ލޯކަލް ކައުންސިލްތަކަށް ކުރާ ހޭދަ ކުޑަކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އާ ހިޔާލެއް ހުށަހަޅުއްވައިފި އެވެ.
ގއ. އާއި ގދ. އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގދ. ފިޔޯރީގައި ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ ދައުލަތުގެ ހަރަދު ކުޑަކުރަން ވަރަށް ގިނަ ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށެވެ.
އޭގެ ތެރެއިން، ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރާ ކައުންސިލްތަކުގެ ހަރަދު ކުޑަކުރުމަށް، ކައުންސިލްތައް އުފެދިފައިވާ ގޮތް ބަދަލުކުރަންޖެހޭ ކަމަށާއި ކަމާގުޅޭ ފަރާތްތަކާ މަޝްވަރާ ކުރެއްވުމަށް ފަހު، އެ ބަދަލުތައް ގެންނަވާނެ ކަމަށް ރައީސް ވަނީ މީގެ ކުރިން ވެސް ވިދާޅުވެފަ އެވެ.
ރައީސް މުއިއްޒު މިރޭ ވިދާޅުވީ އޭރު އެގޮތަށް އިއުލާން ކުރެއްވުމުން ކައުންސިލަރުންގެ އަދަދު މަދުވެ، ޑިމޮކްރެޓިކް ރެޕްރެޒޭޝަނަށް އަސަރު ކުރާނެ ކަމުގެ ކަންބޮޑުވުން ބައެއް މީހުން ފާޅުކުރި ކަމަށެވެ.
ނަމަވެސް، އެ ކަންބޮޑުވުންތަކަށް ވެސް ހައްލެއް އަންނާނެ ބަދަލެއް ރައީސް މިރޭ ވިދާޅުވެދެއްވި އެވެ.
ރައީސް ވިދާޅުވީ، އެ މަނިކުފާނު ބޭނުންފުޅުވަނީ ހަރަދު ކުޑަކުރަން ކަމަށާއި ލޯކަލް ނިޒާމުގެ ހިންގުމުގެ ހަރަދު މިހާރު މާ ބޮޑު ކަމަށެވެ. އެ ރަށެއްގެ އާބާދީ އަށް ހިދުމަތް ކުރަން ބޭނުންވާ އަދަދަށް ވުރެ ގިނައިން ފުލްޓައިމްކޮށް ކައުންސިލަރުން ތިބުމަކީ ހަރަދު ބޮޑު ނިޒާމެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"މި ހުރިހާ ކަމަކަށް އަލިއަޅުވާލާފައި ކުރެވިދާނެ ކަމެއް ކަމަށް އަޅުގަނޑަށް ފެންނަ ގޮތަކީ ކައުންސިލަރުންގެ އަދަދު މަދުނުކޮށް ފުލްޓައިމްކޮށް ތިބޭނީ ކައުންސިލްގެ ރައީސް އަދި ނައިބު ރައީސް ގޮތުގައި ކަނޑައަޅައި، އިންތިހާބުގައި ފުލްޓައިމް މަގާމަކަށް އިންތިހާބު ކުރާނީ ކައުންސިލްގެ ރައީސްގެ މަގާމާއި ނައިބު ރައީސްގެ މަގާމަށް ނަގާ ދެ މީހުންނަށް ކަމަށް ކަނޑައަޅައި، މިހާރު ވެސް ތިބޭ އަދަދަށް ކައުންސިލަރުން އިންތިހާބު ކުރުން،" ރައީސް މުއިއްޒުގެ އާ ހިޔާލު ހުށަހަޅުއްވަމުން ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ބާކީ ތިބޭ ކައުންސިލަރުންނަށް ދޭނީ، ބައިވެރިވާ ކައުންސިލްގެ ކޮންމެ ޖަލްސާއަކަށް އެލަވަންސެކެވެ. ސިޓީ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކަށް ވެސް އެ އުސޫލުން އަމަލުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ތަރައްގީ ވެފައިވާ ގިނަ ގައުމުތަކުގައި ވެސް އެ ގޮތަށް ކައުންސިލަރުން ތިބޭ ކަމަށެވެ.
ބައިވެރިވާ ކޮންމެ ޖަލްސާއަކަށް އެލަވަންސެއް ދޭ ގޮތަށް ބަދަލެއް ގެނެސްފި ނަމަ ޑިމޮކްރެޓިކް ރިޕްރެޒެންޓޭޝަނަށް ވެސް ބަދަލެއް ނާންނަ ކަމަށާއި އޭރުން ބޮޑު ހަރަދެއް ސަލާމަތް ވާނެ ކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.