އޯ ލެވެލްގެ ނަތީޖާ ލިބުމާއެކު މުހައްމަދު މާއިޒުގެ އާއިލާއަށް މާޔޫސްކަން ލިބުނެވެ. ހަގަށް ހުރި އެ ފިރިހެން ކުއްޖާގެ ބަލި ހާލަތު ހުރި ގޮތުން އޯ ލެވެލްގައި ރަނގަޅު ނަތީޖާއެއް ނުނެރެވުމުން ކިޔެވުމުގެ ދޮރު ބަންދުވި ކަމަށް ވިސްނުނެވެ. އަދި 17 އަހަރުގެ އެ ކޮއްކޮ އިތުރަށް ފިކުރު ބޮޑުވާން ފެށީ އެއްކޮށް ކިޔަވަން އުޅުނު ކުދިން އެހެން ސްކޫލުތަކުން އޭ ލެވެލް އަށް ފެށުމުންނެވެ. އޭނާ އަށް ފުރުސަތެއް ނެތް ކަމަށް ހީކުރެވުނީ އެވެ.

ނަމަވެސް، ސާނަވީ ފެންވަރަށް ފަންނީ ތަމްރީނު ދޭން ހާއްސަކޮށް މާލޭގައި ރަސްމީކޮށް މިދިޔަ މަހު ހުޅުވި ސްކޫލާ އެކު އެ ފަދަ އާއިލާތަކަށް ވަނީ ބޮޑު ހިތްހަމަޖެހުމެއް ލިބިފަ އެވެ.

ވޮކޭޝަނަލް ތަމްރީނަށް ހާއްސަކޮށްފައިވާ ސްކޫލު ހުޅުވަން މިދިޔަ މަހު ބޭއްވި ރަސްމިއްޔާތުގައި އެ ސްކޫލުގެ ދަރިވަރުންތަކެއް ބައިވެރިވަނީ.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
ވޮކޭޝަނަލް ތަމްރީނަށް ހާއްސަކޮށްފައިވާ ސްކޫލު ހުޅުވަން މިދިޔަ މަހު ބޭއްވި ރަސްމިއްޔާތުގައި އެ ސްކޫލުގެ ދަރިވަރުންތަކެއް ބައިވެރިވަނީ.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

މާއިޒް ބުނި ގޮތުގައި އައިޓީގެ ދާއިރާއިން ކުރިއަށްދާން ބޭނުންވެގެން ކޮއްކޮ އަބަދު ވެސް އެ ވާހަކަ ދައްކަ އެވެ. އެހެންވެ، ކިޔެވޭނެ ފުރުސަތުތައް ހޯދަމުން ދަނިކޮށް، ފަންނީ ތަމްރީނަށް ހާއްސަ ސްކޫލެއް ހުޅުވަން ތައްޔާރުވާތީ އެ އާއިލާއިން އެކަމަށް އިންތިޒާރުކުރި އެވެ. އަދި އޭގެ މައުލޫމާތުތައް ހޯދިއިރު، ކޮލެޖަކަށް ގޮސްގެން ފައުންޑޭޝަން ހެދުމަށް ވުރެ، ވޮކޭޝަނަލް ހައި ސްކޫލުން ހޯދައިދޭ ފުރުސަތު ރަނގަޅު ވެގެން ދިޔަ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނިގޮތުގައި ހައި ސްކޫލުގައި ކިޔަވަން މި ފެށި ދެ މަސް ދުވަހުގެ ތެރޭގައި ކޮއްކޮގެ އުޅުމަށް ވަނީ ވަރަށް ހެޔޮ ބަދަލުތަކެއް އައިސްފަ އެވެ.

