ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހާ ދެކޮޅަށް ކައުންސިލްތަކުން ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށް، މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.
އާޒިމް، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އާއްމުންގެ މަޝްވަރާއާ ނުލައި ރަށްރަށުގެ އިދާރީ ދާއިރާތަކުން ސަރުކާރަށް ބިން ވަކިކުރުމުގެ ބާރު ލިބޭ ގޮތަށް ގާނޫނަށް ގެންނަން އުޅޭ ބަދަލުން ރައްޔިތުންގެ ހައްގުތަކަށް އުނިކަން ލިބޭނެ ކަމަށެވެ.
އެއީ ސަރުކާރުން އަމިއްލަ އިހުތިޔާރުގައި ހިންގަން އުޅޭ ބޭއިންސާފު އަމަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ލާމަރުކަޒީ ގާނޫނަށް ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާނު ހުށަހެޅުއްވި އިސްލާހުގައި ވަނީ ރަށްރަށުގެ އިހުތިސާސްގައި ހިމެނޭ ބިމެއް، ރަށެއް ނުވަތަ ފަޅެއް ކެބިނެޓުން ބޭނުންވެއްޖެ ނަމަ ޕްރޮޖެކްޓުތައް ހިންގަން ނެގޭ ގޮތަށް ބަދަލު ގެންނަން ހުށަހަޅައިފަ އެވެ.
އެކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި އާޒިމް ވިދާޅުވީ އެ ނިޒާމަށް ގެންނަ ބަދަލުތަކާ ހެދި ރައްޔިތުންގެ ބިންތަކުން ލިބެން ޖެހޭ އެންމެ ރަނގަޅު މާލީ މަންފާ ލިބުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށެވެ.
"މާލެ ސިޓީގެ ބިންތަކަށް ހަދާލި ގޮތް ހަދާލާނެ ކަމުގެ ކަންބޮޑުވުން ވެސް އެބައޮތް. އެހެންކަމުން މި އިސްލާހު އަނބުރާ ގެންދިއުމަށް ގޮވާލާ ހިނދު، ލާމަރުކަޒީ ނިޒާމް ހަލާކުކޮށް ރައްޔިތުންގެ ބާރު ކަނޑުވާލަން ކުރާ މަސައްކަތާއި ދެކޮޅަށް އަޅުގަނޑުމެން ހުރިހާ ކައުންސިލްތަކެއް ގުޅިގެން މަސައްކަތް ކުރަން ޖެހޭ،" އާޒިމް ވިދާޅުވި އެވެ.
އެ އިސްލާހު ބޭރުކޮށްލަން ގޮވާލައި އީ-ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ.
މިދުއަމް ސައީދުގެ ނަމުގައި ހަދާފައިވާ އީ-ޕެޓިޝަންގައި ބުނަނީ ހަންނާނު ހުށަހެޅުއްވި އިސްލާހަކީ ރައްޔިތުންގެ ވޯޓަކުން ހޮވާ ކައުންސިލަރުންގެ ބާރު ކެނޑި، އެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބުން ކަމަށެވެ.
އެއާ އެކު، ވަޒީރުންގެ މަޖިލީހުން ނިންމާ ނިންމުންތަކާ ދެކޮޅު ހަދާކަމަށް ނުވަތަ އެއްބާރުލުން ނުދޭ ކަމަށް ބުނެ، އާއްމުންގެ ވޯޓުން ހޮވާފައިވާ ކައުންސިލަރުންނަށް ފިޔަވަޅު އެޅުމުގެ ފުރުސަތު ވެސް ލިބޭ ކަމަށް ބުނެފައިވެ އެވެ.