އީކުއޭޓާ ވިލެޖު ކައިރިން ހަދާ މަގުގެ ބައެއް މަސައްކަތްތައް މިހާރު ވަނީ ފަށާފައި. -- ފޮޓޯ: ސައީދު
11 އެޕްރީލް 2025 - 16:10
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމުގެ ޕްރޮޖެކްޓްގައި ހިމެނޭ މަގު ހެދުމުގެ މަސައްކަތަށް އިކުއޭޓާ ވިލެޖު ހިންގާ ކުންފުނި، ކައިމޫ ޓްރެވަލްސް އެންޑް ހޮޓެލްސް ސާވިސަސްގެ ފަރާތުން ހުސްކުރަން ޖެހޭ ކޮޓަރިތައް ހުސްކުރުމަށް އެ ކުންފުނިން ބަދަލެއްގެ ގޮތުގައި ހުށަހަޅަނީ 25 މިލިއަން ޑޮލަރު (386 މިލިއަން ރުފިޔާ) ކަން އެނގިއްޖެ އެވެ.
ސަރުކާރުގެ ކަމާ ގުޅުން ހުރި ބައެއް މަސްދަރުތަކުން އެކަން "މިހާރު" އަށް ނުރަސްމީކޮށް ކަށަވަރު ކޮށްދިން ނަމަވެސް އެ އަދަދަށް ސަރުކާރުން މިހާތަނަކަށް އެއްބަހެއް ނުވެ އެވެ. އައްޑޫ އެއާޕޯޓު ބޮޑުކުރަމުން އަންނައިރު، އެ ޕްރޮޖެކްޓުގެ ތެރެއިން ހަދަން ޖެހޭ މަގުގެ އެއްބަޔަށް އަރާ ގޮތަށް ހުރި އިމާރާތް [ކައިމޫ އިން ބޭނުންކުރާ ސްޓާފް ކުއާޓާޒް] ހުސްނުކުރެވި ދިގުލައިގެންދާ މައިގަނޑު ސަބަބަކީ އެ ކުންފުނިން ބަދަލުގެ ގޮތުގައި ބޭނުންވާ އަދަދަށް ސަރުކާރުން އެއްބަސް ނުވާތީ ކަމަށް އެނގިފައި ވެ އެވެ.
ބަދަލުގެ ގޮތުގައި 25 މިލިއަން ޑޮލަރުގެ އިތުރުން، ކައިމޫ އިން މާލެ އަތޮޅުގައި ހިންގާ ދެ ރިސޯޓު ކަމަށްވާ ސަމާ އައިލެންޑާއި އެނބޫދޫ ވިލެޖުގެ ލީޒް މުއްދަތު އިތުރު 50 އަހަރަށް އިތުރު ކުރަން ވެސް ހުށަހެޅި ކަމަށް މައުލޫމާތު އެނގޭ އޮފިޝަލަކު ވިދާޅުވި އެވެ.
އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމަށް ހިންގާ މަޝްރޫއާ އެކު، މައި މަގު ހެދުމަށްޓަކައި ބޭނުންވާ ސަރަހައްދުގެ ތެރެއަށް އީކުއޭޓާ ވިލެޖުގެ ސްޓާފް ކުއާޓާޒް ވަންނާތީ، އެ މައްސަލާގައި އިންސާފުވެރި ހައްލުތަކެއް ހޯދުމަށް ސަރުކާރާ އެކު މަސައްކަތް ކުރާ ކަމަށާއި ވަރަށް އަވަހަށް އެކަން ހައްކު ކުރެވޭނެ ކަމަށް ކައިމޫ އިން ވަނީ އިއްޔެ ބުނެފަ އެވެ.
ކައިމޫ އިން ބުނީ، މި މައްސަލައިގައި ހައްލެއް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީއާ އެކު މުހިއްމު މަސައްކަތްތަކެއް ކުރި ކަމަށާއި ބޭނުންވާ ހައްލުތައް ވެސް އެ ކުންފުނިން އިސްނަގައިގެން އެ މިނިސްޓްރީ އަށް ހުށަހަޅާފައިވާ ކަމަށެވެ.