ވޮކޭޝަނަލް ހައި ސްކޫލުގެ ކުދިންތަކެއް ސްކޫލުގައި.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ވޮކޭޝަނަލް ހައި ސްކޫލުގެ ކުދިންތަކެއް ސްކޫލުގައި.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

"މި ބަދަލު ބޮޑަށް ފާހަގަވާން ފެށީ ސްކޫލުން ކުދިންނާ ގާތުން މަސައްކަތްކުރާތީ އޭގެ ނަތީޖާ. ވަރަށް އެ ކުދިން ކަންކަމުގައި އެންގޭޖުކޮށް ކުރާކަން ފާހަގަކުރެވޭ." މާއިޒް ބުންޏެވެ. އެ ސްކޫލުގައި މި ވަގުތު އަންނަނީ އިސްލާމާއި ދިވެހީގެ އިތުރުން ޕްރެކްޓިކަލް އަދި އިންޑަސްޓްރީ ބޭސްޑުކޮށް ޕްރޮގްރާމްތަކެއް ހިންގަމުންނެވެ. އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލި 10 ޕްރޮގްރާމްގެ ތެރެއިން އެންމެ ގިނަ ދަރިވަރުން ކުރިމަތިލި ފަސް ޕްރޮގްރާމެއް މި ވަގުތު ހިންގަ އެވެ.

"ވޮކޭޝަނަލް އަކީ އެކަޑެމިކް އަށް ވުރެ ދަށް ލެވެލްގެ ގޮތުގައި ނުދެކޭށޭ. އެކަޑެމިކް ޕާތުވޭއާ އެއްވަރުގެ ގޮތުގައި ދެކެންޖެހޭ. އޭރުން އެ ކުދިންނަށް ލިބެންޖެހޭ އިތުބާރު، ކޮންފިޑެންސް އިތުރުވާނެ." އޭނާ ބުންޏެވެ.

މާއިޒް، "މިހާރު"އަށް އިންޓަވިއު ދެނީ. އޭނާގެ ކޮއްކޮ އަންނަނީ މި ސްކޫލުގައި އައިޓީ ކިޔަވަމުން.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
މާއިޒް، "މިހާރު"އަށް އިންޓަވިއު ދެނީ. އޭނާގެ ކޮއްކޮ އަންނަނީ މި ސްކޫލުގައި އައިޓީ ކިޔަވަމުން.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ އޭ ލެވެލްގައި މިހާތަނަށް ފަހިކޮށްދީފައި އޮތީ އެކަޑެމިކް ޕާތުވޭއެއް އެކަނި ކަމަށެވެ. އެހެންވެ، ގިނަ ކުދިންތަކެއް ރަސްމީ ތައުލީމުގެ ނިޒާމާ ނުގުޅި، ބާކީވެގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޯ ލެވެލް އަކީ ދަރިވަރުންގެ މުސްތަގުބަލު ބައްޓަންކުރާ ކަމެއްގެ ގޮތުގައި ބަލައިގެން ނުވާނެ ކަމަށާއި އެ އިމްތިހާނުން ދަށް ނަތީޖާ އަދި ޓެސްޓު އޮންނަ ދުވަހު ރަނގަޅަށް ޕާފޯމް ނުކުރެވޭ ދަރިވަރަށް ވެސް ރަނގަޅު ގޮތެއް އޮންނަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެހެންވެ، 60 ދަރިވަރުންނާއެކު އަލަށް ހުޅުވި ސްކޫލާއެކު، އުއްމީދީ މަންޒަރެއް ފެންނަކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"އެ ހިސާބުން އެ ކުއްޖާގެ މުސްތަގުބަލު ކަނޑައަޅާ ނިންމީ ކަމަށް އަޅުގަނޑުމެން ނިންމައިގެން ނުވާނެ. އެކަމަށް ފުލްސްޓޮޕެއް އަޅުގަނޑުމެން މި ޖެހީ،" އިސްމާއިލް ވިދާޅުވި އެވެ.

