13 މެއި 2025 - 20:42
އެކި ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައި ހުންނަ ފަޅުތަކާއި ރަށްތަކުގައި އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނުކުރާނަމަ އެއްބަސްވުންތައް ބާތިލް ކުރެވޭނެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
ރޭ ޕީއެސްއެމްގައި ބޭއްވި އަހާ ފޯރަމްގައި އެގްރިކަލްޗަރު މިނިސްޓަރު މަރިޔަމް މާރިޔާއާ މީހަކު ސުވާލު ކުރެއްވީ ސަން ޓްރެވަލްސް ކުންފުންޏަށް ކުއްޔަށް ދޫކޮށްފައި އޮތް ދެ ރަށުގެ [ނ. އުއްދޫ އާއި މިނާވަރު] ތެރެއިން އެއް ރަށުގެ އެއްބަސްވުން ބާތިލުކޮށް، އަނެއް ރަށުގެ އެއްބަސްވުން އާ ނުކޮށްދިނުމާ ގުޅޭގޮތުންނެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މާރިޔާ ވިދާޅުވީ އެ މައްސަލާގައި އަމަލު ކުރެއްވީ ބަންޑާރަނައިބުގެ ލަފާގެ މަތިން ކަމަށެވެ.
އުޝާމް ވިދާޅުވީ ކުއްޔަށް ދޫކުރާ ކޮންމެ ރަށެއްގެ އެއްބަސްވުން ވެސް އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނުކުރާނަމަ ބާތިލް ކުރެވޭނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެބަ ދިމާވޭ، ހަމަ އެކަނި ދަނޑުވެރިކަމަށް ދޫކޮށްފައި ހުރި ރަށްރަށެއް ނޫން. އެގްރިމެންޓުގައި ހުރި ކަންކަން ނުކޮށް، އެހެން ކަންކަން ކުރުމަށް އެބަ ބޭނުން ކުރޭ. އަޅުގަނޑުމެން ސަރުކާރުން އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅޭނަން. އަޅުގަނޑުމެން އެ ކަހަލަ ހުރިހާ މައްސަލަތަކެއް ބަލާނަން،" އޭނާ ވިދާޅުވި އެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ އަދި ދ. މީދޫ ދާއިރާ މަޖިލިސް މެމްބަރު އަހުމަދު ސިޔާމް މުހައްމަދު--
ދަނޑުވެރިކަމުގެ އިތުރުން ޓޫރިޒަމްގެ ބޭނުންތަކަށް ދޫކޮށްފައިވާ ފަޅާއި ރަށްރަށުގެ ތެރެއިން ވެސް މަސައްކަތް ހިނގަމުންނުދާ ތަންތަން ގިނަ ކަމަށާއި މިހާރު އެފަދަ ތަންތަނުގެ މައްސަލަ ރިވިއު ކުރަމުން އަންނަ ކަމަށް އުޝާމް ވިދާޅުވި އެވެ.
އުޝާމް ވިދާޅުވި ގޮތުގައި، ސަން ޓްރެވަލްސަށް ކުއްޔަށް ދޫކުރި ދެ ރަށް ދޫކޮށްފައިވަނީ ވަކި ޕްރޮޕޯސަލެއް ހުށަހެޅުމުން ވަކި މަސައްކަތްތަކެއް ކުރުމަށް އެއްބަސްވުމެއް އެކުލަވާލެވިގެންނެވެ. ނަމަވެސް ސަރުކާރުން ކުރިއަށްގެންދިޔަ ސާވޭތަކުން އެ ރަށްރަށުގައި އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންދާކަމަށް އޭނާ ވިދާޅުވި އެވެ.
"އުއްދޫއަކީ 25 އަހަރަށް ކުއްޔަށް ދޫކޮށްފައިވާ ރަށެއް. އެއީ ކުއްޔަށް ދޫކޮށްފައި އޮތް ރަށެއް. މުއްދަތު ހަމަވުމުން އެއްބަސްވުން އާ ނުކުރަން ސަރުކާރުން ނިންމީ. ރަށް ސަރުކާރަށް ނެގީކީ ނޫން،" އޭނާ ވިދާޅުވި އެވެ.
މިނާވަރުގައި ވެސް އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ހިނގަމުންނުދާތީ އެއްބަސްވުމުގައިވާ ހުރިހާ އިޖުރާއަތްތަކެއް ފުރިހަމަކޮށް، ނޯޓިސްދިނުމަށްފަހު އެއްބަސްވުން ބާތިލުކުރީކަމަށް ބަންޑާރަ ނައިބު ވިދާޅުވި އެވެ.
