02 ޖުލައި 2025 - 23:20
ދެމެހެއްޓެނިވި ތަރައްގީ ހާސިލް ކުރުމަށް ކުދި ޖަޒީރާ ގައުމުތަކަށް އޮތް އެންމެ ބޮޑު ހުރަހަކީ ދަރަނި ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު މިއަދު ވިދާޅުވެއްޖެ އެވެ.
ސްޕެއިންގައި ކުރިއަށް ގެންދާ ފައިނޭންސިން ފޯ ޑިވެލޮޕްމަންޓުގެ ބައިނަލްއަގުވާމީ ކޮންފަރެންސްގެ ހަވާސާގައި ބޭއްވި "ޑެޓް ސަސްޓޭނަބިލިޓީ ސަޕޯޓް ސާވިސް" އިވެންޓުގައި ނައިބު ރައީސް ވިދާޅުވީ މިހާރު ކުރިމަތިލާންޖެހިފައިވާ ދަރަނީގެ މައްސަލަތައް ދިމާވަނީ ހިންގުމުގެ ފެންވަރު ދަށްވެގެން ނޫން ކަމަށެވެ.
އެ ފަދަ މައްސަލަތައް ބޮޑުވެގެން އުޅެނީ، އެ މަނިކުފާނު ވިދާޅުވި ގޮތުގައި ދުނިޔޭގެ މާލީ ނިޒާމުގެ ތެރޭގައި ހުރި އަސާސީ މައްސަލަތަކުގެ ސަބަބުންނެވެ.
ސްޕެއިންގައި ކުރިއަށްދާ ފައިނޭންސިން ފޯ ޑިވެލޮޕްމަންޓުގެ ބައިނަލްއަގުވާމީ ކޮންފަރެންސްގެ ހަވާސާގައި ބޭއްވި "ޑެޓް ސަސްޓޭނަބިލިޓީ ސަޕޯޓް ސާވިސް" އިވެންޓުގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
އެހެންވެ، ނައިބު ރައީސް ހުސައިން ވަނީ ކުދި ގައުމުތަކަށް ހާއްސަ ކޮށްގެން ފަރުމާކޮށްފައިވާ މާލީ މުހިއްމު އިސްލާހުތަކަކަށް ވަކާލާތު ކުރައްވައިފަ އެވެ. ތަރައްގީ އަށް މަގުފަހިކުރުމަށްޓަކައި "ފިސްކަލް ސްޕޭސް"އެއް ތަރައްގީކޮށް، އާންމު ލޯނުތަކަށް ވުރެ ފުރިހަމަ އުސޫލުތަކެއްގެ ދަށުން ލޯނު ހޯދުމާއި އެ ގައުމުތަކަށް ދަރަނީގެ ދެމެހެއްޓެނިވި އަދި މެނޭޖްކުރެވޭނެ ޕޯޓްފޯލިއޯއެއް އުފެއްދުމަށް ވެސް އިލްތިމާސް ކުރެއްވި އެވެ.
ސިޑްސް އަށް ހާއްސަކޮށް ހައްލުތަކެއް ހޯދައި، އީޖާދީ އުފެއްދުންތެރިކަން ކުރިއަރައި ދިއުމަށް ފުރުސަތު ފަހިވާނެކަން ފާހަގަކުރައްވައި ނައިބު ރައީސް ވަނީ އެފަދަ ހިދުމަތެއްގެ މަސައްކަތްތައް ވީ އެންމެ އަވަހަކަށް ފެށުމަށް ބާރުއަޅުއްވައިފަ އެވެ.
އެ އިވެންޓުގައި، އެކިއެކި ގައުމުތަކުގެ އިސްވެރިންނާއި އޮފިޝަލުންގެ އިތުރުން އދ. ގެ ކަމާ ގުޅުން ހުރި މުއައްސަސާތަކާއި އިދާރާތަކުގެ އިސް މަންދޫބުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އެ ކޮންފަރެންސް ކުރިއަށް ގެންދަނީ މިދިޔަ ހޯމަ ދުވަހުން ފެށިގެން މާދަމާގެ ނިޔަލަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފްރާސިޔާބު
03 July 2025
ބަޔަކު ކަލޭމެންގެ ބޮލުގައި ދަރަނި ނުނަގަނީސް ދަރަނި އެޅުވީތަ. ކާކުތަ ބުނީ ރާއްޖެތެރެއިން ދަރަނި ނަގަށޭ. ތިމަންމެން ޕޭސްވެސް ބުނެ ބަޔަކު ލޯން ދިންނަމަ ތިވާހަކަ ދެއްކުން ރަނގަޅު.
ރާވެރިބެ
03 July 2025
ދެމެހެއްޓެނިވި ތަރައްގީގެ ހުރަހަކީ އަދި ޙަރަދު ކޮންޓްރޯލް ނުވާ ސަބަބަކީ ސަރުކާރަށް ލިބޭ ފައިސާއަށް ވުރެ ގިނައިން ޙަރަދު ކުރުން. އަދި ލޯނު ނުދެއްކޭނެ ވަރަށް ލޯނު ނެގުމާ އެލޯނުން އިގްތިސާދީ ފައިދާ ނުލިބޭ ނުވަތަ އެލޯނެއް ދެއްކުމަށް އެއްވެސް ރެވުމެއް ނެތި ލޯނުނަގާ ޙަރަދު ކުރާތީ. ލޯނަކީ ކޮންމެ ސަރުކާރަކުން ނެގިޔަސް ދިވެހި ރައްޔިތުން ދައްކަން ޖެހޭ އެއްޗެއްކަން ހަދާން ނުހުންނަކަން. މެނޭޖު ކުރަން ނޭގެނީ.
