ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ދޭ މަސް ދަޅު ކޭސް ނެގުމަށް ނަގަން މިވަގުތު ކިއޫގައި ނުޖެހުނަސް މި މަހުގެ ފަހުން ވެސް، ހުރިހާ ގޭބިސީއަކަށް އެ ހަވާލުކޮށް ނިމެންދެން ދޫކުރާނެ ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެ އެވެ.
މާލޭ ސަރަހައްދުގައި ރޭ 8:00 ގައި މަސްދަޅު ކޭސް ބަހަން ފެށުމާ އެކު، އެތަންތަނުގައި ދިގު ކިއޫތައް އޮތެވެ. މަސްދަޅު ކޭސް ހޯދަން ބައެއް ކިއުތަކުގައި ރޭ ދަންވަރު 3 ޖެހިއިރު ވެސް މީހުން ތިއްބެވެ.
އާބާދީ އެންމެ ބޮޑު މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބެހުމުގެ އިންތިޒާމުތައް ހަމަޖައްސާފައި ހުރި ގޮތުން ގިނަ ބައެއްގެ ފާޑުކިޔުން ވެސް އަމާޒުވި އެވެ.
އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާދަމް ޝަރީފް ވިދާޅުވީ ރޭ ކިއުގައި ގިނަ ވަގުތު ތިބެންޖެހުމުން ހިތާމަކުރައްވާ ކަމަށެވެ. އެހެންވެ އިންތިޒާމުތައް ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ދޭ މަސްދަޅު ކޭސް މި މަހުގެ 28 އާ ހަމައަށް ދޫކުރަން ކުރިން އޮތް ނަމަވެސް، ހުރިހާ ގޭބިސީއަކަށް މަސް ދަޅު ކޭސް ލިބެންދެން ހަދިޔާ ދޫކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ދިގު ކިއުއަށް ނޭރިޔަސް ކުރިއަށް އޮތް ދުވަސްތަކުގައި ރޯދަ ހަދިޔާ ދޫކުރުމަށް ހަމަޖެހިފައިވާތީ، ގިނަ ވަގުތު ކިއުގައި ނުތިއްބަސް ރޯދަ ހަދިޔާ ހުރިހާ ގޭބިސީތަކަށް ލިބެންދެން 28 ފެބްރުއަރީގެ ފަހުން ވެސް ކުރިއަށް ގެންދާނެ،" އާދަމް ޝަރީފް ވިދާޅުވި އެވެ.
މިނިސްޓަރު އާންމުކުރެއްވި މައުލޫމާތުގައިވާ ގޮތުން ފުރަތަމަ ރޭ އެކަނި ވެސް މާލޭ ސަރަހައްދުގެ 9،394 ގޭބިސީއަކަށް ވަނީ މަސްދަޅު ކޭސް ދޫކޮށްފަ އެވެ.
ސެންޓަރުތަކުން މަސް ދަޅު ކޭސް ދޫކުރި އަދަދުތައް:
- ވިލިމާލެ - 582
- އެމްޓީސީސީ ސޯމިލް - 2،083
- މިފްކޯ - 3،666
- ހިޔާ ފްލެޓް 10 - 1،555
- އުމަރު ޒާހިރު ބިލްޑިން - 1،508
މިނިސްޓަރު ވިދާޅުވީ މާދަމާ ރެއިން ފެށިގެން މާލޭގައި ގަލޮޅު ދަނޑުގެ ހަތަރު ފަރާތު ސިޑިބަރި ކައިރިންނާއި ސޯޝަލް ސެންޓަރާއި ހެންވޭރު ދަނޑާއި ހުޅުމާލޭ ފޭސް 1 އަދި 2 ގެ އިތުރު ދެ ތަނަކުން މަސް ކޭސް ދޫކުރާނެ ކަމަށެވެ. މިއާ އެކު މަސް ދަޅު ކޭސް ދޫކުރާ ތަންތަނުގެ އަދަދު 13 އަށް އަރަ އެވެ. މިއިން ކޮންމެ ތަނެއްގައި ފަސް މޭޒު ބަހައްޓައިގެން މަސް ދަޅު ކޭސް ދޫކުރަން ހަމަޖެހިފައިވެ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ހޫނު ގަދަކަމަށް ފެންނާތީ ދުވާލު ރޯދަ ހަދިޔާ ދޫކުރުމެއް ނޯންނާނެ އެވެ.
ކޮންމެ ގޭބީސީއަކަށް ވެސް ދޫކުރަނީ 48 ދަޅުގެ ކޭހެކެވެ. މަސްދަޅު ބަހަނީ ކަރަންޓު މީޓަރު ނަންބަރަށެވެ. ގާތްގަނޑަކަށް ރާއްޖޭގެ 80،000 އަށް ވުރެ ގޭބީސީތަކަށް މަސްދަޅު ދޭނެ އެވެ.