"މިހާރު" އާ ބައެއް މައުލޫމާތުތައް ހިއްސާކުރި ބޭފުޅަކު ވިދާޅުވީ، އެ ހުށަހެޅުން އެންމެ ފުރަތަމަ ހުށަހެޅީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ކަމަށެވެ. އެއާޕޯޓުގެ މަގު ހަދާ އިރު އީކުއޭޓާ ވިލެޖުގެ ލޭބާ ކުއާޓާޒްގެ ބައެއް ކޮޓަރިތައް އަރާތީ، އެ ތަން ހުސްކުރުމަށް މެއި 2023 ގައި އެ ރިސޯޓުގެ މެނޭޖްމެންޓާ އެކު ވާހަކަ ދެއްކެވި، ހުސްކުރަން ޖެހޭ ކޮޓަރިތައް ވެސް ފާހަގަކުރި އެވެ.
އެކަމަކު، ކައިމޫ އިން ބޭނުންވަނީ 4،000 އަކަފޫޓުގެ ބިން އެއްކޮށް ދޫކޮށްލާށެވެ. އެ ބިމުގައި ހުރި އިމާރާތްތަކުގެ އިވެލުއޭޝަނެއް ހެދުމަށް ފަހު، އެ ތަނުގެ އަގު 25 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބަލައި، ބަދަލެއްގެ ގޮތުގައި އެ އަގު ސަރުކާރުން ދިނުމަށް ވެސް ހުށަހެޅި އެވެ.
"އެ ބޭފުޅުން އެބަ އޮވޭ އޮޑިޓެއް ހަދާފައި. އެ އޮޑިޓުން ދައްކާ ގޮތުން 24 ނުވަތަ 25 މިލިއަން ޑޮލަރު ވަރު ވާނެ ކަމަށް ވިދާޅުވަމުން ގެންދަވަނީ. ނަމަވެސް ބަދަލު ދީފައި އިމާރާތް ނަގަންޖެހޭ ކަމަކަށް މި ސަރުކާރުން މިހާތަނަށް ވެސް ގަބޫލު ނުކުރާ ކަމަށް އެނގިފައި ވަނީ. މިދިޔަ ދެ އަހަރު ވެސް ހަމަ މި ގޮތަށް މި ދިޔައީ،" ސަރުކާރާއި ކައިމޫއާ އެކު މިހާރު ވެސް ކުރިއަށް ގެންދާ މަޝްވަރާތަކުގެ މައުލޫމާތު އެނގިވަޑައިގަންނަވާ އޮފިޝަލަކު ވިދާޅުވި އެވެ.
ސްޓާފް ކުއާޓާޒްގެ ގޮތުގައި ކައިމޫނ އިން ބޭނުންކުރަނީ 1950 ގެ އަހަރުތަކުގައި އިނގިރޭސިން އިމާރާތް ކޮށްފައި ހުރި ތަންތަން ކަމަށާއި އެ ތަނުގެ ބޮޑު ބައެއް އީކުއޭޓާ ވިލެޖުން ބޭނުން ކުރަނީ ވެސް ގުދަން ކުރުމަށް ކަމަށް ވާތީ އެތަނުގެ މަރާމާތަށް މާބޮޑު ހަރަދެއް ކޮށްފައި ހުރިތަން ނުފެންނަ ކަމަށް "މިހާރު" އަށް މައުލޫމާތު ދެއްވި، އެކަމުގެ މައުލޫމާތު ފުރިހަމަ އަށް އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި އެވެ.
އީކުއޭޓާ ވިލޭޖުގެ ބިމުން މަގަށް އަރާ ބައި -- ފޮޓޯ: މިހާރު
ކައިމޫއިން އިއްޔެ ނެރުނު ބަޔާނުގައި ބުނީ، މަގު ހަދާ ސަރަހައްދުގައި ބަދިގެ އާއި ސްޓާފް މެސް، ލޯންޑްރީ، ގަރާޖު، ސްޓާފް ރެކްރިއޭޝަން އޭރިއާ، ސްކްވޮޝް ކޯޓު ހިމެނޭ ކަމަށެވެ.
އެކަމަކު އައްޑޫ އިންޓަނޭޝާނަލް އެއާޕޯޓު (އޭއައިއޭ) އިން ފަހުން ނެރުނު ބަޔާނުގައި ބުނީ، މަގަށް ހަދަން އިކުއޭޓާ ވިލޭޖުން ދޫކޮށްލަން ޖެހެނީ، ލޭބާ ކުއާޓާޒްގެ މަދު ކޮޓަރިތަކެއް ކަމަށެވެ. އަދި ތަޅާލަން ޖެހޭ ކޮޓަރިތައް ވެސް އީކުއޭޓާ ވިލެޖުގެ މެނޭޖުމެންޓަށް އަންގާފައިވާނެ ކަމަށް އަައްޑޫ އެއާޕޯޓު ކުންފުނިން ބުންޏެވެ. ކޮޓަރިތަކުގެ ބަދަލުގައި އެތަނުގެ ކައިރިން ބިމެއް ދޭ ގޮތަށް ވެސް އައްޑޫ އެއާޕޯޓު ކުންފުނިން ވަނީ ހުށަހަޅައިފަ އެވެ. އީކުއޭޓާ ވިލެޖާ އެކު އޭރު ކުރި މަޝްވަރާގެ ތެރެއިން އެ ކޮޓަރިތައް ހުސްކުރާނެ ކަމަށް ބެލެވޭތީ، އެ މަގުގެ ބޮޑުބައި ވެސް އޮތީ މިހާރު ނިންމައިފަ އެވެ.
