އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ: އެ ކައުންސިލްގެ ދަށުން ފޭދޫ، ހުޅުދޫ އަދި މީދޫ ވަކިވުމާ ގުޅޭ ގޮތުން ނަގާ ވޯޓާ މެދު ހިޔާލު ތަފާތު. -- ފޮޓޯ: މިހާރު
11 އޮކްޓޯބަރ 2025 - 22:09
އައްޑޫ ސިޓީ ކައުންސިލްގެ ދަށުން ފޭދޫ، ހުޅުދޫ އަދި މީދޫ ވަކިކޮށް އެ ރަށްތަކަށް ވަކި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށް ނަގާ ވޯޓުގައި އެ ސިޓީގެ މެންބަރުން މައްސުނި ހިޔާލުތަކެއް ފާޅުކުރައްވައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލްގެ ދަށުން، އެ ސިޓީގައި ވަކިން އޮންނަ ތިން ރަށް ވަކިކޮށް، ވަކި ކައުންސިލްތަކެއް ހެދުމާ މެދު އެ ތިން ރަށު މީހުންނަށް ފެންނަ ގޮތެއް ބެލުމަށް މި މަހުގެ 25 ވަނަ ދުވަހު ވޯޓު ނަގަން ތައްޔާރުވެފައި ވާއިރު ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ވަނީ އެ ރަށްތައް ވަކިކުރުމާ ދެކޮޅަށް ވޯޓު ދިނުމަށް ގޮވާލައްވައިފަ އެވެ.
އަލަށް އަމަލުކުރަން ފެށި ރިފަރެންޑްރަމް ގާނޫނުގެ ދަށުން ނަގާ ފުރަތަމަ ވޯޓާ ގުޅޭ ގޮތުން އަޒާން ސޯޝަލް މީޑިއާގައި ލިޔުއްވާފައިވާ ގޮތުގައި ސިޔާސީ މައިދާނުގައި، އައްޑުއަށް ނިސްބަތްވާ ސިޔާސީ މީހުންނަށް އޮތް އެންމެ ބޮޑު ބާރުވެރިކަމަކީ އަދި އައްޑޫ ރައްޔިތުންނަށް އޮތް އެންމެ ބޮޑު ބާރުވެެރިކަމަކީ، މާލެ ފިޔަވައި ރާއްޖޭގެ ދެ ވަނައަށް އެންމެ ބޮޑު އާބާދީ، އެއް އަޑަކުން އަޑު އިއްވުމުގެ ފުރުސަތު އޮތުމެވެ.
މިރާއްޖޭ ސިޔާސީ މައިދާނެ، އައްޑޫއަށް ނިސްބަތްވޭ ސިޔާސީ މީހުންނަށް އޮތް އެންމެ ބޮޑޮ ބާރަވެރިކަމަކީ، އަދި އައްޑޫ ރައްޔިތުންނަށް އޮތް އެންމެ ބޮޑޮ ބާރަވެރިކަމަކީ، މާލެ ފިޔަވައި ރާއްދޭ ދެވަނާއް އެންމެ ބޮޑޮ އާބާދީގެ ގޮތެއް އެއް އަޑަކުން އަޑަ އިއްވުމުގެ ފުރުސަތު އޮތުން. ވަކި ވަކި…
— Ahmed Azaan (@axanner) October 11, 2025
އޭނާ ވިދާޅުވި ގޮތުގައި ވަކި ވަކި ކައުންސިލް ހަދައި މިހާރު އޮތް ސިޓީ ކައުންސިލުން ވަކިވުމަކީ އެ ބާރުވެރިކަން އަތުން ދޫވެ، ސިޔާސީ ގޮތުން އައްޑުއަށް ނިސްބަތްވާ މީހުންނަށް ޖުމްލަ ގޮތެއްގައި ނިކަމެތިކަން ލިބުމުގެ ފުރުސަތު ވަރަށް ބޮޑު ކަމެކެވެ.
