ތަރައްގީގެ މަޝްރޫއުތަކުގެ ބޭނުމަށް ކެބިނެޓުން ކަނޑައަޅައިފި ހިނދެއްގައި ރަށްރަށުގެ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށަހެޅި 19 ވަނަ އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ ބުދަ ދުވަހެވެ. އެ ބިލް މިއަދު ތަސްދީގު ކުރެއްވުމާ އެކު، އެ ގާނޫނަށް އަމަލުކުރަން މިހާރު ވަނީ ފަށައިފަ އެވެ. 

ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާން ހުށަހެޅުއްވި އެ ބިލްގައިވާ ގޮތުން ސަރުކާރުގެ މަޝްރޫއުތައް ހިންގަން ކެބިނެޓުން ނިންމާ ނިންމުމަކުން، ކައުންސިލްތަކުގެ ބިންތައް ސަރުކާރަށް އަތުލެވޭނެ އެވެ. 

އޭގެ އިތުރުން އަތޮޅު ކައުންސިލްތަކުގެ މިލްކުވެރިކަމުގައި ހުރި މުދަލާއި ވަސީލަތްތައް ވެސް، މި ގާނޫނަށް އަމަލުކުރަން ފެށުމާ އެކު، ފިނޭންސް މިނިސްޓްރީގެ ދަށަށް ވަނީ ބަދަލުކޮށްފަ އެވެ. 

ވަކިކުރާ ބިމުގައި ކައުންސިލުން ނުވަތަ އެހެން ފަރާތަކުން އިންވެސްޓްމެންޓެއް ކޮށްފައިވާ ނަމަ ފިނޭންސް މިނިސްޓްރީ އަށް ހުށަހަޅައި އެކަށީގެންވާ ބަދަލު ލިބެން ޖެހޭ ގޮތް ގާނޫނަށް ގެނައި އާ އިސްލާހުން ފަހިކޮށްފައިވެ އެވެ. 

ރައީސް އޮފީހުން ބުނީ އެ އިސްލާހުގެ ބޭނުމަކީ ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމަށްޓަކައި ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ކަށަވަރު ކުރުމާއި ދައުލަތުގެ މަޝްރޫއުތަކަށް ބޭނުންވާ ބިންތަކާ ގުޅޭ އިޖުރާތުތައް ހަރުދަނާކުރުމެވެ. 

އެ ބިލް ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ ތާއީދާ އެކު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގަތް 59 މެންބަރުންގެ ތެރެއިން 47 ވޯޓުންނެވެ.

ބިލް ފާސްކުރަން ފެނިވަޑައިނުގަންނަވާ ކަމަށް ވޯޓުދެއްވީ އިދިކޮޅު އެމްޑީޕީގެ 11 މެންބަރުންނެވެ.

ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހު ތަސްދީގުކުރިއިރު، އެކަމާ ދެކޮޅަށް އާއްމުން ވަނީ ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފަ އެވެ. އޭގައި މިހާތަނަށް 6،000 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވެ އެވެ.