ރިޕީޓުކޮށް އެއްކަމެއްގައި ނުވަތަ އެއް މައްސަލައެއްގައި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަން ހުށަހެޅޭ ގޮތަށް ގަވާއިދު ބަދަލުކުރަން މަޖިލީހުގެ އާންމު ކޮމިޓީން ނިންމައިފި އެވެ.

މަޖިލީހުގެ ގަވާއިދުގެ 1-257 ވަނަ މާއްދާގެ (ޅ)ގެ ދަށުން މަޖިލީހަށް ހުށަހަޅާ ޕެޓިޝަނެއްގައި، މަޖިލީހަށް ކުރިން ހުށަހެޅިގެން ކުރިއަށް ގެންދާ ޕެޓިޝަނެއްގައި އެޅުމަށް ގޮވާލާފައިވާ ފިޔަވަޅެއް އަލުން އެޅުމަށް ހިމެނިފައިނުވުން ވަނީ ލާޒިމުކޮށްފަ އެވެ.

އެ މާއްދާގެ (ޅ) އުނިކުރަން ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހް މަޖިލީހުގެ މިއަދު ޖަލްސާއަށް ހުށަހެޅުއްވި އެވެ.

އެ މައްސަލަ ދިރާސާކުރަން މިއަދު މެންދުރު ބޭއްވި އާންމު ކޮމިޓީގެ ބައްދަލުވުމުގައި އެ މާއްދާގެ (ޅ) އުނިކޮށް، އެ މާއްދާގެ އަކުރުތައް އަލުން ތަރުތީބުކުރަން ފާސްކުރީ، ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހަތް މެމްބަރުގެ އަގުލަބިއްޔަތުންނެވެ. މި އިސްލާހާ ދެކޮޅަށް އެއް މެމްބަރަކު ވޯޓު ދެއްވި އެވެ.

މި ބަދަލު ގެންނަން ހުށަހެޅި އިރު، ކައުންސިލްތަކުގެ އިހްތިސާސްގައިވާ ބިންތައް ދައުލަތަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހު އަނބުރާ ގެންދަން ގޮވާލާ ޕެޓިޝަނަކަށް 2،100 ސޮއި ހަމަވެ ހާއްސަ ޕެޓިޝަނެއްގެ ދަރަޖަ ވަނީ ލިބިފަ އެވެ. މި އަދަދަށް ސޮއި ހަމަވެއްޖެ ނަމަ މަޖިލީހުގެ ތަޅުމުގައި މިއާ މެދު ބަހުސްކުރުން ލާޒިމްވެ އެވެ. އަދި އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސް، ކުރިއަށް އޮތް ތިން ޖަލްސާގެ ތެރެއިން ޖަލްސާއެއްގައި މި ޕެޓިޝަންގެ މައްސަލަ އެޖެންޑާކޮށް ބަހުސްކުރަން ޖެހޭނެ އެވެ.

މި ޕެޓިޝަން ހުށަހަޅާފައި ވަނިކޮށް އެއާ ދެކޮޅަށް ވެސް ޕެޓިޝަނެއް ހުށަހަޅާއި އިއްޔެ ސޮއިކުރަން ފަށާފައިވެ އެވެ.

ނަމަވެސް ގަވާއިދު މިހާރު އޮތް ގޮތުން މިގޮތަށް، އެއް ކަމެއްގައި ރިޕީޓުކޮށް ޕެޓިޝަން ހުށަހެޅުމުގެ ފުރުސަތެއް ނޯވެ އެވެ.

އެނގިފައިވާ ގޮތުގައި، މި ބަދަލު ގެންނަން މެމްބަރު މަމްދޫހު ހުށަހެޅުއްވީ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލު މިހާރު އޮތް ގޮތަށް ކުރިއަށް ގެންދަން ސ. މީދޫ ކައުންސިލްގެ ރައީސް އަހުމަދު ޝާތިރު އިސްވެ ހުށަހެޅުއްވި ޕެޓިޝަނަށް މަޖިލީހުގެ ތަޅުމުގައި ބަހުސްކުރަން ލާޒިމުވާ މިންވަރަށް ސޮއި ހަމަވުމުގެ ކުރިން، އޭނާއަށް އެ ޕެޓިޝަން މަޖިލީހުގެ ކޮމިޓީއަށް އޮޅިގެން ފޮނުވިފައި އޮތުމުން އެ މައްސަލައިގައި އިތުރު ޕެޓިޝަނެއް ހުށަހެޅުމުގެ ޖާގަ ހޯދުމަށެވެ.