"ދެހާސް ތޭރަވަނަ އަހަރު ވެސް އެ ތަނުގެ އިތުރު ބިލްޑިންތައް ވެސް ނެގީ ރިސޯޓުގެ ބޭނުމަށް. ވަގުތީ ގޮތުން ނެގީ. ނަގާފައި 2017 ގައި ރައީސް ޔާމީނުގެ ވެރިކަމުގައި އެ ތަނަކީ ޓޫރިސްޓު އޭރިއާއޭ ކިޔާފައި، ވަކި އުސޫލުގެ ތެރެއިން އެ ބިން ނެގީ. އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދި ފަހުން ނައިބު ރައީސް އަދީބުގެ ބެލުމުގެ ދަށުން ހިނގި ކަމެއް އެއީ،" ކަމުގެ މައުލޫމާތު އެނގިވަޑައިގަންނަވާ އޮފިޝަލަކު ވިދާޅުވި އެވެ.
އައްޑޫ އެއާޕޯޓު ބޮޑުކުރުމުގެ ޕްރޮޖެކްޓްގެ ދަށުން ހަދާ މަގު -- ފޮޓޯ: ސައީދު
އައްޑޫ އެއާޕޯޓު ކުންފުނިން ބުނީ، އީކުއޭޓާ ވިލެޖުން ހުސްކުރަން ޖެހެނީ އެ ކުންފުނީގެ މުވައްޒަފުން ބޭނުންކުރާ ދެތިން ކޮޓަރި ކަމަށާއި އެ ކޮޓަރިތައް ހުސްކުރުމަށް ފަހު، އެ ސަރަހައްދުން އެ ކޮޓަރިތަކަށްވާ ޖާގަ އަށް ބިން ދޭނެ ވެސް ހުށަހެޅި ކަމަށެވެ. އެ ސަރަހައްދުގެ މެދުން މަގު ހެދި ކަމަށް ވިޔަސް ދެ ފަރާތަށް ވަދެ ނުކުތުމަށް ދަތި ނުވާނެ ގޮތަކަށް އިންތިޒާމުތައް ހަމަޖައްސައިދޭނެ ކަމަށް ވެސް މެއި 22، 2023 ގައި ކައިމޫގެ އިސްވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި ވެސް އެއްބަސްވެފައިވާ ކަމަށް އައްޑޫ އެއާޕޯޓު ކުންފުނިން ބުނެފައި ވެ އެވެ.
"17 އޮގަސްޓ 2023 ގައި ލޭބާކުއާޓާޒް ސަރަހައްދަށް ގޮސް އެތަނުން ހުސްކުރަން ޖެހޭކަމަށް ފެންނަ ކޮޓަރިތައް ފާހަގަކޮށް އެކޮޓަރިތައް އީކުއޭޓާ ވިލެޖު ހިންގާ ވެރިންނަށް ވާނީ ދައްކާފަ އެވެ. އަދި ކޮންޓްރެކްޓާގެ ސާވެޔަރުންނާ އެކު މި ކުންފުނިން އެ ދުވަހު ބެލި ބެލުމުން އެ ސަރަހައްދުންނެގޭ ކޮޓަރިތަކުން އެ ހޮޓަލުގެ އޮޕަރޭޝަނަށް އެއްވެސް އަސަރެއް ނުކުރާނެ ކަމުގެ ޔަގީންކަން ވަނީ އެ ފަރާތްތަކަށް ދީފަ އެވެ،" އައްޑޫ އެއާޕޯޓު ކުންފުނިން ރޭ ނެރުނު ބަޔާނުގައި ވެ އެވެ.