ލާތި
03 July 2025
މީނާގެ ހެއަރސްޓައިލެއްދޯ
އަދި ވެސް
03 July 2025
ނިމިދިޔަ އިންތިޚާބް ކަލޭމެން ކޮޅަށް ފުރޮޅާލަން ކުރި ޚަރަދު ބުނެފިއްޔާ ބަޔަކު ހޭބަލިވާނެ. އޭގެން އަރައިނުގަނެވިގެންނު ތިއުޅެނީ. ކައުންސިލް އިންތިޚާބަށް ފެންކިޔަވާފަ ބޮލަށް އަޅާ އޭރަށް ޚަރަދު ކުޑަވާނެ.
ޔޫއެން ސެކެޓުރީ ޖެނެރަލް
03 July 2025
ދެމެހެއްޓެނެވި ތަރައްގީއަށް ކުދި ގައުމުތަކަށް އޮތް ހުރަހަކީ ގައުމަށް ނުކަތާ ވަރަށް ސިޔާސީ މަގާމު އުފެއްދުމާއި ރާއްޖޭން ބޭރު އެންބަސީތަށް ބަނޑުންވާވަރަށް ގާތްތިމާއިގެ މީހުން އަށް ވަޒީފާ ދިނުމެވެ.
ރަންނަ
03 July 2025
ހުރަހަކީ ކުރީ ސަރުކާރޭ ނުބުނީ ކީއްވެ؟
އެކޮއި
03 July 2025
ދުނިޔޭގެ ކުރިއަރާފައިވާ ބޮޑެތި ޤައުމުތަކުގައި ކުރަމުންއަންނަ ބޮޑެތިކަންތައްތައް މިޤައުމުގައި އެޕްލައިކުރަމުންދާ މަންޒަރުފެނޭ. އަހަރެމެން މިއުޅެނީ އަނގަޔާ އަތާދިމާނުވެގެން. މިފަދަ ޙާލަތެއްގައި ތިބިބަޔަކު ޤައުމަށްނުކަތާވަރުގެ ބޮޑެތިކަންތައްތަކުގެ ފަހަތުން ދުވަންޖެހުމުން މިކަހަލަ ކިތަންމެ ކަންތަކާކުރިމަތިވެ ޤައުމުގެ ދަރަނި އިންތިހާއަށް އަރައިގެންދާނެ. ކޮންމެބަޔަކުވެސް ބަލަނީ ތިމާއަށް. ތިމާއާ ތިމާގެ ދަރީންނާއި ދަރީންގެ ދަރިންނަށް ނުވިސްނާ.
ޙުސީނި
03 July 2025
ހައްލަކީ ކުދިގައުމު ތަކަށް ލޯނު ދިނުން ހުއްޓާލައި ލިބޭ އާމްދަނީއިން އުޅެން ދަސްކޮށްދިނުން. ލޯނު ނަގައިގެން އެންމެންވެސް ކުރަނީ ވައްކަން.
ބޮޑާކަމާ ހިތްނުބައިކަން އަހަރެމެންގެ ނިކަމެތިކަން
03 July 2025
މިއޮތް ކުޑަ ގައުމުގަ ކަންކަންނުވާންވީ ކީއްވެ. ބޮޑާކަމާ ގޮތްދެއްކުމާ އިންތިހާއަށް އިސްރާފްކުރުން ބޮޑުވެފަ، ދެމެހެއްޓެނިވި ފައިދާއެއްނުކުރާކަންކަމަށް ލާރިތަށް ތަޅާބުރުއްސަންވީމަ ނުވާނެ އެއްކަމެއްވެސް. ވެރިކަމުގަ ތިބޭބަޔަކު ތާއީދުއޮތްކަން ދައްކަން ތިކުރާ ޚަރަދަކީވެސް ބަޔަކު ހޭބުއްދިފިލާނެވަރުގެ ކަމެއް.
ތެފައާސާ.
03 July 2025
އޮހް. މަ ހީކުރީ ދެމެހެއްޓެނިވި ތަރައްގީއަށް އޮތް ހުރަހަކީ ދުރުރާސްތާއަށް ބެލުމެއްނެތި ސިޔާސީގޮތުން އެހިނދަކަށް ފައިދާއެއް ލިބެންއޮތްތަނަކަށް/ކަމަކަށް ވިސްނައިގެން ނިންމާ ނިންމުންތަކާއި ނުފޯރާ ފޮތިން ފޫގަޅަން ސިޔާސީގޮތުން ވާ ވައުދުތަކާއި ސިޔާސީ ބޭކާރު މަގާމުތަކަށް ކުރާ އިސްރާފުތައްކަމަށް.