ރައީސް މުއިއްޒު: ދިވެހީންގެ ސަލާމަތްކަން އޮތީ އިސްލާމްދީނުގެ ވާފަށުގައި ހިފަހައްޓައިގެން ކަމަށް ވިދާޅުވި
25 ޖޫން 2025 - 19:41
ދިވެހި ރައްޔިތުން ގަބޫލު ކުރަންވީ ހަގީގަތަކީ، ދިވެހީންގެ ސަލާމަތާއި ބާއްޖަވެރިކަން އޮތީ އިސްލާމްދީނުގެ ވާފަށުގައި ހިފަހައްޓައިގެން ކަން ކަމަށް ރައީސް ޑރ. މުހައަމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ހިޖުރީ އާ އަހަރުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތޯބުގައި ވިދާޅުވީ ރަސޫލާގެ މާތް ސުންނަތުން ފެންނަން ހުރި ކޮންމެ ކަމަކީ ވެސް، ހުރިހާ ޒަމާނެއްގައި މުސްލިމުންގެ ތަމައްދުނަށް އަގުހުރި ފިލާވަޅުތަކެއް ކަމަށެވެ.
"މިފަދަ ކޮންމެ މުނާސަބަތެއްގައިމެ، ދިވެހި ރައްޔިތުން ގަބޫލު ކުރަންވީ ހަގީގަތަކީ، ދިވެހީންގެ ސަލާމަތާއި ބާއްޖަވެރިކަން އޮތީ އިސްލާމްދީނުގެ ވާފަށުގައި ހިފަހައްޓައިގެން ކަމެވެ. ދިވެހި މުޖްތަމައުގައި އޮތް ކޮންމެ ކަންބޮޑުވުމަކާއި، ރައްޔިތުން އެދޭ ކޮންމެ ފާގަތިކަމެއް ލިބުން އޮތީ އިސްލާމީ އުސޫލުގައި ދެމިތިބެގެން ކަމެވެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އިސްލާމީ އުންމަތަށް މިއީ، ކެތްތެރިކަމާ އެކު ﷲގެ ހަޟުރަތުން ވާގިއެދި، މުސްލިމުންގެ އެއްބައިވަންތަކަމާއި ސަލާމަތަށްޓަކައި ދުއުކުރުން އިތުރު ކުރަން ޖެހިފައިވާ ވަގުތެއް ކަމަށެވެ. ހަނގުރާމައިގެ ނުތަނަވަސް ހާލަތެއް މެދުއިރުމަތީގެ އިސްލާމީ ބައެއް ގައުމުތައް ދާދިފަހުން ތަހައްމަލު ކުރިއިރު، ދިވެހި ރައްޔިތުންގެ އިހްލާސްތެރި ދުއާތައް ވަނީ މުސްލިމް އަޚުންނާއި އުޚްތުންނާ އެކުގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ދިވެހި މުޖްތަމައުގައި އޮތް ކޮންމެ ކަންބޮޑުވުމަކާއި، ރައްޔިތުން އެދޭ ކޮންމެ ފާގަތިކަމެއް ލިބުން އޮތީ އިސްލާމީ އުސޫލުގައި ދެމިތިބެގެން ކަމެވެ. -- ރައީސް
"ފަލަސްތީނުގެ ރައްޔިތުންނަށް އަމާންކަމާއި ސަލާމަތަށް އަޅުގަނޑުމެން އެދޭހިނދު، އެ ސަރަހައްދުގެ މުސްލިމް ހުރިހާ ވަތަނަކަށްމެ، ސިލްމާއި ރައްކާތެރިކަން މިންވަރު ކޮށްދެއްވުން އެދި ﷲގެ ހަސްރަތުގައި ދަންނަވަމެވެ." ރައީސްގެ ހިތޯބުގައިވެ އެވެ.
- މާތް ނަބިއްޔާ، އެކަލޭގެފާނު އުފަންވެ ވަޑައިގަތް ބިން ދޫކުރައްވައި، ﷲގެ އަމުރުފުޅާ އެއްގޮތަށް މަދީނާއަށް ހިޖުރަ ކުރެއްވުމަކީ، އިސްލާމީ އުންމަތަށް އެތައް ހާސް އިބްރަތެއް ލިބިދޭ ތާރީހީ ހާދިސާއެއް ކަމަށާއި ހިޖުރައިގެ ދަތުރުފުޅަށް ތައްޔާރުވެ ވަޑައިގަންނަވަން ފެއްޓެވީއްސުރެ ކުރެއްވި ކޮންމެ ކަމަކީ، ފަރުދީގޮތުންނާއި، ގައުމެއްގެ ނިސްބަތުގައި، އަދި އުންމަތުގެ ނަޒަރިއްޔާތުން ބަލާއިރު ވެސް، ކާމިޔާބު ހާސިލުކުރުމުގައި ހިފަހައްޓަންވީ ހިކްމަތްތެރި ހަމަތަކެއް ކަމަށް.
