ކެމްބޯޑިއާ އާއި ތައިލެންޑުން ބޯޑަރު ސަރަހައްދުގައި ހަމަލާ ދެމުން ގެންދާތީ ރައްކާތެރިކަން ހޯދަން ފައްޅިތަކާއި ސްކޫލްތަކުން ބައި މިލިއަން މީހުން ހިމާޔަތް ހޯދަން ވަދެފި އެވެ.
އިމުގެ މައްސަލަގައި އޮތް ދެބަސްވުންތައް ހޫނުވެ ހަމަލާ ދެމުން ދާއިރު މި ހަފްތާގައި ވަނީ 14 މީހަކު މަރުވެފަ އެވެ. ހަމަނުޖެހުންތަކުގެ ނުރައްކާ ބޮޑުވަމުން ދާއިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އަނެއްކާވެސް ވަނީ މިކަން ހުއްޓުވަން މަސައްކަތްކުރައްވާނެ ކަމަށް ވިދާވެފަ އެވެ. އަދި ވަގުތުން ހަމަލާތައް ހުއްޓާލުމަށް ދެ ގައުމަށް ގޮވައިލެއްވި އެވެ.
އޮފިޝަލުން ވިދާޅުވީ ދެ ގައުމުގެ ބޯޑަރު ސަރަހައްދުގައި ޖެޓްތަކާއި ޓޭންކުތަކުން ހަމަލާ ދެމުން ދާއިރު 500،000 މީހުން އެ ސަރަހައްދު ދޫކޮށް ގޮސް، ސްކޫލްތަކާއި ފައްޅިތަކުގައި އުޅެމުންދާ ކަމަށެވެ.
ކެމްބޯޑިއާގެ ހުޅަނގު އުތުރުގެ ސަމްރާންގް ޓައުންގައި ހުންނަ އޭއެފްޕީގެ ނޫސްވެރިޔަކު ބުނި ގޮތުގައި އެތައް ސަތޭކަ އަހަރެއް ވެފައިވާ ފައްޅިއަކާ ދިމާލަށް ބޯޑަރު ހުރަސްކޮށް ހަމަލާދޭ އަޑު އިއްޔެ ހެނދުނު އިވުނު ކަމަށެވެ. އަދި ފައްޅިން ހިމާޔަތް ހޯދަމުން ދިޔަ އެތައް ސަތޭކަ ބަޔަކު މެންދުރު ފަހު އެތަން ދޫކޮށް ދާން ފެށި ކަމަށް ބުންޏެވެ.
ނަން ހާމަ ނުކުރާ ގޮތަށް ވާހަކަ ދެއްކި ކެމްބޯޑިއާ ފުލުހަކު އޭއެފްޕީއަށް ބުނީ އެތަނުން އާންމުން ހުސްކުރީ ތައިލެންޑުގެ ޖެޓްތައް އެ ހިސާބުން އުދުހެން ފެށުމުން، އެތަން ރައްކާތެރި ނުވާނެ ކަމަށް ބަލާފައި ކަމަށެވެ.
ތައިލެންޑާއި ކެމްބޯޑިއާގެ 800 ކިލޯމީޓަރުގެ ދިގު ބޯޑަރު ސަރަހައްދުގައި ހުންނަ، އިސްތިއުމާރީ ޒަމާނުގެ އާސާރީ ބިނާތަކާއި ފައްޅިތަކުގެ މިލްކުވެރިކަމާ މެދު ދެ ގައުމުގެ ދެމެދުގައި އަރައިރުން ބޮޑެވެ. މި ހަމަނުޖެހުންތަކުގެ އަސްލަކީ އެއީ ކަމަށް ވާއިރު މިއީ ޖުލައި މަހު ފަސް ދުވަސް ވަންދެން ހަމަލާދީ އެތައް ބަޔަކު މަރުވި ފަހުން އެންމެ ގިނަ މީހުން މަރުވި ފަހަރެވެ.
އެފަހަރު ވެސް ހަމަލާތައް ހުއްޓުމަކަށް އައީ ޓްރަމްޕު އެ ދެމެދަށް ވަންނަވައި ކުރެއްވި މަސައްކަތުންނެވެ.