މީގެ ކުރިން ބޭއްވި ޕޮލިހުންގެ ރަސްމިއްޔާތެއްގައި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
26 ޖެނުއަރީ 2025 - 10:54
ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ގާއިމްކޮށްދޭން ފުލުހުން މަގުމަތީގައި ޑިއުޓީއަށް ތިބޭއިރު، ފޯނާ ނުކުޅުމަށާއި އާންމުންނާ ރީތި ބަހުން ވާހަކަ ދެއްކުމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ރޭ ނަސޭހަތްތެރިވެވަޑައިގެންފި އެވެ.
ފުލުހުންގެ 38 ވަނަ އިނިޝަލް ޓްރެއިނިން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު ވަނީ ތިން ނަސޭހަތެއް އޮފިސަރުންނަށް ދެއްވައިފަ އެވެ.
ފުރަތަމަ ކަމެއްގެ ގޮތުގައި ޝުޖާއު ވިދާޅުވީ ގިނަ އަދަދެއްގެ ފުލުހުން މަގުމަތިން ފެނުނަސް އެ ފުލުހުން ފޯނާ ކުޅެން ތިބޭ ކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ލިބެމުންދާ ކަމަށެވެ. މަގުމަތީގައި ހިނގަމުންދާ ކަންކަމަށް މާބޮޑު ސަމާލުކަމެއް ނުދީ ފޯނަށް ގެއްލިފައި ތިބުމުގެ ޝަކުވާ ނާންނަ ގޮތަށް އެކަން ރަނގަޅު ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
އޭނާ އެދިވަޑައިގަތީ ހިދުމަތަށް މަގުމައްޗަށް ނުކުމެ ތިބޭއިރު ރައްޔިތުންނަށް ހާއްސަވުމަށެވެ. ޑިއުޓީ ގަޑީގައި ފޯނު ބޭނުން ކުރުން ހުއްޓާލުމުން އެ މައްސަލަ ހައްލުވާނެ ކަމަށް ވިދާޅުވި އެވެ.
"ވަރަށް ގިނައިން ރައްޔިތުން ކުރާ ޝަކުވާއެއް އެއީ ފުލުހުން ވަރަށް ގިނައިން މަގުމަތިން ފެނެޔޭ. އެކަމަކު ތިބެނީ ފޯނާ ކުޅޭށޭ. މަގުމަތީގައި ހިނގާ އެއްވެސް ކަމަކަށް ފަރުވާ ނުދީ ތިބެނީ ފޯނަށް ބަލަހައްޓައިގެންނޭ. މިކަން ރަނގަޅުކުރަން އެބަޖެހޭ،" ދ. ވާނީގައި ބޭއްވި ޖަލްސާގައި ޝުޖާއު ވިދާޅުވި އެވެ.
"އުއްމީދުކުރަނީ ތިޔަ އޮފިސަރުން ރައްޔިތުންގެ ހިދުމަތުގައި ތިބޭއިރު ރައްޔިތުންނަށް އަބަދުވެސް ހާއްސަ ވެގެން ތިބުމަށް."
ފުލުހުންގެ 38 ވަނަ އިނީޝަލް ޓްރެއިނިން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | ޕޮލިސް
ޝުޖާއު ދެން އެދިވަޑައިގަތީ ރައްޔިތުންނާ އަބަދުވެސް ރީތި ބަހުން މުއާމަލާތްކުރުމަށެވެ.
އަބަދުވެސް އިހްތިރާމާ އެކު ވާހަކަ ދައްކަވާ ޕޮލިސް ކޮމިޝަނަރު ވިދާޅުވި ގޮތުގައި ރައްޔިތުންނާ ރީތި ބަހުން ވާހަކަ ނުދެއްކޭނެ އެއްވެސް ހާލަތެއް ފުލުހުންނަށް އައިސްގެން ނުވާނެ އެވެ.
ޝުޖާއު ވިދާޅުވީ ރައްޔިތުންނަށް ވުރެ މާތްކޮށް ވާހަކަ ދައްކަން ޖެހޭ އިތުރު ބަޔަކު ނުތިބޭނެ ކަމަށެވެ.
