ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާ ކޮމިޓީއަށް ފިނޭންސް މިނިސްޓަރު ޒަމީރު މައުލޫމާތު ދެއްވަނީ. --ފޮޓޯ: ނިޝާން އަލީ | މިހާރު
10 ނޮވެމްބަރ 2025 - 14:44
ދައުލަތުގެ ބަޖެޓުގައި، ކުރިއަށް އޮތް އަހަރަށް ހިންގަން ރާވާފައިވާ ތަރައްގީގެ ވަކިވަކި މަޝްރޫއުތަކުގެ ތަފްސީލު ނުހިމަނަނީ ރައްޔިތުން ބޭނުންވާ މަޝްރޫއުތައް ހިންގުމަށް ޖާގަދޭން ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އަންނަ އަހަރުގެ ބަޖެޓުގެ ހިސާބުތައް ދައްކާ ގޮތުން ޕްރޮޖެކްޓްތަކާއި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގަން 9.3 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. އެއީ ޖުމްލަ ބަޖެޓުގެ 14 ޕަސެންޓެވެ. އަންނަ އަހަރަށް ލަފާކޮށްފައިވަނީ 64.3 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ކެޕިޓަލް ހަރަދުގެ ތެރެއިން ޕީއެސްއައިޕީ މަޝްރޫއުތަކުގެ ވަކިވަކި ތަފްސީލުތަކެއް މި އަހަރުގެ ބަޖެޓުގައި ވެސް ނެތެވެ. ހަމައެކަނި ހާމަކޮށްފައިވަނީ މަޝްރޫއުތަކަށް ކުރާ ހޭދަތަކަށް ޖުމްލަކޮށް ހިނގާނެ ހަރަދުތަކެވެ.
އެކަމުގެ ކަންބޮޑުވުން އޮޑިޓާ ޖެނެރަލް ވެސް ފާޅުކުރައްވާފައި ވަނިކޮށް، މަޖިލީހުގެ ބަޖެޓު ދިރާސާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އިދިކޮޅު އެމްޑީޕީގެ މެމްބަރުންގެ ފާޑުކިޔުންތަކާއި ސުވާލުތައް މިނިސްޓަރަށް އަމާޒުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާ ކޮމިޓީއަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މައުލޫމާތު ދެއްވަނީ. --ފޮޓޯ: ނިޝާން އަލީ | މިހާރު
އެކަމަށް ޖަވާބު ދެއްވަމުން ޒަމީރު ވިދާޅުވީ، މަޝްރޫއުތަކާ ނުބައްދަލު އަދަދުތަކެއް ޖަހައި، ބަޖެޓުގައި ތަފްސީލު ހިމަނާފައިވިޔަސް، އެކަމުން އެދެވޭ ނަތީޖާއެއް ހާސިލުނުވާ ކަމަށެވެ. އެގޮތަށް މެދުވެރިވަނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ރަށްރަށަށް ކޮންމެހެން ބޭނުންވާ މަޝްރޫއުތަކަކީ ކޮބައިކަން މާލޭގައި ތިބެގެން ދެނެގަތުމުގެ ފުރުސަތު ނޯންނާނެތީ އެވެ.
އޭގެ ބަދަލުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ސީދާ ރަށްރަށަށް ވަޑައިގެން، އެ ރަށެއްގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރަށަކަށް ބޭނުންވާ މަޝްރޫއުތައް އޮޅުންފިލުއްވައި، ރައްޔިތުން ބޭނުންވާ ގޮތަށް އެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ ސަގާފަތެއް ގާއިމުކުރައްވާފައިވާ ކަމަށް ޒަމީރު ވިދާޅުވި އެވެ.
"ބަޖެޓުގައި ޖަހައި މަޝްރޫއުތައް ތަންފީޒުކުރާ ކަމަށްވަންޏާ އެކަންތައް ކުރެވޭނެ އެންމެ ރަނގަޅު މެކޭނިޒަމްކަމެއް ގާއިމުކުރެވިފައި މި ވަނީ،" ޒަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، މިހާރު އަމަލުކުރަމުން އަންނަ އުސޫލުގެ ތެރެއިން، ރަށަކަށް ބޭނުންވާ ދާއިރާއަކުން އެންމެ ބޭނުންވާ މަޝްރޫއު ހިންގުމުގެ ޖާގަ ވަނީ ލިބިފަ އެވެ.