- ހިޖުރައިގެ ދަތުރުފުޅަށް ދުރާލާ ތައްޔާރުވެ ވަޑައިގެން، ހުރިހާ ކަމެއް ގެންދަވާނެ ގޮތް ރޭއްވެވުން ދޭހަކޮށްދެނީ، ކަމެއް ކާމިޔާބު ކުރުމަށް ބުއްދިވެރިކަމާ އެކު ޕްލޭން ކުރުމުގެ މުހިންމު ކަން ކަމަށް.
- ހިޖުރައިގެ ދަތުރުފުޅުގެ ހައެއްކަ މަސް ކުރިއަށް ދަތުރުފުޅުގެ ސަވާރީ ހޯއްދަވައި، ހާނުއްވަން ފެއްޓެވި ކަމަށާާއި މަދީނާއަށް ހިޖުރަ ކުރައްވަމުން ދިޔަ ސަހާބީންގެ ފުށުން ޚަބަރުތައް އޮޅުންފިލުއްވަމުން ގެންދެވި ކަމަށް މަދީނާގެ ކަމުވޮށީންގެ ދެ ވަފްދަކާ އެކު ދުރާލާ މަޝްވަރާ ކުރައްވައި ބައިއަތު ހިއްޕެވި ކަމަށް. އަދި މުޅި ދަތުރުފުޅުގެ މިސްރާބާއި މަންޒިލްތައް ކަނޑައެޅުއްވުމުގައި ސިއްރު ހިފެހެއްޓެވި ކަމަށް
- އެނދުދާންކޮޅުގައި އަލީގެފާނު ބޭއްވެވުމާއި، އާންމުކޮށް މަދީނާގެ ދަތުރަށް މީހުން މިސްރާބު ހިފާ މަގާ ދުރުގައި ހުރި ޘައުރު ފަރުބަދައިގެ ހޮހަޅައިގައި ތިން ރޭ މަޑުކުރެއްވުމާއި، ދަތުރުފުޅު ކުރެއްވި މަގުގެ ފިޔަވަޅުތަކާއި ނިޝާންތައް އެހެން ބަޔަކަށް ނުފެންނާނޭހެން ފޮއްސެވުމަށް ސަހާބީ ބޭކަލެއްކަމުގައިވާ އާމިރު ބިން ފުހައިރާއާ ހަވާލުކުރެއްވުން ފަދަ ކަންކަމުން އަންގައިދެނީ، ﷲއަށް ވަކީލު ކުރުމާ އެކު، ވާދަވެރީންގެ ކެހިވެރިކަމުން މިންޖުވާން މާއްދީ ސަބަބުތަކުގައި ހިފުމުގެ މުހިންމު ކަން ކަމަށް
ރައީސްގެ ޚިތާބުގައި ފާހަގަކުރައްވާފައިވާ ގޮތުގައި ދަތުރުފުޅުމަތީގައި އުޅުއްވާއިރު، މުޝްރިކުންގެ ޚަބަރުތައް ގެނެސްދެއްވުން ހަވާލުކުރެއްވީ، ޒުވާން ސަހާބީ އަބްދުﷲ ބިން އަބޫބަކުރާ ކަމަށާއި ފަރިއްކޮޅު ގެނަސްދެއްވުން ހަވާލުކުރެއްވީ ހިތްވަރުގަދަ އަންހެން ސަހާބީ އަސްމާ ބިންތު އަބޫބަކުރާ ކަމަށްވުމުން އިސްލާމީ މުޖްމަތަމައުގެ ކާމިޔާބީގައި އަންހެނުންނާއި ޒުވާނުންގެ ދައުރާއި ހިއްސާގެ ބޮޑުކަން އެނގިގެންދާ ކަމަށެވެ.
