ކުރީގެ މެންބަރު ސަލީމާއި ހީނާ: ސަލީމް ހުށަހެޅުއްވި އަބުރުގެ ދައުވާ ކާމިޔާބު ނުވެ، އެ ކޯޓުން ކަނޑައެޅީ ދައުވާ ރައްދުވި ހީނާ އަށް ވަކީލު ފީ ދައްކައިދޭން.
22 ސެޕްޓެމްބަރ 2025 - 14:21
ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ސަލީމާ ބެހޭގޮތުން "ދިޔަރެސް" ނޫހުގައި ޝާއިއުކުރި ޚަބަރެއްގެ ސަބަބުން އޭނާގެ އަބުރު ގެއްލިފައިވާ ކަމަށް ބުނެ ގެއްލުމުގެ ބަދަލު ހޯދަން އެ ނޫހާއި ނޫހުގެ އެޑިޓަރު ހީނާ ވަލީދުގެ މައްޗަށް ދައުވާ ކުރިއިރު، ދައުވާ ކުރުމުގެ ހައްގު ދޫކޮށްލާފައި އޮތުމުން ދައުވާ ކާމިޔާބު ނުވެ، ހީނާ އާއި ދިޔަރެސް އަށް ޝަރީއަތުގެ ހަރަދުގެ ގޮތުގައި 15،000ރ. ދައްކަން ސަލީމްގެ މައްޗަށް ހުކުމްކޮށްފި އެވެ.
ސިވިލް ކޯޓުގައި ސަލީމް ދައުވާ ކުރެއްވީ ސޯޝަލް މީޑިއާގައި އާންމުވި ބަދުއަހުލާގީ ވީޑިއޯއެއްގައި ހިމެނޭ އެކަކީ ސަލީމް ކަމަށް ބެލެވޭ ކަމަށް، ދިޔަރެސްގައި ޖޫން 25، 2022 ގައި ޝާއިއުކުރި ޚަބަރެއްގައި ބުނެފައިވާ މައްސަލައިގަ އެވެ.
އެ ދައުވާގައި އެދުނީ ޚަބަރުގެ ސަބަބުން އަބުރަށް ހުތުރުވި ކަމަށް ކަނޑައަޅައިދިނުމަށާއި އެކަމުގެ މާއްދީ ބަދަލުގެ ގޮތުގައި 5،000ރ. އާއި މައުނަވީ ގެއްލުމުގެ ބަދަލަށް 10 މިލިއަން ރުފިޔާ އަދި ގާނޫނީ ވަކީލުގެ ފީއަށް 50،000ރ. ނަގައިދިނުމަށެވެ.
ސަލީމް މި ދައުވާ ކުރެއްވުމުގެ ކުރިން އޮތީ އޭރު އޮތް މީޑިއާ ކައުންސިލަށް ވެސް ޝަކުވާ ހުށަހަޅުއްވައިފަ އެވެ. އެހެންވެ ދައުވާލިބޭ ފަރާތްތަކުން ދިފާއުގައި އެންމެ ބޮޑަށް ފާހަގަކުރި އެއް ކަމަކީ އެއީ އެވެ. މީޑިއާ ކައުންސިލަށް މައްސަލަ ހުށަހަޅާ ފޯމުގައި އެ މައްސަލައަކާ ބެހޭ އެހެން ދައުވާތަކުގެ ހައްގު ދޫކޮށްލަން އިގުރާރުވެ ސޮއިކުރަން ޖެހެ އެވެ.
މީޑިއާ ކައުންސިލަށް ޝަކުވާ ހުށަހަޅާ ފޯމުގައި އޮންނަ އިގުރާރުގައި ވަނީ "... އަހުރެން މި ފޯމުގައި ބަޔާންކޮށްފައިވާ އެންމެހާ މައުލޫމާތަކީ، ސައްހަ ތެދު މައުލޫމާތުކަމަށާއި މި ފޯމުން ހުށަހަޅާ ޝަކުވާ އަކީ ގާނޫނަކުން ލިބިދޭ ހައްގަކުން ދައުވާ އުފުލިދާނެ ފަދަ ޝަކުވާއެއް ކަމަށްވާ ނަމަ، އެ ގާނޫނީ ހައްގު ދޫކޮށްލަން އިގުރާރު ވަމެވެ. މިކަމަށް މި އިގުރާރުވަނީ ދޫކޮށްލާ ހައްގުގެ ބާވަތާއި މިންވަރާއި އެކަމުން ނުކުންނާނެ ނަތީޖާއާ މެދު ފުރިހަމައަށް ވިސްނުމަށް ފަހުގަ އެވެ. އަދި އެކަމާ ބެހޭ ގޮތުން ހޯދަންޖެހޭ ގާނޫނީ ލަފާ ވެސް ހޯދުމަށް ފަހު އަމިއްލަ އިހްތިޔާރުގަ އެވެ."