ސަރުކާރުގެ އަމާޒަކީ، ފައިސާގެ ދަތިކަމެއް ދިމާނުވެ، ސަރުކާރުން ދޭންޖެހޭ އެހީތެރިކަމެއް ފޯރުކޮށްދީ، މަޝްރޫއުތައް ވީއެންމެ އަވަހަކަށް ނިންމުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
މިގޮތުން، މި އަހަރަށް ކަނޑައެޅި ގިނަ މަޝްރޫއުތައް ވެސް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށާއި، އޭގެ ތެރެއިން އެއް ބައި މަޝްރޫއުތައް ނިންމައި، އިފްތިތާހު ވެސް ކުރެވިފައިވާކަން ޒަމީރު ފާހަގަކުރެއްވި އެވެ.
މި އަހަރު ކުރިއަށް ގެންދަން ކަނޑައެޅި ބާކީ މަޝްރޫއުތަކުގެ ތެރެއިން ގިނަ މަޝްރޫއުތައް، މިނިސްޓަރު ވިދާޅުވި ގޮތުގައި، އަންނަ އަހަރު ނިމޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވޮޗްމޭން
10 November 2025
"ރަށްރަށަށް ކޮންމެހެން ބޭނުންވާ މަޝްރޫއުތަކަކީ ކޮބައިކަން މާލޭގައި ތިބެގެން ދެނެގަތުމުގެ ފުރުސަތު ނޯންނާނެތީ އެވެ." މި އޮތް ޓެކްނޮލޮޖީގެ ޒަމާނުގައި ރަށްރަށުގެ ހާލަތު ނޭގޭތީ ރައީސް މީހާ މިދިޔަ އަހަރު ދުވަސް ދެތޭ ހުރިހާ ރަށަކަށް މިނިސްޓަރުން ގޮވާއިގެން އަރާ ރައްޔަތުން ގާތުން މަސައްކަތް ކުރި އިރުވެސް ރައްޔަތުން ސީދާ ބޭނުންވާކަމެއް ނޭގުނު. އަނެއްކާ ނޭޝަނަލް ޕްލޭންއެއް 30 އަހަރަށް ދެން ހަދާނީ ވެސް ކިހިނެތް. މިލިޔަން ރުފިޔާ ބޭކާރު.
ކޮސް
10 November 2025
މިހުންނަނީ ދައްކާވާހަކަ. ރައްޔިތުންނަށްވީ ވައުދުތަކަކީ ރައްޔިތުންގެ ބޭނުންތަކެއްނު. އެހެންވީމަ އެކަންކަން ކޮށްދޭން އެދޭތީ ވޓުދިނީ. ދެން އަނެއްކާ ރައްޔިތުންގެ ބޭނުންތައް ހޯދަން ރަށްރަށަށް ބުރުއަޅަން ޖެހޭ ހާލަތެއްނެތް. ބަޖެޓު ހަމަޖެހުނު ރަށްތަކާއި އަދަދުތައް ޖަހަން ނުޖެހޭ ސަބަބުވެރި ހާލަތެއްވެސް ނެތް. އޮޅުވާލުމަށް ކުރިކަމެއްމިއީ....
މާހިރު
10 November 2025
ތަފްޞީލެއް ނެތި ހަމައެކަނި ޢަދަދުތަކެއް ޖެހުމަކީ ބަޖެޓް ހެދުންކަމަކަށް ނުބުނެވޭނެއެވެ. އެކަން އެގޮތަށް ކުރަނީ ރައްޔިތުން ބޭނުންވާކަންތައް ކުރަންކަމަށް ވިދާޅުވިނަމަވެސް ބަޖެޓް ހުސްވާނީ ވަކިބަޔަކު ބޭނުންކޮށެވެ. އެއީ ކޮރަޕްޝަންނޫން ދެންކޮންއެއްޗެއްތޯއެވެ.
ޕޮއް
10 November 2025
ވަޓް އަ ސިލީ އާގިއުމަންޓް