ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން.
22 ޖޫން 2025 - 13:42
ރާއްޖޭގައި ބޭނުންވާ ވަރަށް ޕައިލެޓުންނަށް ވަޒީފާގެ ފުރުސަތުތައް ނުއުފެދޭތީ ލޯނު ސްކީމުގެ ދަށުން ޕައިލެޓުކަން ކިޔެވުމަށް މިވަގުތަށް ދެން ހުޅުވާނުލާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، ޕައިލެޓުކަން ކިޔަވައިގެން ވަޒީފާ ނުލިބޭ މައްސަލަ ހައްލުކުރަން ސަރުކާރުން ކުރަނީ ކޮން ކަމެއްތޯ އާއި ޕައިލެޓުކަން ކިޔަވަން ލޯނަށް ހުޅުވާލާނެތޯ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ކުރި ސުވާލަކަށް ދެއްވި ޖަވާބުގަ އެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ކެޑޭޓް ޕައިލެޓުން ލައިގެން އެއްވެސް އެއާލައިނެއް އޮޕަރޭޓު ނުކުރޭވެނެ ކަމަށެވެ. އެހެން ގައުމެއްގައި ވެސް ދިވެހި ކެޑޭޓު ޕައިލެޓުންނަށް އެއާލައިނުތަކުގައި މަސައްކަތްކުރަން ނުލިބޭ ކަމަށާއި އެ ތަންތަނުގައި ވެސް މަސައްކަތް ކުރަން ލިބެނީ ތަޖުރިބާ ހުރި ޕައިލެޓުންނަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ އޭވިއޭޝަން ގްރޯތު ހުރީ ހަތް ޕަސެންޓުގަ އެވެ. މިދިޔަ ހައެއްކަ އަހަރަށް ބަލާއިރު، ކެޑޭޓް ޕައިލެޓުން ތަމްރީނުކޮށް، ދޭންޖެހޭ ތަމްރީނުތައް ދީފައި ވަނީ އަހަރަކު ވިއްސަކަށް ނުވަތަ ބާވީހަކަށް މީހުންނަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެއީ ގައުމީ އެއާލައިން މޯލްޑިވިއަންގެ އިތުރުން ޓީއެމްއޭ އިން އެކަންޏެވެ.
އެ ދާއިރާ އިން ކިޔަވާ ކުދިންނާ އެއްވަރަށް ވަޒީފާގެ ފުރުސަތުތައް ނުއުފެއްދޭތީ ކަންބޮޑުވުން ފާޅުކުރައްވަމުން އަމީން ވިދާޅުވި ގޮތުގައި އެ ހާލަތުގައި އޮތުމުން އާންމުން ހޭލުންތެރިކުރުމުގައި ސަރުކާރެއްގެ ޒިންމާ ވެސް އެބަ އޮވެ އެވެ.
އަމީން ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ޕައިލެޓުކަން ކިޔެވުމަށް 500 މީހުންނަށް ލޯނު ދޫކުރިއިރު އަމިއްލަ ހަރަދުގައި ވެސް 200 އެއްހާ މީހުން އައީ ޕައިލެޓުކަން ކިޔަވަމުން ކަމަށެވެ. ނަތީޖާ ރަނގަޅު އެތައް މީހުންނެއް ޕައިލެޓުކަން ކިޔަވަމުން އަންނައިރު އެ މީހުންނާއި އެ މީހުންގެ މައިންބަފައިންނަށް ވެސް ރާއްޖޭގައި ވަޒީފާގެ ހާލަތު އޮތްގޮތް ސާފު ނޫން ކަމަށް ވިދާޅުވި އެވެ.
