މާފަންނު ގުދަނެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގެ އަސަރު ކުރި ގެތަކުގެ ތެރެއިން ފަސް ގެއެއްގެ 22 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުންބުއިމުގެ އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.
ރޭ ފަތިހުގެ ވަގުތެއްގައި އަލިފާނުގެ ހާދިސާ ހިނގީ ޗޮކްލެޓާއި ނަޓްސް ވިއްކާ ފިހާރައެއް ކަމަށްވާ "ފުރުޓް ޓްރީ އެޕަލް" ފިހާރައިގެ ގުދަނެއްގަ އެވެ.
އެންޑީއެމްއޭއިން ބުނީ، އަލިފާނުގެ ހާދިސާގައި ދުމުގެ ސަބަބުންނާއި އިމާރާތަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ވަގުތީ ބޯހިޔާވަހިކަން ބޭނުންވާ 10 ގެއެއްގެ 33 މީހެއް ފާހަގަކުރެވުނު ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 14 ދިވެއްސަކާއި 19 ބިދޭސީންނެވެ.
އޭގެ ތެރެއިން ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ހަމަޖައްސާފައިވަނީ ފަސް ގެއެއްގެ 14 ދިވެހިންނާއި އަށް ބިދޭސީންނަށް ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
ބިދޭސީ އެއް އާއިލާއަކުން އަމިއްލަ ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުވެފައިވާ ކަމަށާއި ބާކީ ތިބި 11 ބިދޭސީންނަށް އެހީތެރިކަން ފޯރުކޮށްދީފައިވަނީ އެ މީހުން ނިސްބަތްވާ ކުންފުނިތަކުން ކަމަށް އެންޑީއެމްއޭ އިން ބުނެފައިވެ އެވެ.
ގުދަނުގައި އަލިފާން ރޯވެފައިވަނީ ރޭ ފަތިހު 4:20 ހާއިރު އެވެ. ރޯވި އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވުނީ 5:27 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
ހެނދުނު 6:00 ހާއިރު އަލިފާން އެއްކޮށް ނިއްވާލެވުނުއިރު، ބޭނުން ނުކުރެވޭ ވަރަށް ގުދަން އަނދާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ،
އަލިފާން ރޯވި ގުދަނަކީ ދަގަނޑާއި ޓިނުން ދެބުރިއަށް ހަދާފައި ހުރި ތަނެކެވެ. އެތަނުގައި ރޯވަން ދިމާވި ސަބަބެއް އަދި ހާމައެއް ނުކުރެ އެވެ.