އެކަމަކު، ސިޔާމްގެ ޕާޓީ އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު މުހައްމަދު އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، އެއްބަސްވުން ބާތިލުކުރަން ސަރުކާރުން ނިންމީ ބަދަލު ދިނުމަކާ ނުލަ އެވެ.
އޭނާ ވިދާޅުވިގޮތުގައި 25 އަހަރުގެ މުއްދަތަށް ދޫކޮށްފައިވާ މިނާވަރުގެ އެއްބަސްވުން ބާތިލް ކުރުމުގެ ނޯޓިސް ފޮނުވިއިރު ބާކީ އަށް އަހަރު އަދި އެބައޮތެވެ.
ސިޔާމްގެ އެމްޑީއޭ އެކު ސަރުކާރު ކޯލިޝަނުން ކުރިން މަސައްކަތް ކުރަމުން އައި ނަމަވެސް އެންމެ ފަހުން ބޭއްވި މީޑިއާ ބްރީފިންގައި ނޫސްވެރިން ސުވާލު ދެންނެވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ސަރުކާރު ކޯލިޝަންގައި މިހާރު އެ ޕާޓީ ނެތް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުފޫހަމަނުވާއޭޖީ
16 May 2025
ދޫކޮށްފަ ހުންނަތާ 20 އަހަރުވީ ރަށްތައް އެބަހުރި ގިނަ އަދަދަކަށް ތިޔަ ބުނާ ކަމެއްނުކޮށް. ސަންސިޔާމަށް އަދަބު ދިނުމަށް ހަމައެކަނި އޭނަގެ ތަންތަން ނަގަން އޭޖީ ލަފާތިޔަ ދެއްވަނީ ކޮން ގާނޫނެއްގެ ދަށުންތޯ. ތިޔަ މަގާމުތަކަށް ތިޔަވަރަށް އަޅުވެތި ތިޔަވަނީ ކިހާ ވަރެއް ލިބޭތީތޯ. މަގާމުގެ ނަހަމަ ބޭނުން މާބޮޑަށް ނަގަނީދޯ؟
އިލަމް
15 May 2025
ގދ ގައްދޫ ކައިރީގައި އޮންނަ "ލޮނަދޫ ހުއްޓާ" ރިސޯޓެއް ތަރައްޤީ ކުރުމަށް ބަޔަކަށް ދީފައި އޮންނަތާ 18އަހަރު ވެގެން ދަނީއެވެ. ރައްޔިތަކަށް އެއްވެސް އާމްދަނީއެއް ނުލިބި ރައްޔިތުންގެ އެސެޓެއް ބަޔަކަށްދީފައި އެތައް އަހަރެއް ވެގެންދާއިރު އެގޮތަށް ބާއްވަންޖެހޭތޯއެވެ. މިކަމަށް އަވަސް ޙައްލެއް ގެންނަން ވެއްޖެ ކަމަށް ދެކެމެވެ.
ބޮއިހަލާކު
14 May 2025
ގދ ގަޒީރާ ކިޔާ ފަޅު ރަށެއް ކޮންމެވެސް މަހުޖަނެއްގެ ކުންފުންޏަކަށް ދީފައިވާކަމަށް ޚަބަރުލިބޭ، މިރަށް ވަކި ނުކުރެވިގެން އުޅެނީ ހަމަ އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދާތީބާ،
އޮނަރަބްލް އަފީފު ދީދީ
14 May 2025
އައްޑޫ ވިކިގިލި އަކީ ޝަންގްރިލާ މީހުން އަމިއްލައަށް ހިފައިގެން އައިސް އައްޑޫ ފަޅުތެރޭގައި ބާއްވައިގެން އުޅޭ ރަށެއްތޯ؟! ކީއްވެގެންތޯ ރަށް ނެގި ބޭނުމަށް ރަށް ތަރައްޤީކޮށް ރިސޯޓު ނުހިންގާއިރު އެއްބަސްވުން އުވާނުލާ އޮތީ؟! ޑިފެންސް މިނިސްޓަރަކަށް ހުންނެވި މައުމޫނުގެ ދަރުފުޅު މަޖިލީހުގައި ދެއްކި ވާހަކަ ތަކަށް ބަލާއިރު ޝަންގްރިލާޒް އިން ވިލިގިލި ތަރައްޤީ ނުކޮށްގެން އުޅެނީ މސަރުކާރުން އެގޮތް ބޭނުންވާތީ ހެން ވަރަށް ބޮޑަށް ހީވޭ.
ޚސިސިސި
13 May 2025
ރ. މާނަފުށި، ވިލާ އަށް ދީފަ އޮތީ، 15 -10 އަހަރުވީ އިރު އެއްކަމެއްވެސް ނުކުރޭ.