އައްޑޫ އެއާޕޯޓު ބޮޑު ކުރުމުގެ މަސައްކަތް ފެށީ ޖޫން 2023 ގަ އެވެ. އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 30 މިލިއަން ޑޮލަރު (463 މިލިއަން ރުފިޔާ) ހޭދަކުރާ އެ ޕްރޮޖެކްޓް ނިންމަން އެންމެ ފުރަތަމަ ކަނޑައަޅާފައި އޮތީ މި އަހަރުގެ މާޗް މަހަށެވެ. ނަމަވެސް، ބައެއް ސަބަބުތަކާ ހެދި ޕްރޮޖެކްޓް ލަސްވާތީ، މިއަހަރުގެ ނޮވެމްބަރު މަހަށް ޕްރޮޖެކްޓްގެ މުއްދަތު ވަނީ އިތުރުކޮށްފަ އެވެ. އެ ޕްރޮޖެކްޓްގެ ކޮންޓެކްޓަރަކީ އިންޑިއާގެ ރެނާޓަސް އެވެ. އަދި ޕްރޮޖެކްޓް މެނޭޖްމެންޓް ކޮންސަލްޓެންޓަކީ އެސިސްޓަމް އިންޑިއާ އެވެ.
މަގުގެ މައްސަލައިގައި އައްޑޫ އެއާޕޯޓު ކުންފުނިން ބުނީ، އެ ބިމުގެ އަސްލު ވެރިފަރާތަކީ އެ ކުންފުނި ކަމަށް ގަބޫލުކުރާތީ، އެކަން ކޯޓަށް ހުށަހަޅަން ވެސް މެނޭޖްމެންޓުން ނިންމާފައިވާ ކަމަށެވެ.
އީކުއޭޓާ ވިލެޖުގެ ސްޓާފް ކުއާޓާޒް އިމާރާތުގެ ބައެއް ނުނެގި މައްސަލަ ދިގުލައިގެން ދާތީ ގަން އެއާޕޯޓުގެ ޕްރޮޖެކްޓުގެ ތެރެއިން ހަދަން ޖެހޭ މުހިންމު މަގެއް އުނިކޮށްފައި ނަމަވެސް ޕްރޮޖެކްޓް ކުރިއަށް ގެންދަން ޖެހޭ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެއީ އެ މަގުގެ މަސައްކަތް ކުރާ އިންޑިއާގެ ރެނާޓަސް އަށް ބޮޑު ބަދަލެއް ދޭން ޖެހި، އެއީ ސަރުކާރަށް ބޮޑު ބުރައަކަށް ވެދާނެތީ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ނަމަވެސް އެހެން ޕްރޮޖެކްޓެއްގެ ތެރެއިން އެ މަގުގެ މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އިންފްރާސްޓްރަކްޗަރު މިނިސްޓްރީން ވަނީ ދީފަ އެވެ.
މި މައްސަލަ ހައްލު ކުރަން އެ މިނިސްޓްރީން ދީފައިވާ އެންމެ ފަހު ތާރީހަކީ މި މަހުގެ 17 އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދައިގަންނަގުރާ
14 April 2025
ގަން އެއާޕޯޓަކީ އިންޓަނޭޝަނަލް އެއާޕޯޓެކޯ. ގައިމު ތިޔަ މަގެއް ހަދާވަރަކަށް އެއާ ޓްރެފިކެއްވެސް ނެތް. ދެން ބޯޓުތަކަށް ތެޔޮއެޅޭނެ ގޮތްވެސް ނެތް. ވަސީލަތްނެތިގެންނެ ނޫން. ހުއްދަ ނުދީގެން. ދެން ކީއްކުރާކަށް މަގެއް ހަދަން؟ ހުރިކަމެއް ހައްލުކޮށްފަ ދެން ތިކަމާއި އުޅެބަލަ. ގަން ނިކަން އިންޓަނޭޝަނަލް ކުލަ ޖައްސަބަލަ ފުރަތަމަ. އިންފްރާ އެބަހުރި މިހާރުވެސް.
ދައިގަންނަގުރާ
14 April 2025
މިނޫން ދޭތެރެއްގަ މަގެއް ނެހެދޭނެތަ؟
ބަޑިތަކުރު
13 April 2025
ދައުލަތުގެ ބިމެއް ހޯދަން ތިޔަވަރުގެ ޢަދަދެއް ދޭނެކަމެއްނެތް. މަގު ތިޔަތަނުން ނައްޓާގޮތަށް ބަދަލުކޮށްލަންވީ ނޫނީ ބިން ނަގާފައި އެކަށީގެންވާ ބަދަލެއް ދޭންވީ.