"މިހާރަކު އިތުރަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން އަޅުގަނޑުމެން ސަރުކާރުގައި ޕައިލެޓް ޓްރެއިނިން އަކަށް އިތުރަކަށް މިވަގުތަކަށް ހުޅުވާލާކަށް. އެއީ އަޅުގަނޑު ދެކޭ ގޮތުގައި މި ގައުމަކަށް ބޭނުމެއް ނޫން ކެޑޭޓް ޕައިލެޓުން އިތުރަށް ޓްރެއިން ކުރާކަށް،"--- އަމީން
އަމީން ވިދާޅުވިގޮތުގައި، ގައުމަށް ބޭނުންނުވާ ވަރަށް ޕައިލެޓުކަން ކިޔަވަން ފުރުސަތު އޮތީ ދޫކޮށްފަ އެވެ. އެހެންވެ، އިތުރަށް ލޯނު ސްކީމުގެ ދަށުން ޕައިލެޓުކަން ކިޔަވަން ހުޅުވާނުލާނެ ކަމަށާއި އޭގެ ބަދަލުގައި ފުރުސަތު ދޭނީ ގައުމަށް ބޭނުންވާ އެހެން ދާއިރާތަކުން ކިޔެވުމަށް ކަމަށް އަމީން ވިދާޅުވި އެވެ.
"މިހާރަކު އިތުރަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން އަޅުގަނޑުމެން ސަރުކާރުގައި ޕައިލެޓް ޓްރެއިނިން އަކަށް އިތުރަކަށް މިވަގުތަކަށް ހުޅުވާލާކަށް. އެއީ އަޅުގަނޑު ދެކޭ ގޮތުގައި މި ގައުމަކަށް ބޭނުމެއް ނޫން ކެޑޭޓް ޕައިލެޓުން އިތުރަށް ޓްރެއިން ކުރާކަށް،" އޭނާ ވިދާޅުވި އެވެ.
އަމީން ވިދާޅުވީ ޕައިލެޓުންނަށް ވަޒީފާ ދެވެން އޮތް މިންވަރަކުން މިހާރު ވެސް ފުރުސަތު ދެމުން އަންނަ ކަމަށެވެ. އެ މައްސަލަ ހައްލު ކުރުމަށް މިހާރު އޮންނަ މިންގަނޑަށް ވުރެ އިތުރަށް ވަޒީފާ ދޭން އެއާލައިން އޮޕަރޭޓަރުންނަށް މަޖުބޫރުކޮށްފައިވާ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވި ގޮތުގައި ޕައިލެޓުކަން ކިޔަވަން އިތުރަށް ފުރުސަތު ނުދިނަސް، މިހާރު އެ ދާއިރާ އިން ކިޔަވަން ފުރުސަތު ލިބިފައިވާ ދަރިވަރުންނަށް ދީފައިވާ ސްކޮލާޝިޕް ބަދަލުކުރަން ބޭނުންނުވާ ނަމަ އެކަމަށް ސަރުކާރުން ހުރަހެއް ނާޅާނެ އެވެ. އެއީ އެ ދަރިވަރެއްގެ އަމިއްލަ އިހުތިޔާރުގައި އޮތް ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ޕައިލެޓުންނަށް ވަޒީފާގެ ދަތިކަން އޮތުމުން، ލޯނު ހަމަޖައްސައި ކިޔަވަން ނުގޮސް އަދި ތިބި ދަރިވަރުންގެ ބެލެނިވެރިންނާ ވާހަކަ ދައްކައިގެން ކޯސް ބަދަލުކުރުމުގެ ފުރުސަތު ވެސް ކުރިން ހުޅުވާލި އެވެ. މިދިޔަ އަހަރު ބައެއް ދަރިވަރުން ވަނީ ކޯސް ވެސް ބަދަލުކޮށްފަ އެވެ.
ޕައިލެޓުކަން ކިޔަވައިގެން އައިސް ބައެއް ޒުވާނުން ދަނީ ރިސޯޓުތަކާއި އަދިވެސް އެހެން ދާއިރާތަކުގައި މަސައްކަތް ކުރަމުންނެވެެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޒާމް ޝަރީފް
23 June 2025
އެތައް ބަޔަކު މިހާރުވެސް ކިޔަވައިގެން އައިސް ތިބީ ވަޒީފާ ނުލިބި. ކިޔެވި އެއްޗަކާ މުޅިން އެހެން ދާއިރާއެއްގައި. އެހެން ކަމުން މިކަން ޗޭންޖްވާނެ ޖެހޭ. ހުއްޓުވައިގެން މަދުކުރަން ޖެހޭ ކަން މަވެސް ގަބޫލް ކުރަން
އައުޒަމް
23 June 2025
ލަސްވެސްވެއްޖެ މިކަން ހުއްޓުވާލަން. ހަމަ ހަގީގަތުގައިވެސް ބޭކާރު ކަމެއް
އީޒާން މުހައްަމދު
23 June 2025
އަސްލު ހުޅުވާލުމުގެ އެއްވެސް ބޭނުމެއް ނެތް. މިހާރުވެސް 400+ ކުދިން އެބަތިބި ޕައިލެޓްކަން ކިޔަވައިގެން އައިސް ވަޒީފާ ނުލިބި.