މި ދައުވާއާ ގުޅިގެން ގާނޫނީ ވަކީލަށް ކުރަންޖެހުނު ހަރަދުގެ ގޮތުގައި 15،000ރ. ނަގައިދޭން ހީނާ އެދިފައި ވާތީ ގާޒީ ޒުލައިހާ ޝީޒާ ނިންމެވީ އެއީ އެކަށީގެންވާ އަދަދެއް ކަމަށާއި މިއީ ސަލީމް އެދިވަޑައިގެންފައިވާ ފަރުވާތައް ހޯދައިދެވެން ނެތް ދައުވާއަކަށް ވާތީ ހީނާ އާއި ދިޔަރެސްއަށް އެ ފައިސާ ލިބިދޭންޖެހޭ ކަމަށެވެ.
"ދެންފަހެ އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމުން، އަހްމަދު ސަލީމްގެ ފަރާތުން ދިޔަރެސް މީޑިއާ އަދި ހީނާ ވަލީދުގެ ކިބައިން މި ދައުވާއިން ހޯދުމަށް އެދުނު ފަރުވާތަކަކީ އަހްމަދު ސަލީމަށް ނަގައިދެވިދާނެ ފަރުވާތަކެއް ނޫން ކަމަށް ކަނޑައަޅައި މި ދައުވާއާ ގުޅިގެން ޝަރީއަތުގެ ހަރަދުގެ ގޮތުގައި 15،000ރ. އަހްމަދު ސަލީމް ދިޔަރެސް މީޑިއާ އަދި ހީނާ ވަލީދުއަށް ދައްކަންޖެހޭ" ކަމަށް ވަނީ ހުކުމްކޮށްފަ އެވެ.
އެ ފައިސާ އިއްޔެއިން ފެށިގެން 21 ދުވަހުގެ ތެރޭގައި، ސިވިލް ކޯޓު މެދުވެރިކޮށް ދައްކައި ހަލާސްކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
raajje
23 September 2025
ނަގާދޭންޖެހޭބަދަލެއްކަމަކަށް އަޅުގަނޑަކަށްނުވިސްނޭ، ސަބަބަކީކޯޓަށްމައްސަލައެއްހުށަހެޅީމާ ކޯޓުން މައްސަލަދިރާސާކޮށް އެކަމާގުޅުންހުރިފަރާތްތަކަށް ކޯޓަށްކިޔާނީ ހުށަހަޅާފައިވާކަންކަމަށްބަލާ މައްސަލަކުރިޔަށްގެންދަންޖެހޭކަމަށްފެނުނީމަ، މައްސަލަކުރިޔަށްގެންދަން ނުވަތަ ނުގެންދަން ނިންމަނީކޯޓުން، ދިވެހިރާއްޖޭގައިއުޅޭނަމަ ޝަރުއީކޯޓަކުންއެންގީމާ ކޮންމެމީހަކުވެސްގޮސްޖަވާބުދާރީވާންޖެހޭ އެކަމަށްހިނގާ ހަރަދުވެސްކުރާނީ އެމީހަކުއަމިއްލައަށް ހުށަހަޅާފަރާތަކުންނޫން
އިބރާާ
23 September 2025
މިއަށްދޯކިޔަނީ ސަދޫމްގެ އިންސާފު
ޗެކްޔޫއެސްކޮންސިއުމަރަޓްސް
23 September 2025
މިފެންނަނީ ގާޒީންގެ ތަންދޮރުނޭގޭ ކަން
ތަކުރު..
23 September 2025
އުފެދޭ ސުވާލަކީ ގާނޫނު އަސާސީން ލިބިދޭ ހައްގެއް، ދެ ފަރާތެއްގެ މެދުގައި ސޮއިކުރާ އެއްބަސްވުމަކުން އުނި ކުރެވިދާނެތޯ؟ އެހެނީ، މީޑިޔާ ކައުންސިލަށް އެހެން މީހަކަށް ލިބިފައިވާ ގާނޫނުއަސާސީގެ ދަށުން ދައުވާ ކުރުމުގެ ހައްގެއް އެގްރީމެންޓެއްގެ ދަށުން އުނިކުރެވިދާނެތޯ؟ މިހެން ކަމަށް ވާނަމަ ހޮސްޕިޓަލްތަކުންވެސް ފަރުވާ ދިނުމުގެ ކުރިން ހޮސްޕިޓަލަށް ކިތަންމެ ބޮޑު ގޯހެއް ހެދުނަސް ދައުވާ ނުކުރަން އެއްބަސްވުމެއްގައި ސޮއިކުރަން ބަލިމީހާ ކައިރީ ބުނަންވީ.
raajje
23 September 2025
ތަކުރު..: މީޑިއާކައުންސިލަކަށް ގާނޫނު އަސާސީން ލިބިދޭ ހައްގެއް އެއްވެސްފަރުދެއްގެކިބައިން ނިގުޅައިނުގަނެވޭނެ، އެފަދަ އެއްބަސްވުމެއްގައި ސޮއިކުރުވުމަކީ ގާނޫނާހިލާފުކަމަކަށްނޫނީނުވާނެ، މީޑިއާކައުންސިލުންމައްސަލަ ބަލަމުންދާއިރު ނުވަތަ ބަލާނިމެންދެން ޝަރުއީ ކޯޓަކަށް މައްސަލަ ހުށަނޭޅުމަށް ޝަރުތުކުރެވިދާނެ އެއީ އުފެދޭނެ ކޮންފުލިކުޓުހުރެދާނެތީދޯ
ސުވާލުން
22 September 2025
އަބުރު އުފަންވީ ވަރަށް ފަހުން ދޯ؟ އޭރު އަބުރެއް ނޯވޭ. އަދި ދޮގުހެދުންވެސް އޯކޭ ނޫންބާ!
