ފީ ނަގައިގެން އަތޮޅު ކައުންސިލްތަކުން ދެމުން ދިޔަ ހިދުމަތްތައް، އެ ކައުންސިލްތައް އުވާލުމާ ގުޅިގެން ގާނޫނީ ގޮތުން އުފެދިފައިވާ ސުވާލުތަކާ ގުޅިގެން ހުއްޓިއްޖެ އެވެ.
އުޅަނދުތަކުގެ ލައިސެންސް ހެއްދުމާއި އަހަރީ ފީތައް އަދި ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) ގެ ހިދުމަތްތައް އަތޮޅު ކައުންސިލްތަކުން ކުރިން ދިޔައީ ފޯރުކޮށްދެމުންނެވެ.
ނަމަވެސް، ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލާއެކު، މިދިޔަ މަހުގެ 17 ވަނަ ދުވަހުން ފެށިގެން ވަނީ އަތޮޅު ކައުންސިލްތައް އުވާލައި، އަދި އެ ތަންތަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ އަތޮޅު އޮފީހަށް ބަދަލުކޮށްފަ އެވެ.
އެ އަތޮޅު އޮފީސްތަކުން ދަނީ ޓްރާންސްޕޯޓުގެ ހިދުމަތްތައް މިއަދުން ފެށިގެން ހުއްޓާލިކަން އިއުލާންކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި ޓްރާންސްޕޯޓުގެ ހިދުމަތްތައް ހުއްޓާލީ ގާނޫނީ ގޮތުން އުފެދިފައިވާ ސުވާލަކާ ގުޅިގެންނެވެ.
ކައުންސިލްތަކަކީ ފީ ނަގައިގެން ހިދުމަތް ދިނުމުގެ ބާރު ގާނޫނުގެ ދަށުން އޮންނަ ބައެކެވެ. އެކަމަކު، އެ ބާރެއް އެލްޖީއޭއަކަށް ނޯވެ އެވެ.
އެކަމާ ގުޅިގެން އެލްޖީއޭގެ ބަހެއް މިހާތަނަށް ނުލިބެ އެވެ.