ކެމްބޯޑިއާ ސިފައިންގެ ހަމަލާއެއްގައި ތައިލެންޑު ސިފައިންގެ މީހަކު މަރުވުމުން، ތައިލެންޑުން ކެމްބޯޑިއާއަށް ވައިގެ މަގުން ހަމަލާދޭން ފަށައިފި އެވެ.
ތައިލެންޑު ސިފައިންގެ މީހަކު މަރުވީ ދެ ގައުމުގެ މެދުގައި އުފެދިފައިވާ އިމުގެ މައްސަލައިގައި، އެއް ގައުމުން އަނެއް ގައުމަށް ހަމަލާދޭ ކަމުގެ ތުހުމަތުތައް މި ފަހުން އަނެއްކާވެސް ބޮޑުވެފައި ވަނިކޮށެވެ.
ތައިލެންޑު ސިފައިންގެ ތަރުޖަމާނު ވިންތައި ސުވަރީ ވިދާޅުވީ ރޭ ފަތިހު ހަމަލާދޭން ފެށީ އުބޯން ރަޓްޗަތަނީ ޕްރޮވިންސްގައި ކެމްބޯޑިއާ ސިފައިން އިސްވެ ހަމަލާދީ ތައިލެންޑު ސިފައިންގެ މީހަކު މަރާލައި ސިފައިންގެ އިތުރު ހަތަރު މީހަކު ޒަހަމްކޮށްލުމުން ކަމަށެވެ.
ވިންތައި ވިދާޅުވީ ވައިގެ މަގުން ހަމަލާ ދެމުން ގެންދަނީ ކެމްބޯޑިއާ ސިފައިން މިގޮތަށް ދޭ ހަމަލާތަކުގައި ބޭނުންކުރާ ތަންތަނަށް ކަމަށާއި ބޭނުމަކީ އެފަދަ ހަމަލާތައް ދިނުމުގެ ގާބިލްކަން ކުޑަކުރުން ކަމަށެވެ.
ކެމްބޯޑިއާއަށް ތުހުމަތުކޮށް ތައިލެންޑުން ވާހަކަ ދައްކާފައި ވާއިރު ކެމްބޯޑިއާ އިން ބުނީ އިސްވެ ހަމަލާ ދިނީ ތައިލެންޑު ސިފައިން ކަމަށެވެ.
ކެމްބޯޑިއާގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާން މާލީ ސޮޗެޓާ ވިދާޅުވީ، ތައިލެންޑުގެ ސިފައިން ކެމްބޯޑިއާގެ ބޯޑަރު ޕްރޮވިންސްތައް ކަމަށްވާ ޕްރޭހް ވިހެރް އާއި އޮޑާރް މީންޗޭ އަށް ޓޭންކުން ހަމަލާދިން ކަމަށެވެ. އެކަމަކު އެ ހަމަލާތަކަށް ކެމްބޯޑިއާއިން ރައްދު ވެސް ނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ކެމްބޯޑިއާގެ އޮޑާ މީންޗޭ ޕްރޮވިންސްގެ ތަރުޖަމާން މެޓް މީސްފެކްޑޭ ވިދާޅުވީ، އެތައް ސަތޭކަ އަހަރެއް ވެފައިވާ ޓަމޯން ތޮމް އަދި ޓާ ކްރަބޭ ޓެމްޕަލް ސަރަހައްދުގައި ވެސް ހަމަލާދޭ ކަމަށާއި އެހެންވެ އެ ސަރަހައްދުތަކުން އާންމުން ނިކުމެ ރައްކާތެރި ހިސާބުތަކަށް ދަތުރުކުރަމުންދާ ކަމަށެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެ ސަރަހައްދުތަކުން 35،000 މީހަކު ވަނީ ނިކުމެފަ އެވެ.
މީގެ މަސްތަކެއް ކުރިން، ކެމްބޯޑިއާ އާއި ތައިލެންޑާ ދެމެދު ފަސް ދުވަސް ވަންދެން ހަމަލާތައް ބަދަލުކުރި އެވެ. އެ ފަހަރު ހަމަނުޖެހުންތަކުގައި 43 މީހުން މަރުވެ 300،000 އަށް ވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ދިޔަ އެވެ.