ކަރެޕްޝަން
23 June 2025
ބިދޭސީން ވަކިވަރަކަށް ގެންގުޅެގެންނޫނީ މިސަރުކާރުން ހިންގާ ކަރެޕްޝަން ނުހިންގޭނެތީ! އިތުރު ފުރުސަތު ހުޅުވާނުލަނީ!
އެމްސް
22 June 2025
ޤައުމީ އެއާލައިންގަވެސް ބިދޭސީ ޕައިލެޓުން އެބަތިބިއެވެ! ޓީއެމްއޭ އަކީވެސް ބިދޭސީން އިސްކުރާ ރާއްޖެއިން މަންފާ ހޯދާ ކުންފުންޏެކެވެ!
އިދިކީލަ
22 June 2025
މިމިނިސްޓަރު ބުނާގޮތުން ސްކޫލްތައްވެސް ބަންދުކުރަންވީ... ކޮންމެ އަހަރަކު އެތަކެއްހާސް ކުދިން އޯލެވެލް ނިންމައިގެން މުޖުތަމައަށް ނިކުމޭ އެހުރިހާ އެންމެންނަ ކިހިނެތް ވަޒީފާ ހަމަޖައްސާނީ
އެމްސް
22 June 2025
ރާއްޖޭގަ އެކިއެކި ވަޒީފާގަ ތިބި އެތައް ލައްކަ ބިދޭސީންނެއް ބޭރުކޮށްގެންނެވެ!
މައިގްރޭޓް
22 June 2025
އެހެން ގައުމަކަށް ދާނީ
ފެކްޓްް
22 June 2025
ވަޒީފާއަކީ ބިންފަޅާ އަރާއެއްޗެއްނޫން އުޑުން ފައިބާ އެއްޗެއްނޫން. ވަޒީފާއަދާކުރެވޭނެ މާހައުލު އުފެއްދީމާ އޮންނާނީ ތިމަޤާމަށް ޕައިލެޓުންވެސް މަދުވެފައި. ދިވެހިންގެ މިހުންނަނީ މައުމޫނިޒަމް، އެކަކު 30 އަހަރު ވެރިކަން ކުރީމާވެސް އޭނާ އަދިވެސް ވެރިކަމަށް ގެނެވޭތޯ ބަޔަކު އެބައުޅޭ! ހަމަ އެގޮތަށް ޕައިލެޓުންވެސް އުދުހުން ލިމިޓުކޮށް އާޕައިލެޓުންނަށް ފުރުޞަތު ދިނީމާ ތިކަން ވާނީ. މިހާރުތިބި ޕައިލެޓުންގެ ކަންތައްބޮޑީހަމަ. އެމީހުން ބާކީވެދާނެތީ ބިރުން.
ގަމާރު ވަޒީރު
22 June 2025
ޕައިލެޓުންގެ ވަޒީފާ ނުއުފެެއްދެންނާމުން އިސްތިއުފާ ދޭން ވީ ނު!
ގައުމީ ދޫ.
22 June 2025
ވަޒީފާއެއް ނުއުފެއްދޭ. ތަކެތީގެ އަގު ދަނީ މަތިވަމުން. ރައްޔިތުންގެ ދިރިއުޅުމަށް ދަތިވާ ޕޮލިސީތައް ތައާރަފުކުރުަންވަނީ އިތުރު. އެކްސިޑެންޓަލް ރައީސްގެ ދަސްކުރާ ކެބިނެޓަކީ މިގައުމުގެ ރައްޔިތުންނަށް ޖެހިފައިވާ މުސީބާތެއްހެން ހީވަނީ!
އެމްސް
22 June 2025
ވަޒީފާއާއި ބޯހިޔާވަހިކަންވެސް އެތައް ލައްކަ ބިދޭސީންނަކަށް އެބައޮތެވެ!