އެހެންވެ، އުއްމީދުކުރައްވަނީ ފުލުހުންނަށް އަމާޒުވާ އެފަދަ ނޭދެވޭ ސިފަތައް، އެ އޮފިސަރުންގެ މަސައްކަތުން ހައްލުވުން ކަމަށް އޭނާ ވިދާޅުވި އެވެ.
ޝުޖާއު ވަނީ ފުލުހުންނަށް ލިބޭ ގާނޫނީ ބާރުތައް ޒިންމާދާރުކަމާ އެކު ބޭނުންކުރުމަށް ވެސް އިލްތިމާސްކުރައްވައިފަ އެވެ.
ގާނޫނުން ފުލުހުންނަށް ލިބިފައިވާ ބާރުވެރިކަމަކީ ހިތުހުރި ގޮތަކަށް ބޭނުންކުރަން ލިބޭ ބާރެއް ނޫން ކަމަށް ވިދާޅުވި އެވެ. އަބަދުވެސް މަސައްކަތް ކުރަން ވާނީ ބާރުގެ ބޭނުން ނުކޮށް، ދިމާވާ ކަންކަން ހައްލުކުރަން މަގު ދައްކައިދޭ ބަޔަކަށް ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.
Sincere congratulations to all the officers who have successfully completed the 38th Police Initial Training Course! This achievement marks the beginning of an exciting journey ahead. pic.twitter.com/emTMEA8HfM
— Maldives Police (@PoliceMv) January 25, 2025
ޕޮލިސް ކޮމިޝަނަރު ވިދާޅުވި ގޮތުގައި ފުލުހުން ވާންޖެހޭނީ އިސްލާހުވާން ފުރުސަތުދޭ ބަޔަކަށެވެ.
އެ ބަދަލުތަކާ އެކު ފުލުހުންގެ މުއައްސަސާއަކީ މިހާރަށް ވުރެ ބޮޑަށް ރައްޔިތުންގެ ލޯތްބާއި އިހްތިރާމު ލިބިފައިވާ ތަނަކަށް ވުމަށް އުއްމީދުކުރައްވާ ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.
"އަޅުގަނޑު އުއްމީދުކުރަން ތިޔަ ފުލުހުންގެ މަސައްކަތުން ދިވެހި ފުލުހުންގެ ހިދުމަތަކީ ރައްޔިތުންގެ ލޯތްބާއި އިހުތިރާމު ލިބިގެންދާނެ ހިދުމަތަކަށް ވާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ ފުލުހުންގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހިދުމަތް ފުޅާކުރުމަށް މަސައްކަތްތަކެއް ކުރިއަށް އެބަދާ ކަމަށެވެ. އޭގެ ތެރޭގައި ފުލުހުންނަށް ބޭނުންވާ ތަމްރީނުތައް ރާއްޖެ އާއި ބޭރުން ފޯރުކޮށްދެމުންދާ ކަމަށާއި ރާއްޖޭގެ ރަށްރަށުގައި ވެސް ފުލުހުންގެ މަރުކަޒުތައް ގާއިމުކުރަން އަންނަ ކަމަށް ވިދާޅުވި އެވެ.
އެއިން ކޮންމެ ކަމެއްގެ ފަހަތުގައި ވަނީ ފުލުހުންގެ ހިދުމަތަކީ ރައްޔިތުން ބަލައިގަންނަ ހިދުމަތަކަށް ހެދުން ކަމަށް ވެސް ޕޮލިސް ކޮމިޝަނަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަމީ ކާކުކަން އެނގޭ
28 January 2025
ސީ.ޕީ! ޕޮލިހުންނަށް ހަނދުމަފުޅުކޮށް ދޭންޖެހޭ އެހެން ކަމެއްވެސް އެބަ އޮތް. ޑިއުޓީ ގަޑީގައި، ޚާއްޞަކޮށް ޔުނީފޯމުގައި ތިބޭއިރު ނުނަށަން.