ރަގަޅުބަދަލެއް
13 April 2025
ގަން އެއަރޕޯޓް ބޮޑުކޮށް ތަރައްގީ ކުރުމަށް 463 މިލިއަން ރުފިޔާ، އީކުއޭޓާ ވިލެޖުން ބޭނުންކުރަމުންދާ (ފޮޓޯއިން ފެންނަ) ކޮޓަރި ބަރިއަކަށް 386މިލިއަން ރުފިޔާގެ ބަދަލު. އެހެންވީއިރު، ގަމުގައިހުރި އީކުއޭޓާ ވިލެޖްގެ ގެސްޓް ރޫމުތަކާއި ޕަބްލިކް އޭރިއާގެ އަގު 100ބިލިއަން ރުިފިޔާއަށްވުރެ ބޮޑުވާނެނުން. މިކަހަލަ ގަޅި ވިސްނުން ގެންގުޅޭބަޔަކު އިސްވެތިބި ގައުމެއް ތަރައްގީވެ ކުރިއަރާނެ އެއްވެސްގޮތެއް ނޯންނާނެ.
ފޫހި
13 April 2025
ސުބްޙާނަﷲ. ދިވެހިރާއްޖެ ދަވާލަން ބަޔަކު އެބައުޅޭ. މީގެ 75 އަހަރުކުރިން ހަދާފަ ހުރި ވީރާނާވެފަހުރި ދައުލަތުގެ އިމާރާތެއް ކުއްޔަށް ނަގައިގެން އުޅޭބަޔަކު އެ ތަނުން ދެ ކޮޓަރި ވަރު ތަނެއް މަގެއް ހަދަން އަރާތީ، ބަދަލެއްގެ ގޮތުގައި އުޞޫލެއްގެ ގޮތުން ދޭންޖެހޭނީ މަގަށް އަރާވަރުގެ ބިމާއި އެތާގައި ދެ ކޮޓަރި އަޅާވަރުގެ އަގެއް. އެކަމަކު 25 މިލިއަނާއި އަދި އިތުރު ދެ ރިސޯޓްގެ މުއްދަތު 50 އަހަރަށް އިތުކުރަން ހުށަހަޅަން ކެރުނީ ރާއްޖޭގެ ސިޔާސީ މީހުންގެ ގޮތް އެގޭތީ
ނައިބުމަނިކު
12 April 2025
ބިމަކީ ބަންޑާރަ ބިމެއްް، އެހެންވީމާ ބިމަށް ބަދަލެއް ދޭކަށް ނުޖެހޭނެ، ފެން ބަލަންޖެހޭނީ އެތަނުގައި ހުރި އިމާރާތުގެ އަގު، ދައުލަތަށް ތެދުވެރި މީހަކު އެތަންއަގުކޮށްފިއްޔާ ހަމަ ޔަގީނުންވެސް ފަސްލައްކަ ރުފިޔާވެސް ނާރާނެެ.
އަކުރުންއަކުރަށް
12 April 2025
އެ ބިމަކީ އެމީހުންގެ އަމިއްލަ ބިމަކަށް ނުވާނަމަ، ސަރުކާރުން ބޭނުންވާ ބަދަލުދީފައި ނުވަތަ ބަދަލު ނުދީވެސް ނެގޭނެ. ވީރާނާ ވެފަހުރި އިމާރާތަކަށް ބަދަލުދޭކަށް ނުޖެހޭނެ.
ވަހީދުބއ
12 April 2025
ބަޔަކު ބައި އަޅައިގެން ކާން ރެޑީކޮށްފައި އޮތް ބޯކިބަލެއްތީ. ސަރުކާރު ބަދަލު ނުވިނަމަ އެކަން ކުރީސް.
އަހުމަދު1
12 April 2025
އައްޑު އެއަރްޕޯޓް އެއްކޮއް ބޮޑުކުރަން 30 މިލިއަން. ތިތަނުގެ 2 ކޮޓަރި 40 މިލިޔަން. މަޖާކަމެއް. މިވެސް ދޭން އެންމެފަހުން
ކަނބިލި
12 April 2025
އަދުލުވެރި ބަދަލެއް ދީފައި ތިޔަ ތަންތަން ނެގޭނެ. 25 މިލިޔަން ޑޮލަރު ދޭކަށް ނުޖެހޭނެ. ސިޔާސީންނަށް ރަނގަޅު ހަދިޔާއެއްގެ ޑީލު ހަދާފައި އޮތްކަމަށް ފެންނަނީ