ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ނިމުމުން އޮންނާނެ ގޮތުގެ ކުރެހުމެއް: އެތަން ނިމުމުން އިންޑިއާގެ އަދާނީ ގްރޫޕަށް ވިއްކާލަން އުޅޭ ކަމަށް ބުނާ ވާހަކަ ސަރުކާރުން ވަނީ ދޮގުކޮށްފައި.
05 ޖުލައި 2025 - 13:34
ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު އިންޑިއާގެ އަދާނީ ގުރޫޕަށް ވިއްކާލަން އުޅޭ ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރުގައި، ހަނިމާދޫ އެއާޕޯޓް އިންޑިއާގެ އަދާނީ ގުރޫޕަށް ވިއްކާލުމުގެ މަޝްވަރާތަކެއް ކުރި ކަމަށް ތުހުމަތުކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އަރިސް ބޭފުޅެއް ކަމަށްވާ، އިންޑިއާގެ ބިލިއަނަރު ގޯތަމް އަދާނީގެ ކުންފުންޏަށް ހަނިމާދޫ އެއާޕޯޓް ވިއްކާލަން އުޅޭ ކަމަށް ބުނާ ވާހަކަ ދޮގުކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ އެތަން ބޭރު ބަޔަކަށް ވިއްކާލަން ނުވަތަ ކުއްޔަށްދޭން ވެސް ނޫޅޭ ކަމަށެވެ.
"ހަނިމާދޫ އެއާޕޯޓް ބޭރުގެ ފަރާތަކަށް ވިއްކާލަން ނުވަތަ ކުއްޔަށްދޭން އުޅޭކަމަށް ބުނެ ފަތަރަމުންދާ ވާހަކަ އާއި، މިކަމާ ބެހޭގޮތުން ސިންގަޕޫރުގައި ބަޔަކާ ބައްދަލުކުރި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ބުހުތާނު ދޮގެއް،" ސައީދު ލިޔުއްވާފައިވެ އެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު (ކ) އާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ސަލާމް ކުރައްވަނީ -- ފޮޓޯ: މިހާރު
ހަނިމާދޫ އެއާޕޯޓަކީ މިވަގުތު ރާއްޖޭގައި ހިންގާ އެއާޕޯޓު ތަރައްގީ ކުރުމުގެ އެންމެ ބިޔަ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ އެއް މަޝްރޫ އެވެ. ކަލްޕަތަރު ޕްރޮޖެކްޓްސް އަށް މިހާރު ނަން ބަދަލުކޮށްފައިވާ އިންޑިއާގެ ކުރީގެ ޖީއެމްސީ ކުންފުންޏާ އެ އެއާޕޯޓްގެ މަސައްކަތް ހަވާލުކުރީ ސެޕްޓެމްބަރު 2022ގަ އެވެ. އެ މަޝްރޫއުގެ ދަށުން ހަނިމާދޫ އެއާޕޯޓުގައި 2.7 ކިލޯމީޓާރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ އާ ޓާމިނަލަކާއި އާ އެއާޓްރެފިކް ކޮންޓްރޯލް ޓަވަރަކާއި ކާގޯ އިމާރާތެއްގެ އިތުރުން ފިއުލް ފާމެއް ހެދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް.
އެންމެ ބޮޑެތި ބޯޓު ވެސް ޖެއްސޭ ގޮތަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރަނީ 2019 ވަަނަ އަހަރު ކުރީ ސަރުކާރުގައި، އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އެ މަޝްރޫއަށް 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދުކުރެ އެވެ.
ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިދިޔަ ހަފްތާގައި ވިދާޅުވި ގޮތުގައި އެ އެއާޕޯޓްގެ 88 ޕަސެންޓަށްވުރެ ބޮޑު ބައި ނިމިފައި ވާއިރު ހުރިހާ މަސައްކަތެއް ސެޕްޓެމްބަރު މަހަށް އެއްކޮށް ނިންމާލެވޭނެ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެއާޕޯޓުގެ ރަންވޭގެ މަސައްކަތް އެއްކޮށް މިހާރު ނިމިއްޖެ އެވެ. އަދި ޕަސެންޖާ ޓާމިނަލުގެ 83 ޕަސެންޓް ނިމިފައިވާ ކަމަށާއި އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި އެއާކްރާފްޓް މެއިންޓެއިނަންސް އަށް ހާއްސަ ސަރަހައްދާއި ކާގޯ ބިލްޑިންގެ 96 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޫހި
06 July 2025
ސައީދުމެން 5 އަހަރުގެ ޓާރމެއްގެ ތެރޭ ރައްޔިތުންގެ މުދާ ވިއްކުމަކީ ބޮޑު ވެގެންވާ ޚިޔާނާތެއް. މިއަށް ކިޔަނީ ގައުމަށް ގައްދާރުވުމޭ. މިފަދަ ކަންކަން ނުކުރާތި. ނަމަނަމަ އިންޑިޔާގެ ކުއްފުންޏަކަށް ނުދޭތެ. ސަބަބަކީ މިނިކާވަގެއް ފުއްލާއެއްގެ ސިފާގައި އަޔަސް އެވާނީ ހަމަ މިނިކާވަގަކަށް. ބަނޑުހައިވީމަ ކާލާނެ.
ސުފްޔާން
06 July 2025
ސިޓިންރޫމް ޖަލްސާއަށް މީހުން ގިނަކުރަން ޔާމީން ޖައްސާ މޮޅެތި ސްޓޯރީތައް
މިޒުއާން
06 July 2025
އެމްޑީޕީން އިންޑިޔާ މެދުވެރިވެގެން ޖެއްސިހާ ޑުރާމާތަކަށް ވަނީ ނިމުމެއް ގެނެސްފަ. އެއްވެސްތަނެއް އެއްވެސް ބަޔަކަށް ނުދޭނެކަން ޔަގީން
ލުފްޝާން
06 July 2025
ޔާމީން އަށް ހީވާކަހަލަ އޭނަ ކުރާ ޒާތުގެ ކަންކަން ރައީސް މުއިއްޒު ކުރައްވާނޭ.. އެމަނިކުފާނަކީ ފާޅުގަ މި ގައުމުގެ ހައްގުގަ ވަކާލާތް ކުރާވެރިއެއް، މިނިވަންކަން ގެއްލޭފަދަ އެއްވެސް ކަމެއް އެމަނިކުފާނެއް ނުކުރައްވާނެ
ސަބީލާ
06 July 2025
އަސްލު އުޅުނު. ބަސްޓް ވީމަ ކެންސަލް ކުރީ
ގަސަމް
06 July 2025
މި ސަރުކާރުގެ ކޮރަޕްޝަނެއް ނުފެނުނީމަ މިއޮށް ކޮރަޕްޓް މީހާއަށް ވާވަރެއް ދޯ.. ބަލަ ކަލޭ ފާޅުގަ ވ ކޮށްފަ މިއަދު މާ މައުސޫމް މީހަކަށް ވާންއުޅޭނެ ކަމެއްނެތް. މިގައުމު މިހާ ދަށްހާލަތަކަށް ވައްޓާލުމުގަ ކަލޭގެ އަތެއްވެސް ވޭ
ޝައުގީ މުހައްމަދު
06 July 2025
ބަދިގެ ޕާޓީއެއް ހިންގައިގެން އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަގަ ހުޅުވަން ލަދުކޮބާ؟ މުޅިން މިހެން ފިތުނަ އުފެއްދުން ނޫން ކަމެއް ނުކުރޭ.
ހަމަދު ސަލީމް
06 July 2025
ފެނޭތަ ޔާމީންއަށް؟ ދެން ދެއްކެން އޮތީ ކޮން ވާހަކައެއް؟
މުޙައްމަދު ބެ
06 July 2025
ސައީދު ދައްކާވާހަކަ ތީހަަމަ ހުސްދޮގު ،،، 400 މިލިއަން ޑޮލަރުވެސް އިޤުތިސޯދު ތެރެއަށް ވަދެ ތާށިވެގެން އެއުޅެނީ އަދި ނުނެރެވިގެން
ހައްގުބަސް.
06 July 2025
ހަމަ ގައިމުވެސް މި ސަރުކާރެއް ހަނިމާދޫ ކުއްޔަކައްވެސް ނުދޭނެ. އެކަމުގެ ގެރެންޓީ އެބައޮތް ނުވެސް ވިއްކާނެ. އެމްޑީޕީ މިކަން ކޮއްފާނެ އިންޑިޔާ އެހެންވެ އެމްޑީޕީ ހޮވަން އެއުޅެނީ.