"ޒަމާނުއްސުރެ އައްޑޫގެ ވެރިކަން ކުރަނީ ހިތަދޫ ކަމަށް ވާތީ އިދާރީ އިންތިޒާމުތައް ގާއިމްވެފައި ހުރިގޮތުން އެހެން އަވަށްތަކުގެ މީހުންނަށް ދަތިތަކާއި ކަންބޮޑުވުންތަކާ ކުރިމަތިވާނެ ކަމީ ހަގީގަތެއް،" ރަށު ބަހުރުވައިން ކުރެއްވި ޕޯސްޓުގައި އަޒާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ކަންބޮޑުވުންތައް ހުރި ނަމަވެސް އައްޑޫ އެކަތިގަނޑަކަށް ވެ، ސިޓީ ކައުންސިލްގެ އިދާރީ އިންތިޒާމްތައް ރާވާފައި ހުރި ގޮތްތަކަށް ބަދަލުތަކެއް ގެނެސް ހައްލު ހޯދޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެކަމަށް މަސައްކަތްކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް ވެސް އަޒާން ވިދާޅުވި އެވެ.
"އަޅުގަނޑު އެދެނީ މި މަހުގެ 25 ވަނަ ދުވަހު ނަގާ ވޯޓުގައި ފޭދޫ، މީދޫ އަދި ހުޅުދޫ ރައްޔިތުން ވެސް އައްޑޫ ވަކި ކައުންސިލްތައް ހަދަން ނުފެންނަ ކަމަށް ވޯޓު ދިނުން،"
ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ވަނީ ކޮންމެ ރަށެއްގައި ވަކި ކައުންސިލެއް އުފެއްދުމަށް ތާއިދުކުރައްވައިފަ އެވެ. ފޭސްބުކްގައި އޭނާ ކުރެއްވި ޕޯސްޓުގައި ވަނީ ކައުންސިލްތައް ވަކިކުރުމުން ލިބޭނެ ފައިދާތައް ބަޔާންކުރައްވައިފަ އެވެ.
އައްޑޫ މީދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުއްރަހުމާން ވެސް ވަނީ އެކަމަށް ތާއިދުކުރައްވައިފަ އެވެ.
ފޭސްބުކްގައި އޭނާ ކުރެއްވި ޕޯސްޓުގައި ސިފަކުރެއްވީ މީދޫއަކީ ބެލެނިވެރިއަކު ނުފެނިގެން އުޅޭ، ޔަތީމު ބައެއްގެ ގޮތުގަ އެވެ.
"އެއްވެސް މީހަކު އަހަރެމެން ބަލާ ހިތުން އުޅޭނެ ކަމެއް ނެތް. އަހަރެމެންނާ އެހެން ބަޔަކު ހަވާލުކުރަން އުޅޭނެ ކަމެއް ވެސް ނެތް. އަހަރެމެންނަށް އަހަރެމެންގެ ހާލައިގެން މާ ރީއްޗަށް އުޅެވޭނެ،" މިދިޔަ އަންގާރަ ދުވަހުގެ ރޭ އޭނާ ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.
އައްޑޫ ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތަށް ބަދަލު ގެންނަން ހިޔާލު ހޯދުމުގެ ވޯޓެއް ނަގަން ނިންމެވީ އެ ސިޓީގެ ބައެއް މީހުންގެ ފަރާތުން އެ މައްސަލަ ލިބިވަޑައިގެންފައިވާތީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި، ހިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާއާ ގުޅިގެން އައްޑޫގެ ރަށްރަށުގެ އިހުތިސާސަށް އަތުވެދާނެ ބަދަލުތައް ދެނެގަތުމަށްޓަކައި ލޯކަލް ގަވަމެންޓް މިނިސްޓްރީން އިސްވެ، މިނިސްޓްރީ ލެވެލްގެ ޓީމެއް އެކުލަވައިލާނެ އެވެ. އެ ޓީމުގެ ދަށުން "އައްޑޫގެ ކޮންޓެކްސްޓް" އެނގޭ މީހުންގެ ފަންނީ ޓީމެއް އެކުލަވާލައިގެން އައްޑޫގެ ރަށްރަށުގެ އިހުތިސާސާ ގުޅޭ މަސައްކަތްތައް ފެށުމަށް ވެސް ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަތްޖަހާ ދެން
13 October 2025
ޕީއެންސީ މުއީޒުއާއި ދޯޕައްޓާ ނިޒާރު މިޔޮތީ އަފިރިން ބޮލަށް ބޮޑު ސީތަފާލެއް ލާފަ.