"މައްކާއަށް މަގުދައްކާ އާރުކާޓީއެއްގެ ގޮތުގައި މި ހައްސާސް ދަތުރުފުޅުގައި ހިޔާރުކުރެއްވީ، އެކަމުގެ ތަޖްރިބާކާރެއް ކަމުގައިވާ އަބްދުﷲ ބިން އުރައިގަތެވެ. އެއީ އޭރު ޣައިރު މުސްލިމެކެވެ. މިއީ މުސްލިމުން އިތުރު ތަޖްރިބާ ބޭނުންވާ ކަންކަމުގައި، އެކަންކަމަށް މޮޅު، އިތުބާރު ހުރި، ޣައިރު މުސްލިމުންގެ ބޭނުން ހިފުމުގެ މިސާލެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މަދީނާއަށް ކީރިތި ރަސޫލާ ވަޑައިގެން އެންމެ އިސްކަން ދެއްވީ، މުހާޖިރިއްޔަ ބޭކަލުންނާއި އަންސާރުންގެ މެދުގައި މުއާހާތު ކުރައްވައި މުސްލިމުންގެ އެކުވެރިކަން ބަދަހިކުރައްވަން ކަމަށެވެ. އަދި މަދީނާގެ ސަރަހައްދުގައި ދިރިއުޅޭ އެހެން އަގީދާތަކުގެ އަހުލުވެރީންނާ އެކު ސުލްހައިގެ އެއްބަސްވުންތައް ގާއިމު ކުރައްވައި، އެކި ފިކުރުތަކުގެ މީހުންނާ ލާމެހި މަސަލަސްކަމާއެކު ދިރިއުޅުމުގެ ނަމޫނާ ދެއްކެވުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މަދީނާ ބިނާކުރައްވައި އާރޯކަން އިތުރުކުރައްވައި، ރަށްވެހި ރީތި ސަހަރަކަށް ހެއްދެވުމަށެވެ. ތަރުތީބު އަދި ތަހުޒީބު ނިޒާމެއް ގާއިމު ކުރައްވައި ތަންފީޒު ކުރެއްވުމަށެވެ،" ރައީސްގެ ހިތޯބުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޯނޭ
26 June 2025
ވާފަށުގަ ހިފަހައްޓައިން ތިބެ ދައުލަތް ލޫޓުވާނި ވަތަކަށް ލޫޓުވަނި
ޜެޔާދުވާލު
26 June 2025
ރެޔާދުވާލު ސަރުކާރުގަ ތިބި މީހުން ވއކނ ކުރަނި ރައީސް ކޮންމެ ދުވަހަކު އިސްލާމްދީނޭ ކިޔައިގެން ޗިޕު ޖަހަނީ!
ހަގީގަތް
26 June 2025
މިފަދަ ނަސޭހަތް އެންމެ ބޮޑަށް ބޭނުންވެފައިވާ މީހުންގެ ތެރޭގައި މިގައުމުގެ ވެރިކަން ކުރެއްވި ބައެއް ބޭފުޅުން ހިމެނޭ.
ހަމްދާ
26 June 2025
ރައްޔިތުންނަށްވީ ވައުދު ފުރަތަމަ ފުއްދަބަލަ. މުޅިން މިކިޔަނީ ދީނޭ ސިނގިރޭޓޭ.
ސަލީމު އިދުރީސް
25 June 2025
މަނިފާނުވެސް ހިމެނޭގޮތައް ތިވާހަތަކުގަ ހުރިގޮތާ ސީދާވާން ކައިރި ކުރާ ވެރިއަކު އީރާނުގެ ރައީސް ހާމަނާއީ ފިއަވާ ހުރިހެން ހިއެއްނުވޭ! ދީނުގެ ވާފަށުގަ އެލިގަނެގެން ސަލާމަތް ހޯދުމައްވިރެ އިސުލާމީ ވެރިން ގަބޫލު ކުރާކަހަލަ އިޒުރޭލާ އެމެރިކާގެ ފަސްބައިގަ އެލިގަނެގެން ސަލާމަތްކަން ލިބޭނެކަމައް! އިރާނައް ދިންހަމަލާތަކުގަ ފުރިންސް މުހައްމަދުގެ އަތެއްވާތި މި ސަރުކާރުގެ ދީނީމުވެރިން އިޒުރޭލައް ތާއީދު ކުރާބީދައިން ވާހަކަ ދެއްކީ
ކޒބ1
25 June 2025
ބަހާއި އަމަލު ވަރަށް މުހިއްމު!
އައްސަދު އާޑޭ
25 June 2025
އިސްލާމްދީން ދެކެ އިންތިހާއަށް ލޯބިވާ ވެރިޔަކު ލިބުނީތީ ވަރަށް އުފާވޭ
ބޮޓޭކޯ
26 June 2025
ޑެޕިއުޓީ މިނިސްޓަރުގެ މިމަހުގެ މުސާރަ ހަލާލުވާނެބާ ތިޔަ ކޮމެންޓުން؟
އަދުނާން
25 June 2025
އަހަރެމެން މި ވާހަކަތަކުން އިބުރަތް ހާސިކުކުރަންޖެހޭ
ހުސެން ޖަލީލް
25 June 2025
ރައީސް ވިދާޅުވި ފަދައިން
ހަސަން ޒަރީރު
25 June 2025
ރައީސް އެވިދާޅުވީ ވަރަށް މުހިންމު ވާހަކައެއް