ވޮކޭޝަނަލް ހައި ސްކޫލު. މި ސްކޫލު މި ވަގުތު ހިންގަމުން އަންނަނީ ޕޮލިޓެކްނިކްގެ އިމާރާތުގައި.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ވޮކޭޝަނަލް ހައި ސްކޫލު. މި ސްކޫލު މި ވަގުތު ހިންގަމުން އަންނަނީ ޕޮލިޓެކްނިކްގެ އިމާރާތުގައި.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އޭނާ ވިދާޅުވީ އެ ކުދިން ކިޔަވާ އެއްޗަކުން، 15 ހަފުތާގެ ތެރޭގައި ބޭސިކް ލައިސެންސް ލިބޭނެ ކަމަށެވެ. އެއްކޮށް ކިޔެވުން ނިމޭނީ ސެޓްފިކެޓް ލެވެލް 4ގެ ކޯސް ނިމޭ ވަރަށް ދެ އަހަރުންނެވެ. އޭގެ ފަހުން، ކޮލެޖު/ޔުނިވާސިޓީތަކުން ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ. އެ ޕްރޮގްރާމާއި އިސްލާމާއި ދިވެހިން އޭ ސްޓާ ހޯދައިފިނަމަ ރައީސްގެ ސްކޮލަޝިޕް ހޯދުމުގެ ފުރުސަތު ފަހިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޓާގެޓަކީ މި މުއްދަތުގެ ތެރޭގައި މި ކުދިންނާއެކު މަޑުމަޑުން ކުރިއަށް ގޮސް, އޭ ލެވެލް ފެންވަރުގެ ސަނަދެއް ހޯދުން،" ޝަފީއު ވިދާޅުވި އެވެ.

ވޮކޭޝަނަލް ހައި ސްކޫލުގައި ކިޔަވައިދެމުން އަންނަ ކޯސްތައް

- އިލެކްޓްރިކަލް އިންޖީނިއަރިން

- ފޮޓޯގްރަފީ

- އިންފޮމޭޝަން ޓެކްނޮލޮޖީ

- ސްމޯލް ބިޒްނަސް މެނޭޖްމަންޓް

- އާކިޓެކްޗާ

މިނިސްޓްރީން ނިންމާފައިވަނީ އަންނަ އަހަރުގެ ތެރޭގައި ވޯކް ބޭސްޑު އެޕްރެންޓިސްޝިޕް ވެސް ތައާރަފްކުރާނެ ކަމަށެވެ. އޭރުން، ލައިސެންސް ލިބިފައިވާ ފަރާތްތަކާއެކު މަސައްކަތްކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. ޝަފީއު، "މިހާރު"އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އެޑިއުކޭޝަން މިނިސްޓަރު ޑރ. ޝަފީއު، "މިހާރު"އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އިސްމާއިލް ވިދާޅުވީ 60 ދަރިވަރުންނާއެކު ވޮކޭޝަނަލް ސްކޫލު ހުޅުވިއަސް ކުރިއަށް އޮތް ތަނުގައި އެ ތަނުގެ ޑިމާންޑު ބޮޑުވާނެ އެވެ. އޭގެ މިސާލެއްގެ ގޮތުން ނެންގެވީ ސީއެޗްއެސްއީ އެވެ.

ރާއްޖޭގައި އޭ ލެވެލްއަށް ހާއްސަ ފުރަތަމަ ސްކޫލު މީގެ 46 އަހަރު ކުރިން ހުޅުވީ 40 ދަރިވަރުންނާއެކުގަ އެވެ. ނަމަވެސް، މިހާރު އެތައް ސަކޭތަ ދަރިވަރުން ކޮންމެ އަހަރަކު ވެސް ކުރިމަތިލަ އެވެ. އެގޮތަށް، ވޮކޭޝަނަލް ސްކޫލަށް ވެސް ކުރިއަށް ތިން އަހަރުގެ ތެރޭގައި 100 އިން ގުނާލެވޭ ވަރަށް ދަރިވަރުން ގުޅޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ސްކޫލުގެ ކިޔެވުން މި ވަގުތު ކުރިއަށްގެންދަނީ ޕޮލިޓެކްނިކްގެ ވެސް އެހީތެރިކަމާއެކުގަ އެވެ. އެކަމަކު، މިނިސްޓްރީގެ ވިސްނުމަކީ ދަރިވަރުން އިތުރުވަމުންދާ ވަރަކަށް ޖާގަ ވެސް ފަހިކުރުމެވެ.