ހުޅުމާލޭ ބޮޑުމީހާ
12 October 2025
އެޗް.ޑީ.ސީ ގެ މުށުން ހުޅުމާލޭގެ މުނިސިޕަލް ކަންކަން އުނިކޮށް ރަށްވެހިކަމުގެ ރޫހުއަންނަ ގޮތަށް “ހުޅުމާލޭ ސިޓީ” އުފެއްދުން ނުހަނު މުޙިއްމު!!!
ހުސޭން
12 October 2025
މިހާރުދެން ތިއޮތީ ވަރަށް ރަނގަޅު އެއްޗެއް ހެދިފަ. އައްޑޫމީހުން އައްޑޫމީހުނާ ޖައްސާފަ ތިއޮތީ. މާލޭ މީހުނާ ސަރުކާރުގަތިބި މީހުނާ ރާއްޖޭގެ އެހެން ރަށްރަށުގެ މީހުން ތިބޭނެ ހޭން. އައްޑޫމީހުން އެބަޖެހޭ ވިސްނަން
ވިސް
12 October 2025
ނިޒާރުން އަތޮޅު ސަލާމަތްވުން މުހިންމީ. ވެރިކަންކުރަންނޭގޭނެ އަދި ޓައި އަޅަން އެގުނަސް.
ޒުބޭދާދީދީ
12 October 2025
ރަށު އޮފީސްހަދާފަ ކަތީބުން އައްޔަންކުރުން ރައީސަށް ދޭންވީ. ދެން އަތޮޅުއޮފީސްހަދާފަ ރައީސް ބޭނުންމީހަކު އަތޮޅުވެރިއަކަށް ހަދަންވީ. އައްޑުއަށް އިއްޒައްތެރި މުހައްމާވެސް ރަނގަޅުވާނެ. ކޮންތާކުތަ އެޓޯލްސް މިނިސްޓްރީ ހުންނަނީ؟ އެޓޯލްސް މިނިސްޓްރީ!
ރުހުސާނު
12 October 2025
މާދަމާ އަޑުއިވޭނީ ފޭދޫ ކައުންސިލުން ނިންމައިފިއޭ ފޭދޫ ހުރަސްކޮށް ގަމަށްދާ މީހުންއަތުން ޓޯލްއެއްނަގަން. ހަމަ އެގޮތަށް ހިތަދޫ ސިޓީކައުންސިލުން ނިންމައިފިކަމަށް ހޮސްޕިޓަލަށްދާ މީހުންއަތުން ފީއެއްނަގަން. އައްޑޫ މީހުނަކީ އެއްގަލަކަށްއެރޭވަރަށްވުރެ ހަސަދަވެރި ބައިބައިވުންބޮޑު ބައެއް. އަވަށްތަކުގެ ހަނގުރާމަ އަބަދުވެސް އޮވޭ. ފުށްޖަހާ ރީތިވެލައިގެން އިނގިރޭސިހެދިފަ ތިއްބަސް އައްޑޫ ތަރައްގީނުވަނީ އެއްބައިވަންތަކަން ނެތުމުން. އަދިވެސް ބައިބައިވޭތޯ ބަލާ.
ކުހޫ
13 October 2025
ހަސަދައީކީ ނޫން. ބޭނުންވަނީ އެންމެންގެ ހަމަހަމަކަން. އައްޑޫ މީހުން ފަރިތަވާނެ ޑިމޮކްރަސީ އަށް.
