ފެނަކައިގެ ޗެއާމަނަށް އައްޔަނު ކުރެއްވި ހުސައިން ޝާމް އާދަމް އާއި އެ މަގާމުގައި ކުރިން ހުންނެވި އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު (އެމްޑީ) ޝިމާދު އިބްރާހިމް.-- ފޮޓޯ: އެޓޯލް ނިއުސް
08 ޖުލައި 2025 - 20:50
ފެނަކައިގެ ޗެއާމަންކަމުގައި ހުންނެވި އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު ޝިމާދު އިބްރާހިމް އެ މަގާމުން ވަކިކޮށް ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ޝާމް އާދަމް އެ މަގާމަށް މިއަދު އައްޔަންކޮށްފި އެވެ.
ރަށްރަށަށް ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ކުންފުނީގެ ޗެއާޕާސަންގެ މަގާމަށް ގެނައި މި ބަދަލު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑުން މިއަދު ވަނީ އިއުލާނުކޮށްފަ އެވެ.
ގެއްލުމުގައި ހިންގަމުންދާ ފެނަކަ އަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް އެ ކުންފުނި ސަރުކާރުގެ މައި ވިޔަފާރި ކުންފުނި ކަމަށްވާ އެސްޓީއޯގެ ދަށަށް ބަދަލުކުރަން ނިންމައި ވަގުތީ ގޮތުން ސިމާދު އެ މަގާމަށް އައްޔަންކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.
ނަމަވެސް ފަހުން ވަނީ އެސްޓީއޯގެ ދަށަށް ފެނަކަ ގެންދިއުން މަޑުޖައްސާލައި، އެހެން ހައްލެއް ހޯދުމަށް މަސައްކަތް ކުރާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފަ އެވެ.
ފެނަކައިގެ ޗެއާމަންކަމަށް އައްޔަންކުރި ޝާމް ވަނީ 2016 އިން 2018 އަށް ފެނަކަގެ ބޯޑުގައި މަސައްކަތް ކުރަައްވައިފަ އެވެ.
ފެނަކައަކީ މިވަގުތު އެންމެ މުވައްޒަފުން އެންމެ ގިނަ ކުންފުންޏެވެ. އެ ކުންފުނީގައި 7،000 އަށް ވުރެ ގިނަ މުވައްޒަފުން ތިބިއިރު ލިބޭ އާމްދަނީގެ ގާތްގަނޑަކަށް 13 ޕަސެންޓް ހޭދަކުރަނީ މުވައްޒަފުންނަށް މުސާރަ ދިނުމަށެވެ. އަދި ދަރަނި ބޮޑުވެ ހިންގުން ވަނީ ދަތިވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނީލު.
09 July 2025
އެޑުރެހެއްވެސް ނެތް މީހެއްތަ ؟ އަނެއްކާ އިންޑިޔާ މީހެއްތޯ. އެދްރެސް ނެތީމަ ހަމަ އަހާލީ އިގޭތޯ.
އާދަނާ56
09 July 2025
ހަމަ އަޖައިބުވެއްޖެ....ހަމަ ނެތީތޯ؟