ރައީސް މުއިއްޒު ލ. ގަމަށް އިއްޔެ ވަޑައިގަތުމުން މަރުހަބާ ދަންނަވަން ނުކުތް މީހަކު އެ މަނިކުފާނާ އެކު ސެލްފީއެއް ނަގަނީ.---ފޮޓޯ: ރައީސް އޮފީސް
22 އޮކްޓޯބަރ 2025 - 06:47
އަތޮޅުތަކާއި ރަށްތަކުގެ މެދުގައި އަދުލުވެރިކަން ގާއިމް ކުރައްވާނެ ކަމަށާއި މިހާރު އެ މަނިކުފާނު ކުރައްވާ ކަމަކީ ޒަމާނުއްސުރެ އޮތް އެ ތަފާތުކުރުންތައް ނައްތާލުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ލ. އަތޮޅަށް މިދިޔަ ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގައި ގަމުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، އެއީ ސައިޒާއި އާބާދީގެ ގޮތުން ބަލާއިރު ބޮޑު ރަށަކަށް ވިޔަސް އާބާދީ އާއި ތަރައްގީ އެއްފަސްކުރުމުގެ ސިޔާސަތުގެ ވާހަކަތައް ޒަމާންތަކެއް ވަންދެން ދެއްކިއިރު އެކަށީގެންވާ ވަރުގެ ތަރައްގީއެއް އެއްވެސް ބަޔަކަށް ގެނެސް ނުދެވުނު ކަމަށެވެ.
އެއީ ގަމުގެ ރައްޔިތުން އަބަދުވެސް ދައްކާ އަދި ހަގީގީ ވާހަކައެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުގެ ޒިންމާއަކީ ތަފާތު ކުރުމެއް ނެތި ހަމަހަމަކަމާއި އަދުލުވެރިކަމާ އެކީގައި ގަމުގެ ރައްޔިތުންނަށް ތަރައްގީ ގެނެސް ދިނުން. އެކަން އިރާދަކުރެއްވިއްޔާ އަޅުގަނޑު ތިޔަ ލޮބުވެތި ރައްޔިތުންނަށް ފުރިހަމަ ކޮށްދޭނަން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ގަމުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ރޭ ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އަތޮޅުތަކާއި އެކި ސަރަހައްދުތަކާއި ރަށްތަކުގެ މެދުގައި ތަފާތު ކުރުމަކީ ކޮންމެވެސް ސަބަބަކާ ހެދި ރާއްޖޭގައި ޒަމާނުއްސުރެ އޮތް އާދައެކެވެ. އެކަމަކު، އެއީ އެ މަނިކުފާނު ގަބޫލުފުޅު ކުރައްވާ ހަމައެއް ނޫން ކަަމަށް ރައީސް ވިދާޅުވި އެވެ.
"ރައްޔިތުންނަށް އަޅުގަނޑު ވައުދު ވެގެން އައީ އަދުލުވެރިކަން ގާއިމް ކުރުމަށް. ހަމަޖެހުން ގައުމުގައި ހަމަޖެހުން ގާއިމް ކުރުމަށް. ގައުމުގައި ހަމަޖެހުމެއް ގާއިމެއް ނުވާނެ އަދުލުވެރިކަން ގާއިމް ނުކުރެވިއެއް، ތަފާތު ކުރުން ނައްތާނުލައެއް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ގަމުގެ ރައްޔިތުންނާ ރޭ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
އެހެންވެ، ރައީސް ވިދާޅުވީ، އެކި އަތޮޅުތަކާއި ރަށްތަކާއި ސަރަހައްދުތަކުގެ މެދުގައި ޒަމާނުއްސުރެ ބޭއިންސާފުން ކަންކަން ކުރަމުން އައި ކުރުން ނިމުމަކަށް ގެނައުމަކީ އެ މަނިކުފާނު މިހާރު ކުރައްވާ ކަންތައް ކަމަށެވެ. އެކަން މިހާރު ވެސް ފެންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ރާއްޖޭގެ އެކި ރަށްރަށުގައި އެކި ސަރަހައްދުތަކުން އެ ރަށްރަށުގެ ރައްުޔިތުންނަށް މިކަން ގަބޫލުފުޅު ކުރެއްވޭނެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަދުލުވެރިކަން ގާއިމް ކުރުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭނެ ކަމެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ގަމުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި ބައިވެރިވި ބައެއް އާންމުން.---ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވި ގޮތުގައި ގަމުގެ ރައްޔިތުންނަށް ބޭނުންވާ ތަރައްގީ އެންމެ ފުރިހަމަ ގޮތުގައި ހޯދައި ދިނުމަކީ އެ މަނިކުފާނުގެ ޒިންމާއެކެވެ. އެހެންވެ، އެކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ގަމުގައި ރޭ ބޭއްވި ޖަލްސާގައި ވަނީ އެ ރަށުގައި 100 ހައުސިން ޔުނިޓު އިމާރާތް ކުރުމުގެ މަސައްކަތް އެޗްޑީސީއާ ހަވާލުކޮށްފަ އެވެ. އަދި ގަމު ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީ ކުރުން އެމްޓީސީސީއާ ހަވާލުކުރި އެވެ.