އިލެކްޓްރިކަލް އިންޖީނިއަރިން ކްލާހުގެ ދަރިވަރަކު ކިޔަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އިލެކްޓްރިކަލް އިންޖީނިއަރިން ކްލާހުގެ ދަރިވަރަކު ކިޔަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ސްކޫލުގެ ޕްރިންސިޕަލް އާމިނަތު އަފްރާ އާދަމް އިބްރާހިމް ވިދާޅުވީ ވޮކޭޝަނަލް ސްކޫލުގައި ގިނައިން ތިބީ އޯ ލެވެލް ނިންމުމާ ހަމައަށް ސްކޫލުގެ މާހައުލާ އެހާ ގާތް ކުދިން ނޫން ކަމަށެވެ. ނަމަވެސް، އާ ސްކޫލު ރަސްމީކޮށް ހުޅުވުމުގެ ކުރިން ބޭއްވި ކެރިއަ ގައިޑެންސް އަދި ސެލްފް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކަށް ފަހު އެ ކުދިންގެ ފަރާތުން ރަނގަޅު ބަދަލުތަކެއް ފެންނަން ފެށި ކަމަށް އަފްރާ ވިދާޅުވި އެވެ.

އޭގެ ތެރެއިން ވެސް އެންމެ އުފާވެރި ކަމަކީ، ދަރިވަރުން ކިޔަވަން ބޭނުންވެގެން ސްކޫލަށް އައުމެވެ.

ވޮކޭޝަނަލް ހައި ސްކޫލުގެ ޕްރިންސިޕަލް އަފްރާ "މިހާރު"އަށް އިންޓަވިއު ދެނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ވޮކޭޝަނަލް ހައި ސްކޫލުގެ ޕްރިންސިޕަލް އަފްރާ "މިހާރު"އަށް އިންޓަވިއު ދެނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

"ކުރިން އެއްވެސް ގޮތަކަށް ސްކޫލަށް ނުދާން ނުވަތަ ގަދަކަމުން ގެންދަން ނުވަތަ ހަމަ އެއްވެސް ވަރަކަށް ސްކޫލަށް ނުގޮސް ތިބި ކުދިން އަމިއްލައަށް ހޭލައިގެން، ރެޑީވެގެން ނުވަތަ މާކުރިން ރެޑީވެގެން މި ތަނަށް އަންނަން ބޭނުންވެގެން އަންނަ ކުދިން. އޯވަރޯލްކޮށް ވަރަށް ގިނަ ޕޭރެންޓުންގެ ފަރާތުން ލިބުނު ކޮމެންޓެއް އެއީ، މިހާރު މި ސްކޫލަށް އަންނަނީ އެ ކުދިން އަންނަން ބޭނުންވެގެން އަންނަ ތަނެއްގެ ގޮތުގައޭ، ތިމަންނަ ކޮންމެހެން މާ ބޮޑު މަސައްކަތެއް ކޮށްގެން ނޫނޭ އެ ކުދިން ފޮނުވަނީ." އަފްރާ ވިދާޅުވި އެވެ.

އަލަށް ހުޅުވި މި ވޮކޭޝަނަލް ސްކޫލަކީ ދަރިވަރުން ބާކީ ނުކުރަން ހުޅުވުނު މުހިއްމު ދޮރެކެވެ. އެތައް ދަރިވަރުންނެއްގެ މުސްތަގުބަލް ކަނޑައެޅިގެންދާނީ މިތަނުގެ ތެރެއިން ކަމަށް ޕްރިންސިޕަލް ގަބޫލުކުރައްވަ އެެވެ.