ގަރުދިޔަ
22 September 2025
އަބުރާ ބެހުނު މީހުންނަށް ލާރިދޭން ކޯޓުން ހުކުމްކުރުމުން ދޭހަކޮށްދެނީ އަބުރާބެހުމަކީ ކޯޓަށްބަލައިގަނެވޭ އަދި އިނާމު ދެވޭކަމެއްކަން. މިފަދަ ޙުކުމްތަކަކީވެސް ހަމަ އަދުލް އިންސާފްތޯ؟ ފާޑު ޖިޔަން ބޭނުން ނުވިޔަސް މިފެންވަރަށް ދިޔާމަ ފާދުކިޔާނަން.
އަބޫ
22 September 2025
އިންސާފުގެ ކޮޅެއްވެސްނެތް ... ހާދަފުރިހަމައޭ
މިއައު
22 September 2025
އެހެންވިއްޔާ ދެން އަމިއްލަ ކުންފުނިތަކަށް ސަރުކާރުން މަސައްކަތް ހަވާލު ކުރާއިރު ތިކަހަލަ ކްލައުޒް އެއް ލައިފިއްޔާޔޯ؟ މިހާރުވެސް މިއުޅެނީ ލާރި ނުދީގެން. ޤާނޫން އަސާސީއިން ލިބިދޭ ހައްގެއް ކޯޓުން އުނި ކުރެވިދާނެތޯ؟ ހާދަ ފާޑެއްގެ ގައުމެކޭދޯ މީ
ނޫނެކޭ
22 September 2025
ބަލަ، މީޑިއާ ކައުންސިލުގެ ޤާނޫނުގައޭ އެފަދައިން އިޤުރާރުވާންޖެހޭކަމަށް ކަނޑައަޅާފަ އޮތީ. ޤާނޫނުން އަސާސީ ޙައްޤު ހަނިކުރެވޭނެ.
ޢަރުތަ
22 September 2025
މިޒާތުގެ ކަންކަމާހުރެ ދިވެއްސަކަށް ވީތީ އަހުން މި ފަޚުރުވެރިވަނީ ފަޅައިގެން ދާވަރަށް.
އާނއެކޭ
22 September 2025
މާމޮޅަށް އެނގެނީ. ގާނޫނު އަސާސީ އާއި ޚިލާފަށް ގާނޫނެއް ނެހެދޭނެ. ގާނޫނާއި ޚިލާފަށް ގަވާއިދެއް ނެހެދޭނެ. ގާނޫނު އަސާސީން ދީފައިއޮތް ހައްގެއް އެއްވެސް މީހަކަށް ނުހިފެހެއްޓޭނެ.
ނޫނެކޭ
23 September 2025
ޤާނޫނުއަސާސީގެ 16 ވަނަ މާއްދާ ކިޔާލަބަލަ. ހެޔޮ ނުވާނެ. އަސާސީ ހައްޤުތަކަކީ ހަނިވެސް ކުރެވޭ އަދި އަމިއްލަ އިޚްތިޔާރުގައި ދޫކޮށްލެވޭނެ ޙައްޤުތައް. ކާކުތަ ސަލީމް ކައިރީ ބުނީ މީޑިއާ ކައުންސިލަށް ޝަކުވާ ހުށަހަޅަން އަބުރުގެ ދަޢުވާގެ ކުރިން؟
ޓައްޕު ކުމާރު
22 September 2025
މަޖިލީހު މީހުންގެ ފެންވަރު މި ފެންނަނީ. "ކިޔަވައިގެން" ތިބި މީހުން އަދި މިއީ. އެތަނަށް ވަނުމަށްފަހު ނުކުންނަ އިރު މި ހުންނަނީ ނާށިގަނޑު އެކަނި
ޒައިކް23
22 September 2025
ބުރޯ މި ވާނުވާ އެބަ އެނގޭތަ؟ މަ ކުރާ ދަޢުވާއެއް މަ ބޭނުންވީމަ އަނބުރާ ގެނެވޭނެ ދޯ؟ އެކަމު އަނެއްކޮޅުން ވަކީލަށް ދެއްކި ލާރި މަ ޖެހޭނެ ދޭން.. އެއީ މިހާރު ޤާނޫނު އޮންނަ ގޮތް.. ވާނުވާ ނޭނގިގެން މިއުޅެނީ ކާކަށް
މޮޑަން
22 September 2025
ހަނދާނަށް އަންނަނީ އެއްކަލަ ސަދޫމުސިޓީގަ ބަކަރި ފޭރުމުން ކުރެވުނު ޝަރީއަތުގެ މަތިން.