ޓްރީ ޓޮޕް ހޮސްޕިޓަލް ހުޅުވުން އަންނަ އޯގަސްޓް މަހަށް ފަސްވެއްޖެ

ހުޅުމާލޭގައި އަލަށް ހަދާ އެންމެ ޒަމާނީ ފެންވަރުގެ ހޮސްޕިޓަލުގެ މަސައްކަތް ކުރިޔަށްދާ ސްޕީޑް ލަސް ކަމަށާއި އެހެންވެ ކުރިން ލަފާކުރި މުއްދަތަށް ވުރެ ހުޅުވުން ތިން މަހެއްހާ ދުވަސް ލަސްވެދާނެ ކަމަށް ޓްރީ ޓޮޕް އިންވެސްޓްމަންޓުން މިއަދު ބުނެފި އެވެ.


ޓްރީޓޮޕް އިންވެސްޓްމަންޓުން ކުރިން ބުނެފައި ވަނީ މި އަހަރުގެ މެދެއްހާ ތަނުގައި އެ ހޮސްޕިޓަލުގެ ހިދުމަތް ދޭން ފެށޭވަރުވާނެ ކަމަށެވެ. ނަމަވެސް މިހާރު އެ ކުންފުނިން ލަފާކުރަނީ ހޮސްޕިޓަލް ހުޅުވޭވަރުވާނީ އަންނަ އޯގަސްޓް މަހުގެ ތެރޭގައި ކަމަށެވެ.

ހޮސްޕިޓަލްގެ މަސައްކަތް ކުރިޔަށްދާ ގޮތް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމަށް ދައްކާލެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އެ ކުންފުނީގެ ޑިރެކްޓަރު އަހުމަދު ސަލީމް ވިދާޅުވީ އެ ކުންފުނީގެ ބޭނުމަކީ ސިންގަޕޫރުގައި ހުރި ހޮސްޕިޓަލްތަކަށް ވުރެ ވެސް ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ތަރައްގީކޮށް، ހިދުމަތް ދިނުން ކަމަށެވެ.

ހުޅުމާލޭގައި ހަދާ ޓްރީ ޓޮޕް ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށް ދާގޮތް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ބައްލަވާލައްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

"އަޅުގަނޑުމެން ޔަގީންކޮށްދޭން ބޭނުން ވަނީ އަޅުގަނޑުމެން ހުޅުވާއިރު މިއީ ސައުތު އީސްޓް އޭޝިއާއެއް ނޫން އީސްޓް އޭޝިއާގައި ވެސް އެގްޒާމްޕަލް ހޮސްޕިޓަލަކަށް ވާނެ ފެސިލިޓީގެ ގޮތުން. އެއީ އަޅުގަނޑުމެންގެ ކުންފުނިން ކުރާ ވަރަށް ބޮޑު އުއްމީދެއް. ރައްޔިތުންނަށް ވަރަށް ބޮޑު ހެޔޮކަމެއް ލިބޭނެ ކަމަށް އުއްމީދުކޮށްގެން ކުރާ މަސައްކަތެއް މިއީ،" ހޮސްޕިޓަލްގައި ހުންނަވައިގެން ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހޮސްޕިޓަލްގެ މަސައްކަތް ނިންމައި ހަވާލުކުރެވޭނެ ދުވަހެއް ކަނޑައަޅަން ކޮންޓްރެކްޓަރު، ތުރުކީގެ ޓާމާކްސްއާ މިހާރު މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އަދި އެތަން މެނޭޖްކުރާ ކުންފުންޏާ ހަވާލުކުރެވޭނީ މަސައްކަތް ނިންމާތާ ތިން މަހެއްހާ ދުވަހުގެ ތެރޭގައި ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.

"މެނޭޖްމަންޓް ކުންފުނިން ބޭނުންވާނެ މިތަނުގައި ހުރި ސިސްޓަމްތައް ޗެކްކޮށް ރަނގަޅަށް މަސައްކަތްކުރޭތޯ ބަލަން. އެހެންވެ ލަފާކުރަނީ އޯގަސްޓް ހިސާބުގައި ހުޅުވާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ އެ ހޮސްޕިޓަލަށް ބޭނުންވާ ޑޮކްޓަރުންނާއި އެހެނިހެން މުވައްޒަފުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުމެއް ނުވޭ ސަރުކާރުގެ އެއްވެސް ހޮސްޕިޓަލަކުން މުވައްޒަފުން ގެންނާކަށް. އެހެން ހަދައިފި ނަމަ ސަރުކާރުގެ ހޮސްޕިޓަލްތަކުގެ ފެންވަރު ދަށްވެގެންދާނީ. އެހެންވެ މިހާރު ރެކްރޫޓްކުރަން ފަށައިފިން،" ސަލީމް ވިދާޅުވި އެވެ.

ހުޅުމާލޭގައި ބިނާކުރެވޭ ޓްރީ ޓޮޕް ހޮސްޕިޓަލްގެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ގާތްވެފައި..---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އޭނާ ވިދާޅުވީ އެ ހޮސްޕިޓަލުގައި ބައިޕާސް އޮޕަރޭޝަން ހެދުމަށް މިހާރު އޮސްޓްރިއާގެ ތަޖުރިބާކާރު ޑޮކްޓަރަކު ވެސް ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެއީ ހޯދަން އެންމެ އުނދަގޫވި އެއް ޑޮކްޓަރުކަން ވެސް ސަލީމް ފާހަގަކުރެއްވި އެވެ.

"އަންނަ ހަފުތާގައި އޭނާ ރާއްޖެ އަންނާނެ. އެހެންވީމަ އެއީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް،" އޭނާ ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ އެ ކުންފުނިން މަސައްކަތްކުރަނީ އެ ހޮސްޕިޓަލް ހިންގައިގެން ފައިދާ ހޯދަން ނޫން ކަމަށެވެ. އެހެންވެ ރައްޔިތުންނަށް ދޭ ހަދިޔާއެއްގެ ގޮތުގައި އެކަަށީގެންވާ ރަނގަޅު އަގުތަކެއްގައި ހިދުމަތް ފޯރުކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހޮސްޕިޓަލްގައި މިހާރު ކުރަމުން އަންނަ މަސައްކަތްތައް ބައްލަވާލެއްވުމަށް ފަހު ހެލްތު މިނިސްޓަރު ވިދާޅުވީ އެ ހޮސްޕިޓަލް ވެގެންދާނީ ރާއްޖޭގެ ސިއްހީ ނިޒާމަށް ވަރަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެ ތަނަކަށް ކަމަށެވެ. އަދި އެތަން ބައްލަވާލެއްވުމުން ފެނިވަޑައިގެންނެވީ ވަރަށް އުފާވެރި މަންޒަރުތަކެއް ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

"އެންމެ ޒަމާނީ ޓެކްނޮލޮޖީ ގާއިމުވެފައި ހުރި އެންމެ ފަހުގެ މެޝިނަރީޒްތައް ގެނެވިފައި ހުރި ހޮސްޕިޓަލެއް ނިމިގެންދާތަން އަޅުގަނޑަށް ފެނުނީ. ވަރަށް ހިތްގައިމު،" މިނިސްޓަރު ވިދާޅުވި އެވެ.