ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އާއި އޭނާގެ ދަރިފުޅު ޔޫސުފް އަލްސަން މުހައްމަދު.
13 އޯގަސްޓް 2025 - 15:35
މަޝްހޫރު ދިވެހި ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާގެ ދަރިފުޅު ޔޫސުފް އަލްސަން މުހައްމަދު މަގުމަތީ އެކްސިޑެންޓެއްގައި ނިޔާވިތާ އެއް މަސް ފުރުމާ ދިމާކޮށް، އަސަރުން ފުރިގެންވާ މެސެޖެއް އަޝްފާ ހިއްސާކޮށްފި އެވެ.
އަޝްފާގެ ފޭސްބުކް ޕޭޖުގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ އަލްސަންގެ ވަކިވުމަކީ މަންމަ އާއި ބައްޕައަށް އުފުލޭ ވަރަށް ވުރެ މާ ހައިބަ ބޮޑު ހިތްދަތި ކަމެއް ކަމަށެވެ.
މަންމަ އާއި ބައްޕަގެ ހިތާމަތަކާއި ރިހުންތަކަށް ކިރިޔާ ވެސް ލުޔެއް ލިބެނީ މާތްﷲ އާއި ދަރިފުޅު ދެކެ ވާ ލޯބީގެ ހައްގުގައި ކުރާ ނަމާދާއި ކުރާ ދުއާ އާއި ޒިކުރުތަކާއި ކީރިތި ގުރުއާނުގެ އާޔަތްތަކުގެ އެހީ އާއި މަދަދުން ކަން އިހްސާސްކުރެވޭ ކަމަށް އަޝްފާ ބުންޏެވެ.
އަޝްފާ އާއި އޭނާގެ ކުރީގެ ފިރިމީހާ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ)ގެ ހަމައެކަނި ދަރިފުޅު އަލްސަން، އުމުރުން އެންމެ 17 އަހަރުގައި ނިޔާވީ މިދިޔަ މަހު 14 ގަ އެވެ.
އަލްސަން ނިޔާވީ މާލޭ ބޮޑުތަކުރުފާނުމަގު، މާފަންނު ބަސް ޓާމިނަލް ކައިރީ ހިނގި އެކްސިޑެންޓުގައި އޭނާ ދުއްވި ސައިކަލު، މަގު ހުރަސްކުރަން އުޅުނު މީހެއްގެ ގައިގައި ޖެހި، ޕިކަޕެއްގައި ޖެހި ލިބުނު އަނިޔާގަ އެވެ.
އަޝްފާ ބުނީ މަންމަ އާއި ބައްޕަ އަދި ދެ ފަރާތުގެ މުޅި އާއިލާ އާއި އަލްސަންގެ އެންމެ ގާތް އެކުވެރިންނާއި އެ ކުދިންގެ މައިންބަފައިން ވެސް އޭނާ ދެކެ އިންތިހާއަށް ލޯބިވާ ކަމަށެވެ.
"އެ ހުރިހާ ހިތްތަކެއްގައި ދަރިފުޅަށްޓަކާ ހާއްސަ ޖާގައެއްވާ ކަން ދަރިފުޅުގެ ވަދާއީ ވަގުތުކޮޅުގައި ވެސް ފެނިގެންދިޔަ. އިހުސާސް ކުރެވިގެން ދިޔަ،" އަޝްފާ ބުންޏެވެ.
"އެވަރުގެ ޖަނާޒާއަކާއި އެވަރުގެ ކަށުނަމާދެއް ދަރިފުޅަށް މިންވަރުކޮށްދެއްވި ކަމަށްޓަކާ اللہ سبحانہ وتعالیގެ ހަޒްރަތައް ހަމްދާ ޝުކުރު ކުރަން."
އަލްސަން ކަށުނަމާދު ބޭއްވީ މާފަންނު އާސަހަރާގަ އެވެ. އެ ޖަނާޒާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޅުގަނޑު 01
13 August 2025
ކަށުނަމާދުގައި އަޅުގަނޑު ބައިވެރި ނުވަން. ލިބުނު ހިތްދަތިކަމުން ސަހަރާއަށް ދާނެ ހިތްވަރު ނުލިބުނީ. ނަމަވެސް ވަރަށް ހެޔޮދުޢާ ކުރިން އަދި އަބަދުވެސް ހެޔޮ ދުޢާ ކުރަން. އިންޝާ ﷲ.
ލައިޓް
13 August 2025
އިންސާﷲ އަލްސަން އާއި އާއިލާޔަށް ﷲ ރަހުމަތްލައްވާށި! އާމީން!
ޙުނަފާ
13 August 2025
އަލްސަން ނިޔާވީ މިދިޔަ މަހު 14ގައެއް ނޫން.. 13ގަ.. ޔާاللہ އަލްސަންގެ ފާފަ ފުއްސަވައި ފުރާނަ މަތިވެރިވެގެންވާ ޖަންނަތުލް ފިރުދައުސްގައި ލައްވާށިއެވެ! ޢަދި ޢާއިލާ އަައް ކެއްތެރިކަން މިންވަރުކޮށްދެއްވާށި.آمیـــــــــــــن یارب العالمين
މަހާރަދުން
13 August 2025
ﷲ މެދުވެރިކުރައްވާނީ އެންމެ ހެއު ގޮތް!! އެ ހއު ގޮތް އަހރެމެނަށް ރޭކާލާނީ ވެސް އެކަމެއް އަހަރެމެނަށް ފެނުނީމަ...ކެތްތެރިކަން މިން ވަރު ކުރައްވާ މައްޔިތާ ހެއު ލައްވާށި...
ފތމގ
13 August 2025
ހަމަ އަސްލަށް ވެސް އެހެން ހިތައް އެރި. ރަނގަޅު ކުއްޖެއް ކަމަށް އިޝާރާތްކޮށްދޭ ކަށުނަމާދުގައި ބައިވެރިވި މީހުންގެ އަދަދު ގިނަވެފައި، ނުދަންނަ މީހުންނަށް ވެސް ކުރި އަސަރު ފާހަގަ ވީމަ. އަޅުގަނޑަށް ވެސް ރޭގަނޑު ނުނިދި ދިޔަ ދުވަސްކޮޅެއް. އަލްސަންއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި. އާމީން.