ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސަކަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އައްޔަން ކުރައްވައިފި އެވެ.
އެލްޖީއޭގެ ވެބްސައިޓްގައިވާ ގޮތުން އަށް މެމްބަރުންގެ މައްޗަށް އެކުލެވޭ އެލްޖީއޭ ބޯޑުގެ ރައީސަކަށް ޒަމީރު އައްޔަން ކުރެއްވީ މިދިޔަ އަންގާރަ ދުވަހު އެވެ.
އެލްޖީއޭ ދުވަހުން ދުވަހަށް ހިންގުމުގެ ޒިންމާތައް އުފުއްލަވަނީ ސީއީއޯ އެވެ. އަދި ރައީސްގެ މަސްއޫލިއްޔަތަކީ ބޯޑު ބައްދަލުވުންތައް ބޭއްވުމެވެ.
އެ ދެ މަގާމަށް ވެސް ބޭފުޅުން އައްޔަންކުރައްވަނީ ރައީސެވެ.
އެ ބޯޑުގެ ރައީސަކަށް އެންމެ ފަހުން ހުންނެވީ، ލޯކަލް ގަވަމެންޓް މިނިސްޓަރުކަން ކުރެއްވި އާދަމް ޝަރީފް އުމަރެވެ. ނަމަވެސް، މި މަހުގެ 14 ވަނަ ދުވަހު އޭނާ މަގާމުން އިސްތިއުފާ ދެއްވުމާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ މިނިސްޓްރީ އުވާލައްވައިފަ އެވެ.
ލާމަރުކަޒީ ގާނޫނު ބުނާގޮތުން އެލްޖީއޭގެ ރައީސަކަށް އަބަދުވެސް ހުންނަވާނީ އެލްޖީއޭގެ މަސައްކަތްތަކާ ބެހޭގޮތުން ޖަވާބުދާރީވެ ވަޑައިގަތުމަށް ރައީސް ކަނޑައަޅުއްވާ ވަޒީރެވެ.