އާދްމީ
27 January 2025
ސީޕީއެކޭ އާންމު ރައްޔިތެކޭ އެއްވަރު. އަބަދު މިހެން ވާންޖެހޭނެ މިހެން އުޅެންވާނެ ކިޔުމުގަ އުޅެނީ. އެންމެ އިސް މީހެއްގެ ހައިސިއްޔަތުން ސިޔާސަތުތައް ހަދައިގެން ތަންފީޒުކޮށް ނަތީޖާ ނެރޭތަނެއް ނުފެނޭ.
ނަށާނީ
26 January 2025
ދެން މަގުމަތީގައި ތިބެގެން ނަށާނީތޯއްޗެއް.
ސައިބޯނި
26 January 2025
ތިހެން ފޯނަށް ބަލަން ތިއްބާ ކާޅު ނާށިގަނޑު ގެންދާނީ އަދިވެސް އިސްލާހު ވާން ނުވޭތަ ޓްރޭނިންގަ ކިޔާދޭ އެއްޗެއް އޮވޭބާ މިހާރު, ޓޯކީ ސިސްޓަމް ގެނެސްބަލަ
ވޯޓް
26 January 2025
އަހަރެންވެސް ހިތަށް އަރާ އަބަދުވެސް ފުލުހުން ތިބޭނީ ފޯނާ ކުޅެންށޭ... ހީވަނީ ހެޑްއޮފީހާމެސެޖުން ވާހަކަދައްކާ ހެން....
ހަބީބައްތަ
26 January 2025
ޑިއުޓީއަށް ނެރޭ ފުލުހުން ފޯނު ގެންގުޅުން މަނާކޮށް، ޓޯކީއިން ވާހަކަދައްކާ ގޮތަށް ހެދީމާ ރަގަޅުވާނެ. އަދި އޮންލައިންކޮށް ބަލަންޖެހޭ އެއްޗެހި އެކަނި ބެލޭނެ މިނީ ޓެބްލެޓެއް ކަހަލަ އެއްޗެއް ދިނީމާ ރަަގަޅު ވާނެ. ޑިއުޓީގައި ހުންނަ ފުލުސްމީހާ ފޯނާއި ކުޅުން ނުހުއްޓިގެން އުޅެނީ ކޮމާންޑް އެންޑް ކޮންޓްރޯލް ނެތީމާ ކަމަށް ވެސް ވެދާނެ
ފޯނާ ނުލާ ޑިއުޓީ ކުރުން
26 January 2025
އަމިއްލަ ފޯނުން ރަސްމީ ކަންކަން ކުރަން ޖެހެންޏާ ފޯނާވެސް ކުޅޭނެ ދޯ! އަމިއްލަ ފޯނު ބާއްވާފަ އައިސް ޑިއުޓީ ކުރާނެ ވަސީލަތެއް އަދިނެތް.
ދަތޯ ސަޓޯ
26 January 2025
އެމީހުން ފޯނާކުޅެނީ ކަމެއް ނެތީމާ. އިނގިއްޖެ.
ލުތުފ
26 January 2025
ޑިއުޓީގަ ތިބޭ ފުލުހުން އަބަދު ފޯނަށް ބަލަންތިބޭ ތަން ވަރަށްގިނައިން ފެނޭ. މީ މިހާރުން މިހާރަށް އިސްލާހުކުރަންޖެހޭ ކަމެއް. ޓްރެފިކް ބެލެހެއްޓުމުގެ ކަންކަމުގަ ވަރަށްގިނަ ފުލުހުން މިހާރު ޙަރަކާތްތެރިވޭ. އަބަދު ފޯނުގެ ތިބޭމަންޒަރު ފެނުމަކީ ފުލުހުންގެ މަސްއޫލިއްޔަތަށް ފަރުވާތެރިވާވަރާމެދު ޢާއްމުންގެ ހިތުގަ ޝައްކު އުފެދޭނެކަމެއް. ޕޯޑިއަމެއްގަ ތިހެން ބުނުމުިގެ ބަދަލުގަ، އެކަން ހުއްޓުވަންޖެހެނީ.
އަލިތަކުރު
26 January 2025
މިހާ ބޭސިކް ވާހަކައެއް ސީޕީ މިކަހަލަމާހައުލެއްގަ ބުނަންޖެހުނީމަ، ތިތަނުގެ ވެރިންގެ ފެންވަރުދައްކަން ދޭހަވޭ.