕެޓިޝަނެއް ކަމަށާއި ގާނޫނަށް ގެންނަ އިސްލާހުން ތަރައްގީއަށް މަގުފަހިވާ ކަމަށެވެ.