މީގެ އިތުރުން ގަމުގައި އިތުރު ބަނދަރެއް ހެދުމާއި އެ ރަށުގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރަން ވެސް އެމްޓީސީސީއާ އެކު ކޮންސްޓްރަކްޝަން މިނިސްޓްރީން ރޭ ސޮއިކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސޭކުބެ
22 October 2025
އަދުލުވެރިކަމާމެދު ސުވާލެއް އުފައްދާނެ އެއްވެސް ޖާގައެއްނެތެވެ. ލ. ގަމަކީ ރާއްޖޭގަ އޮތް އެންމެ ބިންބޮޑުރަށެވެ. ގަމުގެ ދެބައިކުޅަ އެއްބައި ހުހަށް އޮތެއްކަމަކު އިންސާފުވެރި ވުމަށްޓަކައި އެރަށަށްވެސް ކައިރިން ރަށެއް ދެއްވައިފިއެވެ. އދ. އަރިޔަދޫ އަކީ ޤާނޫނުގަ ބުނާ ގޮތުން މާމިގިލީގެ އިހްތިސާސްތެރޭގައި ހިމެނިފައި އޮތް ރަށެކެވެ. މާމިގިލީ ދަނޑުބިން ހުސްވެ، އަރިޔަދޫ މާމިގިލީގެ ބައެއް ކަމުގައި ހައްދަވައި ނުދެއްވީ ވެސް ހަމަ އަދުލުވެރިކަމުންތޯއެވެ.
ޢަލީ ކުރުސީ
22 October 2025
އާދެ އާދެ! ބޮޑެތި މައްސަލަތަކަށް ރަޖިސްޓްރީ ފީ ނުދައްކައިގެން ކޯޓުން ބޭރުކޮށްލުން، ބޮޑެތި ޑްރަގް މައްސަލަތައް ސަރުކާރުން އެދިގެން އަނބުރާ ގެނައުން، މިހާކަންވަރަށް އަދުލުވެރިކަން ޤާއިމުކޮށްދެވޭނީ!
ގޮނުއަނގަ
22 October 2025
އެހެންވީމާ މިހާރު އެންމެ ގިނައިން ކޮށްދެއްވާ ކަންކަމުގައި ކޮންމެ ރަށަކު އެއަރުޕޯޓެއް އެޅުނީމާ އަދުލުވެރިކަން ޤާއިމުވެ ގައިމު ކޮށްދެވޭނީ. ބަސް މަދުކުރާށޭ. އަމަލު ގިނަކުރާށޭ މަށަށް ކިޔަވައިދިން އުސްތާޛު ބުނެދިނީ.
1828
22 October 2025
އެހެންވެ ދެއްތޯ ފުށި ދިއްގަރުފަޅު ހިއްކަން ފެށީ؟ އެހެންވެގެން ދޯ ރާއްޖެތެރޭގެ ރަށްތައް ފަޅުވެ، މާލެ އިތުރަށް ތޮއްޖެހެނީ؟
ޑޮލަރ
22 October 2025
ރައީސް ހެޔޮނުވާނެ ޑޮލަރ ރޭޑް ބަދަލެއްގެނެބަ
އާދަމް ހަލީމް
22 October 2025
ދެން ކީކޭ އިދިކޮޅުން ބުނާނީ؟ ކިހާ ސާފްކޮށް މިއޮތީ ރައީސް މިކަން ކިޔާ ދީފައި. މީގެ ސަބަބުން ހަމަ ޔަގީނުންވެސް ރަށުގެ ތަރައްގީއަށް އިތުރު ކުރިއެރުން އަންނާނެ ނޫންތޯ؟
މަފާޒް ސަލީމް
22 October 2025
އަސްލުވެސް. މިކަން މިއީ ކުރަން ލަސްވެސްވެއްޖެ ކަމެއް. މީގެ ސަބަބުން އިތުރު ކުރިއެރުން މި ސަރަހައްދުތަކަށް އަންނާނެ.
ބުރާންޗް
22 October 2025
އޭޓީއެމް އާ އަދުލުވެރިކަމާ ގުޅުންހުރި ކަމަށް ލަފާކުރެވޭ.
ކަބީލް
22 October 2025
އަދުލުވެރި ވެވިފަކޮބާ..އަތޮޅެއްގައި މީހުންދިރިއުޅޭ ރަށްތައް ހުރިިއިރު އެތައް ޒަމާނެއް ވަންދެން އަތޮޅުއެއްމެން ފަންހޮވާ ދަރުހޮވަން ބޭނުންކުރި ފަޅުރަށް ވަކި ރަށަކަށް ދެނީ..އެތައް ބަޔަކު އެންދަމާ މުށިމަސްބާނާހެދި ފަޅު ވަކިރަށަކަށް..ހުރިހާ ރަށަކަށްވެސް ފަޅުރަށާއި ފަޅު ދޭންޖެހޭ.
ހަމްދާ
22 October 2025
އެހެންވެތާ އައްޑޫ ވެސް ބައިބައި ކޮށްލަނީ