ކެވިން
12 October 2025
މި އިންތިހާބުގައި ވޯޓް ލުމުގެހައްގު ލިބިފައިނުވާ އެހެން ރަށްރަށުގެ މީހުން އިންތިބަށް ނުފޫޒު ފޯރުވުވަން މިވެނިހެންވާނޭ ވާނީ މިވެނި ގޮތަކަށޭ އެރަށުމީހުން ވޯޓް ދޭންވާނީ ކިޔާ. ވަކި ކައުންސިލެއް އެރަށުގައި ހަދަން ތިމަންނަމެންނަށް ނުފެނެއޭކިޔާ. އެ ރަށްރަށުގެ މިހުންގެ ހިތުގައި ޝައްކު އުފައްދާ ފިތުނަ ކުރަން ނޫޅެށެވެ. އެރަށު މީހުން ކައްކާގެން ކެއުމަށްވުރެ ތިމަން ރަށުމީހުން ކައްކާފަ ދޭ ބާކީ އެތިކޮޅު މާމީރުވާނޭ ބުނަނީ ޖޫސް ފޮދެއްހާވެސް ނުދޭ މީހުންނެވެ
ބެކަމް
12 October 2025
ފެންނަނުފެންނަ ވޯޓެއް ނަގަންޖެހޭނީ ވޯޓުލާ މީހުންނަށް ފުރިހަމަ މައުލޫމާތުދީ ހޭލުންތެރިކޮށްގެން. އެއްކޮޅަށްލާ ވޯޓަކުންނާއި ދެކޮޅަށްލާ ވޯޓަކުން ލިބޭނެ ފައިދާއާއި ގެއްލުން ރަނގަޅަށް އޮޅުންފިލުވައިދީގެން. ޢެހެންނޫނީ ބެލެވޭނީ ބަޔަކު އަމިއްލަފައިދާއެއް ހޯދުމަށްޓަކައި ރައްޔިތުންނަށް އޮޅުވާލީކަމަށް
އޮނަރަބްލް އަފީފު ދީދީ
12 October 2025
މަލްޓިޕާޓީ ޑެމޮކްރަޓިކް ނިޒާމް އައިފަހުން ދުވަހަކުވެސް އައްޑޫސިޓީގެ ޕާލެންޓް ގޮނޑިތަކުގެ މެޖޯރިޓީ އެމްޑީޕީ ނޫން ޕާޓީއަކަށް ލިބިފަައިނުވޭ. ނަމަވެސް 2023 ގެ ރިޔާސީ އިންތިޙާބާއި 2024 ގެ މަޖިލިސް އިންތިޙާބް ގައި PPM ޕީއެންސީގެ ކެންޑިޑޭޓްގެ ގޮތުގައި ނިކުތް ޑރ މުއިއްޒު "އައްޑޫގެ ވޯޓް ހޯދަންވެގެން" އައްޑޫގެ ވަކިންއޮންނަ ހުޅުމީދޫ އެހެން ރަށްތަކާއި ގުޅާލަން ބުރިޖް އަޅާނެކަމަށް ވަޢުދުވުމުން އައްޑޫމީހުންގެ ވޯޓް މިޕާޓީތަކަށް އެމީހުންދިންކަން އެންމެނަށް އިގޭ.
އޮނަރަބްލް އަފީފު ދީދީ
12 October 2025
ވެެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މަސައްކަތް ފައްޓަވަން ވިދާޅުވެ އައްޑޫ ރައްޔިތުންގެ ވޯޓް ހޯދަން ވަޢުދުވި ހުޅުމީދޫ ހިތަދޫ ގުޅާލާ ކޯއްޓޭ ބުރިޖް މަސައްކަތް ނުފައްޓާ ވެެރިކަމުގެ ދައުރު ދެބައިވެފައިވާތީ، "ބުރިޖްގެ މަތިން ރައީސް އާއި ވަޒީރުން ހަދުމަފުޅު ނެތިގެން ދިޔަ ކަމަށް ވިޔަސް" އަހަރުމެން އައްޑޫ މީހުން މިއަދު ދެންމެއަކު ހިގިކަމެއް ފަދައިން އެވާހަކަތައް މަތިން ހަދާން އެބަހުރި. ތިޔަ ބުރިޖް އަޅާ ހުޅުމީދޫ އެއްފަސް ކުރާންވީމާ ތިއީ ކޮން ކަމެއް؟
ފަލްކީ
12 October 2025
ހިތަދޫގެ އަމިއްލަ އެދުން ބޮޑުވުމާއި ނަސްލީއިމްތިއާޒުގެ ސަބަބުން ހިތަދޫ އަކީ އެހެން ރަށްރަށާއި އެކުވެގެން އަތޮޅު ތަރައްގީ ކުރުމުގެ ގާބިލު ބައެއްނޫން. އެތަޖުރިބާ އެތައްޒަނުއްސުރެ އެހެން ރައްރަށު މީހުން ކޮށްފި. ވީމާ ދެންތިބި ރަށްރަށުގެ ކުރިމަގާ ތަރައްގީއަށްޓްކައި ރަށްރަށް ޑިސެންޓަރލައިޒު ކޮށް ވަކި ކައުންސިލްތަށް އެކުލަވާލްންޖެހޭ. ހިތަދޫގެ ވެރިކަމަކީ އެހެން ރަށްރަށަށް ހެޔޮނޭދޭ އެހެން ރަށްރަށުގެ ކުރިއެރުމަށް އޮތް ހުރަހަކަށް ވަނީވެފަ.