ހއ. ހޯރަފުށީގެ ޖުވެނައިލް ހާފްވޭ ހައުސް. -- ފޮޓޯ | ރައީސް އޮފީސް
03 އޯގަސްޓް 2025 - 13:33
ކުށުގެ ވެށީގައި އުޅޭ ކުދިންނާއި އަދި ނުރައްކަލަށް ހުށަހެޅިދާނެ ކުދިންނަށް ބޭނުންވާ ފަރުވާ ދިނުމަށް ހއ. ހޯރަފުށީގައި މިދިޔަ ޖެނުއަރީ މަހު ހުޅުވި ޖުވެނަައިލް ހާފްވޭ ހައުސްއަށް ކުދިން ގެންދަން ކޯޓުން އަމުރު ނުކުރާތީ އެތަނުގައި އެއްވެސް ކުއްޖަކު ނެތް ކަމަށް ޖުވެނައިލް ޖަސްޓިސް ޑިޕާޓްމެންޓުން ބުނެފި އެވެ.
ކުޑަކުދިންގެ އަދުލުގެ ގާނޫނުގައިވާ ގޮތުން ކުށުގެ ވެށީގައި އުޅޭ ކުދިންނާއި ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތު އޮތް ކުދިން އެކަމަށް މަރުކަޒެއްގައި ބައިތިއްބައިގެން ފަރުވާދޭން ޖެެހެ އެވެ. އަދި އެކަމަށް ދެ މަރުކަޒެއް ހެދި ނަމަވެސް 2019 ވަނަ އަހަރު އަމަލުކުރަން ފެށި ގާނޫނުގެ ދަށުން އެތަން ބޭނުމެއް ނުކުރެ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދ. ކުޑަހުވަދޫގައި ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރެއް އަދި ހއ. ހޯރަފުށީގައި ހާފްވޭ ހައުސްއެއް އިމާރާތްކުރި އެވެ. އަދި މިދިޔަ ޖެނުއަރީ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހޯރަފުށީ ސެންޓަރު ހުޅުއްވައިދެއްވައިފަ އެވެ.
ޖުވެނަލް ޖަސްޓިސްގެ ޑިޕާޓްމެންޓް ހިންގާ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ވަހީދު "މިހާރު" އަށް ވިދާޅުވި ގޮތުގައި އެތަން ހިންގަން ބޭނުންވާ މުވައްޒަފުންނާއި ކުދިންނަށް ފަރުވާ ދޭން ބޭނުންވާ ހުރިހާ ވަސީލަތެއް ވެސް އެ ތަނުގައި ފުރިހަމަވި ނަމަވެސް އެތަނަށް އެއްވެސް ކުއްޖަކު ނުގެންދަނީ ގާނޫނުގެ ދަށުން ކޯޓުން އެކަމަށް އަމުރެއް ނުކުރާތީ އެވެ.
"ތަން ހުރީ ހަމަ ރެޑީވެފައި، އެއްވެސް ކުއްޖަކު އެތަނަށް ގެނެސް ފަރުވާ ދޭން އަދި ކޯޓަކުން އަމުރެއް ނުކުރޭ،" އޭނާ ވިދާޅުވި އެވެ.
ޖުވެނަައިލް ހާފްވޭ ހައުސް އަދި ޖުވެނައިލް ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގެ ތެރެއިން ކޮންމެ ތަނެއްގައި އެއްފަހަރާ ހަ ކުދިންނަށް ފަރުވާ ދެވޭނެ ކަމަށް ހަސަން ވިދާޅުވި އެވެ.
މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެފައި ވަނީ ރެސިޑެންޝަލް ފަރުވާއަށްފަހު އެ ކުދިން ބަދަލުކުރަން ޖެހޭނީ ހާފްވޭ ހައުސްއަށް ކަމަށެވެ. ފުރަތަމަ މަރުހަލާ ފުރިހަމަ ނުކޮށް، އެ ނިޒާމުގައި ދެވަނަ ސްޓެޕަކަށް ނުދެވޭ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
އޭރު މިނިސްޓަރު ވިދާޅުވީ އެ މަރުކަޒު ހުޅުވުމާއެކު ރިސްކުގައި ތިބި އަދި އެންމެ އިސްކަންދޭން ޖެހޭ ކުދިންނަށް ރިހެބިލިޓޭޝަން ފަށާނެ ކަމަށެވެ. އެ ލިސްޓުގައި 200 އެއްހާ ކުދިން އެބަތިބި ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
ނުރައްކަލުގައި ތިބި ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ނަގައި ދިގު މުއްދަތަކަށް ރެސިޑެންޝަލް ފަރުވާ ދިނުމަކީ ވެސް އެ ގާނޫނުން ކުރަންޖެހޭ ކަމަށެވެ. ސަރުކާރުން ވަނީ "ލޯންގްޓާމް ރެސިޑެންޝަން ކެއާ ފެސިލިޓީ" ގާއިމްކުރަން ވަކި ރަށެއް ހަމަޖައްސައި، 18 އަހަރު ވަންދެން އެ ކުދިން ބަލަހައްޓަން ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
raajje
03 August 2025
ފަރުވާބޭނުންވާލިސްތުގައި އޭރު 200އެއްހާކުދިން ތިބިއިރުމިކަމަށްތައްޔާރުކުރި 2 ތަނުންކުރެ ކޮންމެތާކުވެސް އެއްފަހަރާ ފަރުވާދެވެނީ 6 ކުދިންނަށްކަމަށްމިއޮތީބުނެފަ، އެންމެ 6ކުދިންނަށް އަހަރެން ގޭގަވެސް ފަރުވާދީފާނަން، ކަމެއްކުރާއިރު ޑިމާންޑަށްބަލާ އެކަށީގެންވާގޮތެއްގާއެކަންކުރަންޖެހޭނުން އަމާބުނީތީފަރަށްދާހެން ކުރީމޭބުނަންތަކުރަނީ؟ ފާހަގަވި އަނެއްކަމަކީ ކޯޓުތަކުގެ ފަނޑިޔާރުންނަށް ފަރުވާދޭ ތިޔަ ދެމަރުކަޒުހުރިކަން ނޭންގެނީކަމަށްވެދާނެދޯ؟ ހެހެ
އަޅި އަލީ
03 August 2025
މޮޅެތި ނަންނަން ކިޔާފަ ތަން ތަން ހެދެނިކޮން ނިމުނީ!
މޭންް
03 August 2025
ކޯޓުތަކަށް ނުފޫޒު ފޯރުވުން ހުއްޓުނު ދުވަހަކުން އަދުލު ވެރިކޮށް ހުކުމް ހިގާނީ.
ޖަވާހިރު
03 August 2025
އަމުރު އެއީ ކޯޓުން އަމިއްލަ އަށް ފެނިގެން ނެރޭ ގޮތަށް އޮންނަ ކަމެއްބާ؟ ތި ކޮންކަހަލަ ނިޒާމެއް !