"އަޅުގަނޑުގެ ބޮޑު ވައުދު، 18 އަހަރުން މަތީގެ ބޯހިޔާވަހިކަމެއް ނެތް އެންމެންނަށް ގެދޮރުވެރިކަން ހޯދައިދިނުމުގެ ވައުދު ފުއްދުމާ ހަމައަށްދާން ތިން އަހަރު ތެރޭގައި ހިންގާނެ އިތުރު މަޝްރޫއުތައް އެބަހުރި."
ރަސްމާލެ ހިއްކުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ: އިކޯ ސިޓީއެއްގެ ގޮތުގައި ތަރައްގީކުރާ އެތަނުން ޖުމްލަ 25،000 ގޯތި ދޫކުރާނެ. -- ފޮޓޯ | މިހާރު
18 ނޮވެމްބަރ 2025 - 11:17
ބޯހިޔާވަހިކަމުގެ ދާއިމީ ހައްލަކަށް އިކޯ ސިޓީއެއްގެ ގޮތުގައި މި ސަރުކާރުން ތަރައްގީ ކުރާ ރަސްމާލެ އިން 25،000 ގޯތި ދޫކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ރައީސް މިދިޔަ ހަފުތާގައި އިއުލާން ކުރައްވާފައިވާ ގޮތުގައި، މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން 15،000 ގޯއްޗާއި 7،500 ފްލެޓް ދޫކުރާނެ އެވެ.
"ރަސްމާލެ އިން 15،000 ގޯތި ފުރަތަމަ މިދެނީ. މުޅި ރަސްމާލެއަކީ 25،000 ގޯތި، އެތަނުން ދޭނީ ގޯތި އެކަންޏެއް ނޫން. މޮޑާން އިކޯ ސިޓީއެއްގެ ގޮތުގައި އޮންނާނީ،" ރައީސް
މި ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަ ކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި ގޮތުގައި މި ސަރުކާރުގެ އެންމެ ބޮޑު ވައުދަކީ ބޯހިޔާވަހިކަމަށް ވާތީ، އެކަން ފުއްދުމުގެ ގޮތުން އަންނަ އަހަރުގެ ޖެނުއަރީ މަހު ހުޅުވާލާ ގޯއްޗާއި ފްލެޓްތަކުގެ ޝަރުތު ކަނޑައަޅާފައި ވަނީ އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް ހާއްސަވާ ގޮތަށެވެ.
ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ: އަލަށް ގެންނަ ޑްރެޖަރުތަކާ އެކު ފަސް މަސް ތެރޭގައި ހިއްކައި ނިމޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި. -- ފޮޓޯ | މިހާރު
ނަމަވެސް، އެ އަށް ޝަރުތު ހަމަނުވާ މީހުންނަށް ފުރުސަތު ގެއްލުނީ ނޫން ކަމަށާއި މި ސަރުކާރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ބޯހިޔާވަހިކަމުގެ ޔަގީންކަން ހޯދައިދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ބޯހިޔާވަހިކަން ނެތް އެންމެންނަށް ގެދޮރު ހޯދައިދިނުމުގެ ވައުދުގެ ދަށުން އަންނަ ޖެނުއަރީގައި ހުޅުވާލާ ފްލެޓްތަކާއި ގޯތި ދޫކޮށް އޭގެ ފަހުން ހިންގާ މަޝްރޫއުތަކާ އެކު މައްސަލައަށް ބޮޑު ހައްލެއް ލިބޭނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި. ފުރަތަމަ 7,500 ފްލެޓާއި ގޯތި ދޫކުރަން ޝަރުތު… pic.twitter.com/Re4Lmgm6Fi
— Mihaaru (@Mihaarunews) November 18, 2025
"އަޅުގަނޑުގެ ބޮޑު ވައުދު އެބަ އޮތް. އެއީ 18 އަހަރުން މަތީގެ އެއްވެސް ބޯހިޔާވަހިކަމެއް ނެތް ހުރިހާ ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން. އެހެންވީމަ [ތިން އަހަރު ތެރޭ] އެ ވައުދު ފުއްދުމާ ހަމައަށް ދާން އެބަހުރި އިތުރު މަޝްރޫއުތައް. އެހެންވީމަ އެއްގޮތަކަށް ވެސް އެއްވެސް ބޭފުޅަކު މާޔޫސްވެވަޑައިނުގަންނަވާތި،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ޖެނުއަރީގައި ކުރިމަތިލާން ހުޅުވާލާ ފްލެޓްތަކާއި ގޯތިތައް ވެގެންދާނީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ލިބޭނެ މަޝްރޫއަކަށެވެ.
"ރަސްމާލެ އިން 15،000 ގޯތި ފުރަތަމަ މިދެނީ. މުޅި ރަސްމާލެއަކީ 25،000 ގޯތި، އެތަނުން ދޭނީ ގޯތި އެކަންޏެއް ނޫން. މޮޑާން އިކޯ ސިޓީއެއްގެ ގޮތުގައި އޮންނާނީ،" ރައީސް ވިދާޅުވި އެވެ.
ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަ ދައްކަވަނީ. -- - ފޮޓޯ: ނިޝާން އަލީ / މިހާރު
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ފައިސާ ދައްކައި ނިންމާފައި ހުރި ބޮޑެތި ޑްރެޖަރުތައް އަންނަ ޑިސެމްބަރުގައި ރާއްޖެ ގެނެސް އަންނަ އަހަރުގެ މާޗް ނުވަތަ އެޕްރީލް މަހުގެ ތެރޭގައި ރަސްމާލެ ހިއްކައި ނިންމާނެ އެވެ. ގޯއްޗަށް ކުރިމަތިލާން ހުޅުވާލައި، ޝަރުތު ހަމަވާ މީހުން ކަނޑައެޅޭ އިރު ބިންތައް ހިއްކައި ނިމޭނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ކުރީ ސަރުކާރުން އަމަލުކުރި ގޮތަށް ނުހިއްކައި އޮތް ތަންތަނުން މި ސަރުކާރުން ގޯތި ދޫނުކުރާނެ އެވެ.
ރަސްމާލެ ތަރައްގީ ކުރަން ހިއްކާ ފުށިދިއްގަރުފަޅުން 1،153 ހެކްޓަރުގެ ބިން ހިއްކަން ވަނީ ނިންމައިފަ އެވެ. އޭރަށް، ހުޅުމާލެ 1 އަދި 2 އެއްކޮށްލީމަ ވާ ވަރުގެ ތިން ގުނަ ބިން އެ ތަނުން ލިބޭނެ އެވެ.
ރައީސްގެ ރިޔާސީ މެނިފެސްޓޯގައި ކަނޑައަޅާފައި ވަނީ ފުށިދިއްގަރުފަޅުގައި ގޯއްޗާއި ފްލެޓު ހިމެނޭ ގޮތަށް 65،000 ހައުސިން ޔުނިޓު ގާއިމުކުރުމަށެވެ.
ރަސްމާލެ އިން މިހާތަނަށް ހިއްކާފައި ވަނީ އެޗްޑީސީން މިދިޔަ ހަފުތާގައި ބުނެފައިވާ ގޮތުގައި 182.85 ހެކްޓަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އުނބ
18 November 2025
އެންމެ ފުރަތަމަ އިސްކަން ދޭމީހުންގެ ތެރޭގަ ހިމަނަންވީ މީހުންމަދުން ތިބިރައްތަކުގެ ރައްޔިތުން އެވެރިން މުޅިއުމުރު އެހޭދަކުރަނީ ގިނަ އަސާސީ ޙިދުމަތްތކުން މަހުރޫމުވެގެން ވީމާ އެންމެ މުހިއްމު ބައެއްގެ ގޮތުގަ މިމީހުން މަތިންހަނދާކޮށް ދެއްވުންއެދެން.
އަސަލޯ
18 November 2025
ދެއުޅިއެއް ނުވާ އިރުއިރުކޮޅާ ބަދަލުވާ ސިޔާސަތު. އޮއްޓަރެއް ނެތް ސިޔާސީ ސަކަރާތް ޖަހާ މީހެއް މުއިއްޒުއަކީ
ރައްޔިތުސޮރު
18 November 2025
ތިވިދާޅުވީ "ދެވަނަ ދަރަޖައިގެ" ރައްޔިތުންގެ ވާހަކަތޯ؟ އެއްވަނަ ދަރަޖައަށް މިލިބެނީ ގުރޭޓަރ މާލޭ އޭރިއާއިން! އެހެންނޫންތޯ!
ފާހަގަ ކޮށްލަން
18 November 2025
ދިވެހި ރާއްޖޭގައި ބޯހިޔާވެހިކަމެއްނޫން އެންމެބޮޑު މައްސަލައަކީ...... ސިއްޙީ ބޭސް ފަރުވާ.
ނިކާމު
18 November 2025
ސާާބަހޭ ރައީސް އަހަރެމއން ބޮޑުކުލީގަ ހަނާވާތާ 20 އަހަރު. އުންމީދު އާވެއްޖެ ..އެމުޑިޕީ ގެ ވާހަކަ އަހަން ފޫހިވެއްޖެ
މީމުން
18 November 2025
ސާބަހޭ ރައީސް ތީ ގައުމީ ބަތޮލެއް
ސިޔާސަތުގެ މައްސަލަ
18 November 2025
އެމީހަކަށް ލިބޭ ގޯތި ނުވަތަ ފްލެޓްގައި (ވަކި މުއްދަތެއް ފަހުން) އެމީހަކު ދިރި ނޫޅެންޏާ އެދެވެނީ ވިޔަފާރި ކުރަން ހިލޭ މުދާ ފަދަ އެއްޗެއް. ސިޔާސަތުގަ މަދުވެގެން މިއުޅެނީ މިފަދަ ލިމިޓްތައް. ހަމަ އެކަނި ދިނުމަކުން ނުފުދޭ. ދޭއިރު މިދެވެނީ ކޮން ހަމަޔަކުންތޯ ބަލަން ޖެހޭ.
ދޮން
18 November 2025
2 އަހަރު ތެރޭ 2 އެއަރ ޕޯޓް ޓާރމިނަލް ހުޅުވާ ޑިޔުޓީ ފުރީތައް ވިއްކާ ލާރި ހޯދަށް އެގުނު ރައީސް އަކަށް ބޯހިޔާވަހިކަން ހޯދައި ދެވޭނެކަމަށް މިހާރު ޤަބޫލުކުރަން ،،،
ސަހަރޯއި
18 November 2025
400 އަކަފޫޓަކީ ބޯހިޔާވަހިކަމެއްތޯ؟
އައިފާން
18 November 2025
ރައްޔިތުންނައް ދީފައި ހަވާލު ނުކޮއް ހުރި ގޯތި ތައް މިހާރު ވެސް މަދެއް ނޫން.