ލޯކަލް ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހުންނަ ބިންތައް، މަަޝްރޫއުތައް ހިންގުމުގެ ބޭނުމަށް ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނު ބަދަލުކުރަން ހުށަހެޅި ބިލް އަންނަ ބުރާސްފަތި ދުވަހާ ހިސާބަށް ދިރާސާކޮށް ނިންމަން ލާމަރުކަޒީ ކޮމިޓީން މިއަދު ނިންމައިފި އެވެ.
ކޮމިޓީން ކުރިން ނިންމާފައި އޮތީ އެ ބިލްގެ މަސައްކަތް މިއަދަށް ނިންމާށެވެ.
ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހެޅުއްވި ބިލް ފާސްނުކުރަން ގޮވާލައި، މަޖިލީހަށް ހުށަހެޅި ޕެޓިޝަން މަޖިލީހަށް ބަލައިގަންނަން ޖެހޭ ވަރަށް ސޮއި ހަމަކޮށްފައި ވަނިކޮށް، ބިލްގެ ސުންގަޑި އިތުރުކުރަން ލާމަރުކަޒީ ކޮމިޓީގެ މިއަދުގެ ބައްދަލުުވުމުގައި ހުށަހެޅުއްވީ ވިލުފުށި ދާއިރާގެ މެންބަރު ހަސަން ވަހީދެވެ. ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ތާއީދުކުރެއްވި އެ ހުށަހެޅުން ފާސްކުރީ ކޮމިޓީގެ ބަައްދަލުވުމުގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރު ނިންމައި މެމްބަރުން ޗުއްޓީއަށް ވަޑައިގަންނަވަން އޮތީ އިއްޔެ އެވެ. އެކަމަކު މުހިއްމު މަސައްކަތްތަކެއް ނިންމަން ހުރުމުން، އަންނަ ހުކުރު ދުވަހާ ހަަމައަށް ޗުއްޓީ ފަސްކުރަން މަޖިލީހުން މިދިޔަ ބުދަ ދުވަހު ފާސްކުރި އެވެ.
ކައުންސިލްތަކުގެ އިހްތިސާސްގައިވާ ބިންތައް ދައުލަތަށް ނެގޭ ގޮތް ހެދުމަށް، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށަހެޅި އިސްލާހާ ދެކޮޅަށް މަޖިލީހަށް ހުށަހެޅި އީ-ޕެޓިޝަނުގައި ސޮއިކުރި މީހުންގެ އަދަދު އިއްޔެ ވަނީ 2،100 އަށް ވުރެ މަތިވެފަ އެވެ.
މިއާ އެކު މި ޕެޓިޝަން ވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަހުސްކުރުން ލާޒިމުވާ ހާއްސަ ޕެޓިޝަނަކަށެވެ. މިއީ މިވަރަށް ސޮއި ލިބުނު ފުރަތަމަ ޕެޓިޝަނަށެވެ.
ހާއްސަ ޕެޓިޝަނަކަށް ވުމުން، ސަރުކާރުގެ ސަމާލުކަމަށް ގެނެސް، ކުރިއަށް އޮތް ތިން ޖަލްސާގެ ތެރެއިން ޖަލްސާއެއްގަޢި މި ޕެޓިޝަންގެ މައްސަލަ އެޖެންޑާކޮށް ބަހުސްކުރަން ޖެހޭނެ އެވެ.
މިއީ، ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތަކާއި ފަޅުތައް ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަށް ކެބިނެޓުނގެ ނިންމުމަކުން ނެގޭގޮތަށް ގާނޫނަށް ގެންނަން އުޅޭ އިސްލާހު އަނބުރާ ގެންދިއުމަށް ގޮވާލައި ހުށަހަޅާފައިވާ ޕެޓިޝަނެކެވެ.
މަޖިލީހުގެ އީ-ޕެޓިޝަން ގަވާއިދު ބުނާގޮތުން، ޕެޓިޝަނަކަށް 2,100 ސޮއި (ވޯޓުލެވޭ އާބާދީގެ 0.5 ޕަސެންޓް) ހަމަވުމުން، އެ ޕެޓިޝަނެއް މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް ދިރާސާކުރުމަށް ފޮނުވުން ލާޒިމުވެ އެވެ.
މިދުއަމް ސައުދު ހުށަހެޅި މި ޕެޓިޝަންގައި ބުނެފައިވަނީ، މި އިސްލާހުގެ ސަބަބުން ސީދާ ރައްޔިތުންގެ ވޯޓުން އިންތިހާބު ކޮށްފައިވާ ކައުންސިލަރުންގެ ބާރު ކެނޑި، އެ ބާރުތައް ކެބިނެޓަށް ލިބޭ ކަމަށެވެ. އަދި ސަރުކާރުގެ ނިންމުންތަކަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ ކައުންސިލަރުންނަށް ފިޔަވަޅު އެޅުމުގެ ފުރުސަތު މި ބިލުގެ ދަށުން ފަހިވާތީ، މިއީ ލާމަރުކަޒީ ނިޒާމުގެ ރޫހާ މުޅިން ހިލާފު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ.
ބިލް ހުށަހެޅުއްވި މެންބަރު ހަންނާން ވިދާޅުވެފައިވަނީ، މި އިސްލާހުގެ މައިގަނޑު ބޭނުމަކީ ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމަށްޓަކައި ކައުންސިލްތަކުގެ އެއްބާރުލުން ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަށަވަރުކުރުން ކަމަށެވެ. ނަމަވެސް، އިދިކޮޅު އެމްޑީޕީގެ މެންބަރުންނާއި ބައެއް ރަށްރަށުގެ ކައުންސިލްތަކުން ވެސް ދަނީ މި އިސްލާހާ ދެކޮޅަށް ނުރުހުން ފާޅުކޮށް ގަރާރުތައް ފާސްކުރަމުންނެވެ.